އިންޖަރީގެ ސަބަބުން ބްރެޒިލްގެ ތަރި ނޭމާ, ގައުމީ ޓީމުގެ ސްކޮޑުން އޭނާއަށް ލިބުނު ޖާގަ ދޫކޮށްލައިފިއެވެ.

2024 ވަނަ އަހަރު އެއްކޮށް އިންޖަރީއާ ކުރިމަތިލަމުން އައި ނޭމާއަށް ވަނީ ދާދި ފަހުން, 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހަށްފަހު ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ލިބިފައެވެ.

ނޭމާގެ ފުޓުބޯޅަ ކެރިއަރުގެ ބިންގާ އަޅައިދިން ސަންތޯސްގައި އޭނާ ތަފާތު ކުޅުމެއް ދައްކަމުން އައި އިރު ފުޓުބޯޅަ ހުރިހާ ސްޕޯޓަރުން ވެސް ތިބީ ބްރެޒިލްގެ ޖާރޒީއެއްގައި ނޭމާގެ ޖާދޫ ފެންނާނެ އިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް އިތުރު އިންޖަރީއަކާ ކުރިމަތި ލާން ޖެހިފައިވާތީ އޭނާ ވަނީ ގައުމީ ޓީމުގެ ސްކޮޑުން ލިބުނު ޖާގަ ދޫކޮށްލަން މަޖުބޫރުވެފައެވެ.

ނޭމާގެ ބަދަލުގައި ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ, ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޒުވާން ތަރި އެންޑްރިކް, ކުރިއަށް އޮތް ވޯލްޑްކަޕް ކޮލިފައިއާސް މެޗުތަކުގައި ކުޅެން ބްރެޒިލްއިން ނަގާ ސްކޮޑުގައި ހިމަނާފައެވެ.