ވަގުތު ފާއިތު ވެގެން ދާ ގޮތް ނުވެސް އެނގި ދޮޅު ގަޑި އިރުގެ ޓޭޕް ހުސްވެދެއެވެ. އެކަމަކު އޭނާގެ ހިތުގެ އެދުމެއް، ބޭނުމެއް ނުއެއް ނިމެއެވެ. ހެނދުނުގެ އަޑުފައްގަނޑު އިވޭން ފަށައެވެ.
ދުރު ރަށްރަށުން އައި ތިމާގެ މީހުން ތިން ދުވަހު ތިބެފައި ފުރައިފިއެވެ. ސަލްމާއާއި ޖަވާދާ ދެމީހުން ގޭގައި އުޅެއެވެ. ފީރޯޒާއަށް އެ ގެ ވެފައި ވަނީ ދޫނި ކޮށްޓަކަށެވެ. ސަލްމާގެ ހިތަށް އަރައެވެ. “މި ދޫނިވެސް އުދުހިގެން ދާނެ ނަމައެވެ. މިހާރަކު އޭނާގެ އިއްޒަތެއް، އަބުރެއްވެސް ނެތެވެ. އަހަރެންގެ ކޮއްކޮ އޭނާޔާ އިންނާނެ ހެއްޔެވެ؟ އަހަރެމެންގެ ގޭގެ ޝަރަފު ކަމުގައި އެކަހަލަ އަބުރު ގެއްލިފައިވާ އަންހެނަކު ހަދާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ އަންހެނެއްގެ ފުށުން އަހަރެމެންގެ އާއިލާއަށް ދަރިން އުފަން ކުރުވާނީ ކިހިނެއް ހެއްޔެވެ؟ ދަރި ވައްޓާލުމުގެ ވާހަކަ އޭނާ އޮތީ ފޯނުން ބުނެފައެވެ. އޭނާ އެނބުރި އައިހާ އަވަހަކަށް އެކަން ހަމަޖައްސާނަމެވެ. ކޮނެމެވެސް މީހަކާ ފީރޯޒާ ދެވާފައި ގެއިން ނެރެލާނަމެވެ.”
އަކްބަރު އަތުވެއްޖެއެވެ. އޭނާ ފެނުމާއެކު ފީރޯޒާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ރުޅި އައިސްފައި ބުންޏެވެ. “އަކްބަރު އަހަންނަށް ފިލަފިލައިގެން ތިޔަ އުޅެނީ ކީއްވެގެން-؟ ހިތުގައި އޮތް އެއްޗެއް ސާފުކޮށް ނުބުނަނީ ކީއްވެގެން-؟”
އަކްބަރަށް ފީރޯޒާ ފެނުނީ ދެމަސް ދުވަސް ފަހުންނެވެ. މިހާރު އޭނާ ފެންނަނީ އިހަށްވުރެވެސް ރީތިކަމުގައެވެ. އެހައި ގިނަ ދުވަހު ލާހޯރުގައި ހުރި އިރުވެސް ފީރޯޒާގެ ބޭނުން އޭނާއަކަށް ނުކެނޑެއެވެ. ހިތަކުން ނުފިލައެވެ. މިހާރު ކައިރިއަށް އާދެވުނީމާ ހިތުގައި އޮތް އެދުން ފުރިގެން ބަނޑުން ވާން ފަށައިފިއެވެ. “ފީރޯޒާ- ފިލައިގެން އުޅޭން އަހަރެން މިއީ ފިނޑިއެއް ނޫން- ކޯޓުގައި އޮތް މައްސަލަ ދިގުލާން ފެށިމާ، މިހާރު މި އައީވެސް ރިޝްވަތު ދީގެން ވަގުތުކޮޅެއް ހޯދައިގެން-“
ސަލްމާ ބުންޏެވެ. “ބައްޕަޔާ ކަލެޔާ ދެމީހުން ތިޔަ އުޅެނީ އެއް މައްސަލަ ނިމުމާއެކީ އަނެއް މައްސަލައެއްގެ ތެރޭގައި އަވަދިނެތި- ތިޔަ ސިލްސިލާ ތާއުމުރަށް ދެމިގެން ދާނެކަން އަހަންނަށް ޔަގީން- މިހާރު ތިޔަހަރީ އާދެވިފައި- އެހެންވީމާ ވަކި ގޮތެއް މިހާރު ކަނޑައަޅައި ނިންމާ- ފީރޯޒާ ތާއަބަދު އެހެން ބައިންދައިގެންނެއް އަހަންނަކަށް ނުހުރެވޭނެ- ކަލޭ މާ ލަސް ކުރާ ކަމަށް ވަންޏާ އޭނާ އެހެން މީހަކާ ދެވާނަން-“
ފީރޯޒާ އޭނާގެ ފަހަރިޔާ ދިމާއަށް ބަލައިލިއެވެ. “ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް-؟ ކުރިމަތީގައި މިހިރީ އަހަރެންގެ ދަރިފުޅުގެ ބައްޕަކަން ފަހަރިއަށް ރަނގަޅަށް އެނގޭނެ- އެކަމަކުވެސް ތިޔަ ދައްކަނީ އަހަރެން އެހެން މީހަކާ ދެވާ ވާހަކަ- އަހަރެން މިއީ ގޭގައި ބަނދެފައި އިން ގެރިއެއްތަ-؟”
ސަލްމާ ބުންޏެވެ. “ފީރޯޒާގެ މައިންބަފައިން މަރުވީމާ މި ގޭގެ އިއްޒަތާއި އަބުރު ދެމެހެއްޓުމަކީ އަހަރެންގެ ޒިންމާއެއް- ކަލޭމެން ދެމީހުން އަވަހަށް ނީނިއްޔާ މި ގޭގައި ނާޖާއިޒު ކުއްޖަކު އުފަން ކުރުވާކަށް އަހަރެން ބޭނުމެއް ނޫން-“
އަކްބަރު ބުންޏެވެ. “ދައްތާ- ގޭގެ ވެރިކަން ލިބުނީމާ ހާދަހާ ވަރެކޭ ތިޔަ އަރުވައިލަނީ- ވަރު ނާރުވާނެ ކަމެއްވެސް ނެތްތާ ދޯ-؟ އެތައް ކުރޯޑު ރުފިޔާއެއްގެ ވެރިއަކަށް ވެއްޖެ ވިއްޔާ- މިހާރު ތިޔަ އުޅެނީ ކިރުތަށްޓަށް ވެއްޓުނު މެއްސެއްހެން އަހަންނާއި ފީރޯޒާ ނަގައި އެއްލައިލާން- މިހާރަކު ކުރީގެ ލޯތްބާއި މުރުއްވަތްތެރިކަމެއް ނުފެނޭ-“
“ވިޔާނުދާ އަނގަ ނުތަޅާ އަކްބަރު- ހަދާނެ ގޮތެއް އަވަހަށް ބުނޭ- ކާވެންޏާއި އެ ދަރިއާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމާ- ކަލޭ މިހާރު އޮންނާނީ ކޮންމެވެސް ހައްލެއް ހޯދާފައިކަން އަހަންނަށް އެނގޭ-“
“އާނ- ހޯދައިފިން- އަހަރެންގެ ފީރޯޒާގެ މައްޗަށް އަހަރެންގެ ފުރިހަމަ އިތުބާރު އެބައޮތް- އަހަރެން ބުނާ ކޮންމެ ގޮތެއް އޭނާ ހަދާނެ- މާދަމާ އިރު އޮއްސުމުގެ ކުރިން އޭނާ ދަރިފުޅު ވައްޓައިލާނެ-“
ފީރޯޒާ ތެޅިގެންފައި ކަހަލަ ގޮތަކަށް ބުނެލިއެވެ. “އެއްގޮތަކަށްވެސް ތިޔަ ހެންނެއް ނުހަދާނަން- އަހަންނަށް ތިޔަ ކަހަލަ އިތުބާރު ނުކުރޭ- އަހަރެމެންގެ ލޯތްބަށް ޖާއިޒު މަންޒިލެއް ލިބޭނީ ކާވެނި ކޮށްގެން- ދަރިފުޅު މަރައިލާން އުޅުމަކީވެސް ބޮޑު ފާފައެއް-“
“ފާފައާއި ސަވާބުގެ ވާހަކަ ނުދައްކާ- މީހުން އަހަރެމެންގެ މޫނަށް ކުޅު ޖަހާނެ-“
“ބައްޕަ އަހަރެންގެ މޫނަށް ކުޅު ޖެހި ގޮތަކަށް ދުނިޔެއަކަށް ކުޅެއް ނުޖެހޭނެ- އަހަރެން މިހާރު މިިހިރީ އަގު ވެއްޓުމާއި ބަދުނާމުވުމުގެ ހައްދުން ބޭރުގައި- މި ކުއްޖާއަކަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން- އަކްބަރު މިއަދު އަހަންނާ އިނދޭ-“
އަކްބަރު ބުންޏެވެ. “ކާވެންޏަކީ އަހަންނާއި ފީރޯޒާއާ ދެމީހުންގެ އެކަނި ކަމެއް ނޫން- އެއީ މުޅި އާއިލާގެ ކަމެއް- އެއީ ތުއްތު ކުދިންގެ ކުޅިވަރެއް ނޫން-“
“މިއީ ތުއްތު ކުއްޖެއްގެ ކުޅިވަރެއް- މި ދަރިފުޅަށް އަހަރެމެންގެ ދެމީހުންގެ އުނގުގައި ކުޅެން އޮންނާނޭ ފުރުސަތު ނުދީފިނަމަ، އަހަރެންގެ ލޯބި އަކްބަރަށް ބޮޑު މުސީބާތަކަށް ވެދާނެ-“
“ފީރޯޒާ- ފިރިހެނުންނަކީ އިންޒާރުގެ އަޑު އަހާ ބައެއް ނޫން- އެހެންވީމާ އަންހެނެއްގެ ހުދޫދުގައި ހުރެގެން ވާހަކަ ދައްކާ-“
“އަހަރެން އަންހެނަކަށް ވަނީ އަކްބަރުގެ ލޯބީގައި އެކަނި- އެހެން ނޫނީ އަހަރެން މިއީ ބަލާވެރިކަމެއް ފަދަ ޠޫފާނެއް- މާދަމާ މި ވަގުތު ޖެހުމުގެ ކުރިން އަކްބަރު އަހަންނާ ކާވެނި ނުކުރިއްޔާ އަހަރެން ގާނޫނީ ވަކީލުންގެ ކުލަބަށް ދާނަން- އަކްބަރު ޝަރީޢަތަށް ގެންދާނަން-“
ދެބެއިން ކަންބޮޑު ވެފައި އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ. ދެން އަކްބަރު ބުންޏެވެ. “ތިޔައީ ދައްކަން ފަސޭހަ ވާހަކައެއް- ކުރާކަށް ފަސޭހަ ކަމެއް ނޫން- ޝަރީޢަތަށް ދިޔައީމާ އަހަރެމެން ދެމީހުންވެސް ކުށްވެރި ވާނެކަން ނޭނގެނީތަ-؟ ދެ މީހުންނަށްވެސް އިއްވާނީ މަރުގެ ޙުކުމް- ރަޖަމު ކުރާނީ-“
“ތިޔަކަން އެނގޭ- އެކަމަކު އަހަރެމެންގެ ދަރިފުޅަށް ގާނޫނީ ހިމާޔަތް ލިބޭނެކަންވެސް އެނގޭ- އެ ކުއްޖާފުޅުގެ ކުށެއް ނެތް ކަމަށް ޝަރީޢަތުން ކަނޑައަޅާނެ- އެއީ އަހަރެމެން ދެމީހުންގެ ފާފައިގެ ބައިވެރިއެއް ނޫން- އެ ކުއްޖާފުޅު އުފަން ކުރުވުމުގެ ބައިވެރިންނަކީ އަހަރެމެން ދެ މީހުން-“
ސަލްމާ ބުންޏެވެ. “މޮޔަވީތަ-؟ ކަލޭ ބޭނުން ވަނީ މުޅި ދުނިޔޭގެ ކުރިމަތީގައި ބަދުނާމު ވުމަށް ފަހު މަރުވާންތަ-؟”
“އަބުރުވެރިކަމާއެކު ދިރިއުޅެންޏާ އަހަރެން އުޅޭނީ އަކްބަރާ އެކީގައި- ބަދުނާމުގެ މަރަކުން މަރު ވަންޏާ މަރު ވާނީވެސް އަކްބަރާ އެކީގައި- އަހަރެންގެ ދިރިއުޅުމުގެ އައްވަލަކީވެސް އާޚިރަކީވެސް އަކްބަރު- ބޭނުން ވަނީ ކޮން ކަހަލަ ދިރިއުޅުމެއްތޯ، ނޫނީ ކޮން ކަހަލަ މަރެއްތޯ ކަނޑައަޅަން އަހަރެން އަކްބަރަށް މި ދެނީ ސައުވީސް ގަޑިއިރު-“
ފީރޯޒާ މިހެން ބުނެފައި ދުރަށް ހިނގައިގެންފިއެވެ. ދެބެއިން އޭނާ ދާތަން ބަލަން ތިބީއެވެ. ދުރަށް ގޮސް އޮބައިލީމާ ސަލްމާ ބުންޏެވެ. “މާ ކަންތައް ބޮޑު ނުކުރޭ، އަކްބަރު- އޭނާގެ ކޮޓަރިއަށް ގޮސް އޭނާ ރުއްސޭތޯ ބަލާ-“
“އަހަރެން ދުވަހަކުވެސް އެއްވެސް އަންހެނަކު ރުއްސަން އާދޭހެއް ނުކުރަން- ފައިވާން އަބަދުވެސް އޮންނަނީ އަހަރެންގެ ފައިތިލައިގެ ދަށުގައި- ބޮލަކު ނޫން- ފީރޯޒާއާ އަހަންނަށް އެހެން މީހުންނަށްވުރެ ބޮޑަށް ގަޔާ ވެވުނީ- އެކަމަކު އިންޒާރު ދޭން ފެށީމާ ދެން ގެންގުޅެން ޖެހޭނީ ފައިތިލައިގެ ދަށުގައި-“
“އަރައިރުންވުމާއި، ތަޅާފޮޅުމާއި، ކޯޓަށް ދުވުމުގައި ކަލެޔާ ބައްޕަޔާ ދެ މީހުން ތިޔައީ އެއްވަރުގެ ދެ މާހިރުންކަން އަހަރެން ދަންނަން- އެކަމަކު މި އަންހެން ކުއްޖާއަކީ ކިހައި ވަރެއްގެ ބަލާއެއް ކަމެއް ކަލެއަކަށް ނޭނގޭ- ލޯބީގެ ބޭނުން ކޮށްގެން ކަލޭ ބޭނުން ވަރަކަށް އޭނާ ލޫޓުވާ- އެކަމަކު ލޫޓުވޭ ކަމުގެ އިހުސާސް އޭނާއަށް ކުރެވޭ ގޮތް ހަދައިފިއްޔާ ބޮޑު މުސީބާތަކަށް ބަދަލު ވާކަށް ލަހެއް ފަހެއް ނޯންނާނެ-“
“ތިޔަ ބުނަނީ އެ މުސީބާތް ދެކެ އަހަރެން ބިރު ގަންނާށޭތަ-؟ ހަރާން ދަރިއަކު ވިހަން އުޅޭ މީހަކާ އަހަރެން އިންނާން ވީއޭތަ-؟ ދައްތާ- ދައްތަވެސް މިހާރު އަހަރެން ރުޅި އަރުވަނީ- އަހަރެމެންގެ އާއިލާއަކީ އަބުރު ގެއްލިފައިވާ އަންހެނުން ޅީދަރިންނަށް ހަދާ އާއިލާއެއްތަ-؟ ދައްތަ ގަބޫލު ކުރަނީ އެއީ ބޮޑު މުސީބާތެއް ކަމަކަށްނު-؟ އެ މުސީބާތުގެ ފެންވަރު އަހަރެން ކިޔައިދެންތަ-؟ އޭނާ އަހަރެން ބަދުނާމު ކުރަން ގަސްތު ކޮށްފިއްޔާ، ގެންގޮސް ރަންޑީޚާނާއަކަށް ލާނަން- ކަސްބީ އަންހެނަކަށް ހަދައިލާނަން-“
އޭނާ ރުޅި އައިސްގެން ނުކުމެގެން ހިނގައްޖެއެވެ.
ފީރޯޒާ އެ މީހުންގެ ލޯމައްޗަށް ގެއްލުނު ކަމުގައި ވިޔަސް ދުރަކަށް ނުދެއެވެ. އެ މީހުންގެ ވާހަކަ އަޑު އަހަން ފިލައި އިނީއެވެ. އަކްބަރުގެ ކަންތައް ހުރި ގޮތާއި، ވާހަކައަށް ބަލާފައި އޭނާގެ ހިތަށް އެރިއެވެ. އޭނާއަށް ސައުވީސް ގަޑިއިރުގެ ވަގުތު ދީގެން، ވަގުތު ނަގައިލުމުގެ ބޭނުމެއް ނެތެވެ. އެކަހަލަ ނިރުބަވެރި، ބިންވެރި ގާތިލުންގެ ކިބައިން ސަލާމަތް ވާނޭ ގޮތުގެ ތަދުބީރު އަވަހަށް ކުރަން ވީއެވެ.
ތިން މީހުންވެސް ގެންދިޔައީ އެ މީހެއްގެ އަމިއްލަ ވިސްނުމާ ފިކުރާ އެއް ގޮތަށް ރޭވުންތައް ރާވަމުންނެވެ. އަކްބަރު ފީރޯޒާ އާ އިނަސް ނުވަތަ ނީނަސް، ފީރޯޒާ އެގެއިން ނެރެލާން އޭނާ ވަނީ ނިންމައިފައެވެ. އެ ދެމީހުންގެ މައްސަލަގަނޑު މާ ހޫނު ވެގެން ހިނގައްޖެނަމަ، ދެ މީހުންގެ މުއާމަލާތުގައި ދައްލާލަކަށް ވުމުގެ އިލްޒާމު އޭނާގެ ބޮލުގައި އެޅިގެން ދާނޭކަން ހަމަ ޔަގީނެވެ.
އޭނާ ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެ، އެތެރެއިން ދޮރު ތަޅުލުމަށް ފަހު، މަންގްލާ ޑޭމްގެ އޮފީހަށް ފޯނު ކޮށްފައި ޖަވާދަށް ގޮވައި ދޭށޭ ބުނެފިއެވެ.
“ތިޔައީ ކޮން ބޭފުޅެއްތޯ-؟”
“މިއީ ޖަވާދުގެ އަނބިމީހާ، ސަލްމާ-“
“މަޑު ކޮށްލައްވާ-“
ކުޑަ އިރުކޮޅެއް ފަހުން އިވުނީ ޖަވާދުގެ އަޑެވެ. “ސަލްމާ ރާނީ- އަހަރެން ދެކެ ލޯބި ތިޔަ ވަނީ ހާދަހާ ވަރަކަށޭ- ގެއިން އައިތާ އަދި މިވީ އެއް ގަޑި އިރާ ސާޅީސް މިނިޓު- މިހާރު ތިޔަ ފޯނު ކުރީ-“
“ތިޔައީ ކޮން ސަކަރާތެއް- ވާހަކަ ދައްކަން ފަށައިފިއްޔާ ހުއްޓައިލާކަށް ޖަވާދަކަށް ނޭނގޭނެ- އިހަށް އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ-“
“އާނ- ބުނޭ- އަހަރެން މިހިރީ އަޑުއަހަން-“
“އަހަރެމެން މިތިބީ މި ގެ ލޯބީގެ ގަނޑުވަރަކަށް ހަދައިގެންނެއްނު-؟”
“އާނ- ދެނޯ-؟”
“މި ގަނޑުވަރުގައި ތިން މަސް ދުވަސް ފަހުން އަހަރެމެންގެ ދަރިފުޅު އުފަން ވާނެ-“
“އާނ- އެ ދުވަހަކީ އަހަރެން ބޮޑު ޕާޓީއެއް ބާއްވައި، ފާހަގަ ކުރާނޭ ދުވަހެއް-“
“އޭގެ ކުރިން ހިތާމައާއި މުސީބާތުގެ ދުވަހެއްވެސް ފާހަގަ ކުރަން ވާނެ- މި ގޭގައި ހަރާން ދަރިއެއް ވިހަންވެސް ތައްޔާރު ވަމުން އެބަދޭ-“
“ކީކޭ-؟ ކީކޭ ތިޔަ ކިޔަނީ-؟ ކާކު ވިހަން އުޅެނީ-؟”
“ޖަވާދުގެ ކޮއްކޮ، ފީރޯޒާ-“
އޭނާ ރުޅި އައިސް ރަތް ވެއްޖެއެވެ. އެކަމަކު އޮފީސް ކަމަށް ވާތީ ރުޅި ދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނާ ދަތްކުނޑި ވިކައިލިއެވެ. “ފޯނު ކޮށްގެން ތިޔަ ދައްކަނީ ކޮން ކަހަލަ ވިޔާނުދާ ވާހަކައެއް-؟”
“މިއީ ވިޔާނުދާ ވާހަކައެއް ނަމަ ޖަވާދު ގެއަށް އަންނާންދެން އަހަރެން އިންތިޒާރު ކުރީމުސް- އެކަމަކު ތެދު ވާހަކައެއް ބުނަން ޖެހޭތީ އިންތިޒާރު ނުކުރީ- ހަވީރު ޖަވާދު ގެއަށް އަންނާން ވާއިރަށް ގޭގެ ބަދުނާމުގެ ވާހަކަ ފެތުރޭނީ ކިހައި ވަރަކަށް ކަމެއް ނޭނގޭ- އެހެންވީމާ ހަމަ މި ވަގުތު އާދޭ-“
“އަހަރެން މިހާރު މި އަންނަނީ-“
އޭނާ ފޯނު ބާއްވައިފިއެވެ.
އެގެއަށް ވަރުގަދަ ޠޫފާނެއް އަންނާން އުޅޭކަން އޭނާއަށް އެނގެއެވެ. ފީރޯޒާ އަކްބަރު ދުލެއް ނުކުރާނެއެވެ. ޖަވާދު ފީރޯޒާ ގެއިން ނެރެލާނެއެވެ. ގާނޫނުގެ އަތްދަށު ވާނޭކަން ނުވަތަ ބަދުނާމު ވާނޭކަން އަކްބަރަށް ޔަގީންވީމާ މަންމަ މަރައިލީ ގޮތަށް ދަރިފުޅު މަރައިލާކަށްވެސް އޭނާ ޖެހިލުމެއް ނުވާނެއެވެ.
ކޮންމެ ގޮތަކަށް ކަންތައް ހިނގިޔަސް ހުރިހައި ފައިދާއެއް އޮތީ ސަލްމާ އަށެވެ. އޭނާގެ ގެއިން ފަހަރީގެ އުނދަގޫ ފިލައިގެން ހިނގައިދާނެއެވެ. އޭނާ ސިއްސައިގެން ދިޔައީ ފޯނުގެ ރަނގަބީލުގެ އަޑަށެވެ.
“ހަލޯ-“
“ދައްތާ- އަކްބަރު ވާހަކަ ދައްކަނީ- އޭރު އަހަރެން އައީ ރުޅި އައިސްގެން- ކަންތައް ކުރާނޭ ގޮތް މިހާރު ވިސްނިއްޖެ- ޅިޔަންބެއަށް ވަސްވާސް ދީގެން ފީރޯޒާގެ ދަރި ވައްޓުވައިލެވިދާނެ-“
“ލަހުން ވިޔަސް ކަލެއަށް ވިސްނިއްޖެތާ- އަހަރެން މިހާރު ޖަވާދަށް ތިޔަ ބުނާ އިންޖިކުސަން ޖަހައިފިން- އޭނާ ރުޅި އައިސްގެން ގެއަށް އެބަ އާދޭ-“
“ދައްތަ ހާދަހާ ވާ މޮޅޭ- އަދި އެއް ހެޔޮކަން ކޮށްލަދީ- ފީރޯޒާގެ ބަނޑުގައި އޮތީ އަހަރެންގެ ދަރިއެއްކަން ޅިޔަންބެއަށް ނަމަނަމަ ނާންގާތި- އަދި އަހަރެން އެކަނި ދުވަހަކުވެސް ފީރޯޒާއާ ބައްދަލު ކުރިކަންވެސް ނާންގާތި-“
“ތިޔަ ކަހަލަ ވާހަކަ ދައްކަން އަހަރެން މިއީ މޮޔައެއްތަ-؟ އެ ވާހަކަ ބުނެފިއްޔާ އަހަރެންވެސް ބެދޭނެ- ކަލޭ އޭނާގެ ގާތަށް ވަންނަނީ އަހަރެންގެ ކޮޓަރިން ލާފައި ގޮހެއްނު-؟”
“ޅިޔަންބެ ގާތު ބުނާނޭ ވާހަކަ އޮންނާން ވާނީ ރޭވިފައި- ދެމީހުންގެ ވާހަކަ އެއްގޮތް ވާންވާނެ-“
ދެ މީހުން މަޝްވަރާކޮށްގެން ދައްކާނޭ ވާހަކަ ހަމަޖައްސާން ފަށައިފިއެވެ. ފީރޯޒާ ޖަޒުބާތުގެ ތެރެއަށް ވެއްޓުނީ ދަރިފުޅުގެ ސަބަބުންކަން ދެ މީހުންނަށްވެސް އެނގެއެވެ. ދަރިފުޅު ނެތިގެން ދިޔައީމާ އެ ޖަޒުބާތުވެސް މަޑުމަޑުން ހިނދިދާނެއެވެ. މޮޔަކަން ފިލައިދާނެއެވެ.
ޖަވާދު ވާ ވައްދާނޭ ގޮތް ދެބެއިން ވެގެން ވަރަށް މޮޅަށް ރާވައިލައިފިއެވެ. އެންމެ ފަހުން އަކްބަރު ބުންޏެވެ. “އަހަރެން ގޭގައި އެބަ އުޅެން- ފޯނުން ވާހަކަ ދައްކާ ހިސާބަށް ދިޔައީމާ އަހަރެން ފަށާނަން-“
ފޯނު ކަނޑައިލައިފިއެވެ.
(ނުނިމޭ)