ދެކުނު އެފްރިކާއިން ފަލަސްޠީނަށް ސަޕޯޓު ކުރާތީ އެމެރިކާގެ ރައީސް ޓްރަމްޕާއި އޭނާގެ ސަރުކާރުން އެލާޖިކްވެފައިވާ ކަމަށް ފުރަތަމަ ދުވަހުން ފެށިގެން ދިޔައީ ސާބިތުކޮށް ދެމުންނެވެ.
ދެކުނު އެފްރިކާއަކީ އެމެރިކާއިން ދިން ހަތިޔާރާއި ފައިސާ ބޭނުންކޮށްގެން ފަލަސްޠީނުގެ ޣައްޒާގައި ނާޒީ ޒަޔަނިސްޓުން ހިންގަމުން ގެންދިޔަ ހޮލޮކޯސްޓާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުގައި ދައުވާ ކުރި ޤައުމެވެ.
އިއްޔެ އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ ޑިޕްލޮމެސީގެ އާންމު އުސޫލާ ޚިލާފަށް އަގަލު ކުޑަ ގޮތަކަށް ދެކުނު އެފްރިކާއިން އެމެރިކާއަށް ކަނޑައަޅާފައިވާ އެމްބެސެޑަރު އެމެރިކާއިން ބޭރުކުރުމަށް ނިންމާފައެވެ.
އެމެރިކާގެ ޓްރަމްޕްގެ ވެރިކަމުގައި މިފަދަ ކަންކަން ފެނުމަކީ އާދައިގެ ކަމެއް ކަމަށް ޑިޕްލޮމެޓުންނާއި ގައުމުތަކުގެ ވެރިން ދެކެއެވެ. ވައިޓްހައުސްގައި ޔުކްރެއިންގެ ރައީސާ މެދު އިހާނެތިކޮށް ކުރި މުއާމަލާތާއި އަދި އޭނާއާ ޒުވާބު ކުރި ބައްދަލުވުމަށް ދުނިޔެއިން ވަނީ ހެކިވެފައެވެ.
ދެކުނު އެފްރިކާއިން ބުނެފައި ވަނީ އެމްބެސެޑަރު އިބްރާހީމް ރަސޫލަށް އިހާނެތިކޮށް ހިތުމަކީ ބަލައި ގަންނާނެ ކަމެއް ނޫން ކަމަށެވެ.
އެމެރިކާއަކީ ދެކުނު އެފްރިކާގެ ދޮން މީހުން ހިންގި ނަސްލީ ދެކޮޅުވެރިކަމުގެ ސަރުކާރުގެ މަދަދުގާރެވެ.