"ނޫނޭ- ތިޔަހެނެއް ނުވާނެ އަހަރުމެން ގެއަށް ވަގު ކަލޭގެ ވަނީ އަމިއްލައަށް އަހަރުމެން އޭނާއަށް ދައުވަތު ދިނީއެއް ނޫން."

ދެމީހުން ވަގު ކަލޭގެ ކައިރިައށް އަތުވެއްޖެއެވެ."ނާހިދާ މީނާ ރަގަޅަށް ބަލަހައްޓާތި" އަކްރަމް ބުނެލިއެވެ." އަހަރުމެން ފުލުސްއޮފީހަށް ގޮސްފައި އަންނާނަން"

"މިގަޑީގައި ދުރުވަނީ ކީއްކުރަންވަންތޯ؟."ވަގު ކަލޭގެ ބުނެލިއެވެ.

"މިހާރު ވަރަށް ދަންވެއްޖެ. ދުއްވާ އެއްޗެއް ހޯއްދަވާކަށްވެސް ފަސޭހައެއް ނުވާނެ. އަނެއް ކޮޅުން ދަންވަރު ބޭރުގައި އުޅޭމީހުންނަށް ފުލުހުން އުނދަގޫ ވެސް ކުރާނެ."

އަނގަނުތަޅާ. އަކްރަމް ވަގުކަލޭގެއާ ދިމާލަށް ވަރަށް ބާރަށް ބުނެލިއެވެ." ވިޔާނުދާ ވާހަކަ ދައްކާނެ ކަމެއް ނެތް މުނީރު ހިނގާ ދާން".

"އަކްރަމް ބޭރުން މީހަކު ގެނެސް މިތާނގަ ބަހައްޓާފަ ދަމާ އަންހެނުން ކައިރި ބައިތިއްބާފައި ދިއުން ރައްކާތެރިއެއް ނުވާނެ."

ނޫނޭ ތިޔަހީކުރާ ކަހަލަ ނުރައްކަލެއްނެތް އަކްރަމް ބުންޏެވެ.

"އެކަލޭގެ އޮތީ ބަނދެފައި އަވަހަށް ދަމާ ހިނގާ"

އެދެމީހުން ނުކުމެގެން ދިޔައީމާ ވަގުކަލޭގެ ނާޙިދާއާ ދިމާއަށް ބަލައިލިއެވެ. "ދައްތަ ފެނުނީމާ އަހަރެން ދެރަވެސް އެބަވޭ." އޭނާ ބުންޏެވެ.

"ދައްތަ ތިޔަވާހަކަދައްކަނީ ނުލާހިކު ރީތިކޮށް އެކަމަކު ފިރިމީހާ އެހުންނަނީ ރުޅިއައިސް ރަތްވެފަ- ކައިވެނި ކޮށްގެން ތިޔަ އުޅެނީ ކޮންކަހަލަ މީހަކާ؟

ނާޙިދާ ލޯބިން ފުރިފައިވާ ނަޒަރަކުން ވަގުކަލޭގެއާ ދިމާލަށް ބަލާލިއެވެ.

"ހޫން ވަގުކަލޭގެ ވަނީ ކާކުގެ ގެއަކަށޭ؟ ފުލުސްމީހާ އަހައިލިއެވެ. މިއީ އޭނާ ހަމަމިސުވާލު ކުރި ދިހަވަނަ ފަހަރެވެ.

"ސާހިބާ އަޅުގަޑު މިހާރު އެތައް ފަހަރަކު ދަންނަވައިފިން ވަގުކަލޭގެ ވަނީ އަޅުގަނޑުގެ ގެއަށް " އަކްރަމް ބުނެލިއެވެ." މިއި އަޅުގަނޑުގެ އަވަށްޓެރިއެއް އަޅުގަނޑާއެކީގައި އައީ"

"އާން މިއޮތީ ހިފިފައެއްނު؟" ފުލުސް މީހާ ސިއްރުން ފުރިފައިވާ ގޮތަކަށް ހިނިތުންވެލިއެވެ." ވަގު ކަލޭގެ ވަނީ ކަލޭގެ ގެއަށް އޭގެ މާނައަކީ ވަގުކަލޭގެއަށް އެގެނީއޭ ކަލޭގެ ގޭގައި ފައިސާ ހުރިކަން- އަވަހަށް ބުނޭ ފައިސާ ހޯދީ ކިހިނެއް؟ ކުރަނީ ކޮންމަސައްކަތެއް؟ އިންކަމް ޓެކްސް ސެޓްފިކެޓް ކޮބާ؟"

މުނީރު އެވަގުތު ވިސްނަމުން ދިޔައީ ސަލާމަތްވެގެން ފުލުސް އޮފީހުން ނުކުމެވޭނެ ގޮތަކާ މެދުގައެވެ. އޭނާގެ ހިތަށް އެރިއެވެ. ވަގުކަލޭގެ އަހަންނާ ހަވާލު ކުރަން އަކްރަމް ދެކޮޅު ހެދިކަން ރަނގަޅެވެ. އެހެން ނޫންނަމަ މި މައްސަލަގަނޑުގެ ތެރެއަށް ވަންނަށް ޖެހުނީހީ އަހަންނަށެވެ. ފުލުހުން ސުވާލުކުރަން ފެށީހީ އަހަންނާއެވެ.

"ސާހިބާ އަޅުގަޑަކީ އަބުރުވެރި ތެދުވެރި މީހަކީން؟" ފުލުސް މީހާއަށް ވިސްނައި ދެވޭތޯ އަކްރަމް މަސައްކަތް ކުރިއެވެ." އަޅުގނޑުގެ ކުށަކީ އަޅުގަނޑުގެ ގެއަށް ވަގަކު ވަންކަން މީގެ ފަހުން އެކަހަލަ ކަމެއް ނުވާނެ ގޮތް ހެދޭތޯ މަސައްކަތް ކުރާނަން. އެކަމަކު މިވަގުތު މީހަކު ފޮނުއްވައިގެން އެވަގު ކަލޭގެ ހައްޔަރު ކޮށްދެއްވާ އަޅުގަނޑުގެ ބޮލުގައި އެޅިފައި އޮތް ބުރަ ފިލުވާލެވޭނީ އޭރުން ނޫންތޯ؟" އެކަލޭގެ މިހާރުވެސް އަޅުގަޑުގެ ގޭގައި އެބައޮތް."

"ހޫން ހޫން މިހާރު އޮފިސަރު ވަޑައިގަންނަވާނެ. ތަހްޤީޤު ކުރިއަށް ދާނީ އޭނާ ވަޑައިގަތީމާ ކަލޭމެން އެހެރަ ދިގު ގޮނޑީގައި އިށީނދޭ."

އަކްރަމް މުނީރާ ދެމީހުން އޭނާ ދެއްކި ގޮނޑީގައި އިށީދެއްޖެއެވެ. މިކަހަލަ ގޮތަކަށް ކަންތައް ދިމާވެދާނެ އެދެމީހުންނެއް ހިއެއް ނުކުރެއެވެ.އެމީހުން ހީކުރީ ވަގަކު ވަން ވާހަކަ ބުނުމާއެކު ފުލުހުން ދުވެފައި އަންނާނެ ކަމަށެވެ. އެހެންނަމަވެސް ކަންތައް މިވީ އެހެންނެއް ނޫނެވެ.މިހާރު ގޭގެ ކަންތައްތަކާ މެދު ފިކުރު ކުރެވެންވެސް ފަށައިފިއެވެ. ނާޙިދާ މުސްކުޅިވެއްޖެއެވެ.އެކަމަކު ގޭގައި ތިބި ދެއަންހެން ދަރިންނަކީ ޒުވާން ދެކުދިންނެވެ.ރަގަޅަށް ވާހަކަ ދައްކަންވެސް ދަނެއެވެ.އެއީ އަކްރަމްގެ ފިކުރު ބޮޑުވާވަރުގެ ބޮޑު ނުރައްކަލެކެވެ.

ފުލުސްމީހާ ހަމަޖެހިލައިގެން އިށީނދެގެން އިނީއެވެ.އޭނާގެ ކައިރިއަށް އައި ދެތިން މީހަކަށް އަކްރަމްމެން ދައްކާފަ އެހާދިސާ ކިޔައިދިން ތަންވެސް ފެނުނެވެ. އެމީހުން އަކްރަމްމެންނާ ދިމާލަށް ބަލަންފެށިގޮތުން ހީވަނީ އެދެމީހުންނަކީވެސް ދެވަގުންހެންނެވެ. އެންމެ ފަހުން އެތަނުން ހިތްހެޔޮ އޮފިސަރެއްގެ ހިތުގައި އެދެމީހުންގެ މައްޗަށް ރަހުމް އުފެއދިއްޖެއެވެ. "ގޭގެ އެޑްރެސްއަޅުގަނޑަށް ދެއްވާ."އެމީހާ ބުންޏެވެ. "އަޅުގަނޑުމެން މާލަހެއްނުވެ ދާނަން އެވަގުކަލޭގެ ރަގަޅަށް ބަލަހައްޓާތި އެހިސާބު ގަނޑުވެސް ބަލަހައްޓަޥާތި އޭނާގެ ބައިވެރިޔަކު ރަށުތެރޭގައި އުޅުމަކީވެސް އެކަށީގެންވާ ކަމެއް."

އަކްރަމް އޭނާގެ އެޑްރެސް ކިޔައިދީފިއެވެ. އަދި ހިތްވަރު ބަލިވެފައިވާ ކަހަލަ ގޮތަކަށް ފުލުސް އޮފީހުން ނިކުމެއްޖެއެވެ. "މުނީރު މިވީ ކިހިނެއް؟ މިވީ ގޮތުން ހިތްވަރު އެލިއްޖެ" އޭނާ ބުނެލިއެވެ.

"އެއީ ކީއްވެގެން؟"

"އަހަރެން ހީކޮށްގެން ހުރީ މިތަނުން ގެއަށްދާނީ ފުލުސް ޖިޕުގައި އެމީހުންނާ އެކީގައި ކަމަށް އަހަރުމެން ގެއަށް ވަގަކު ވަންކަން މުޅިރަށަށް އެނގޭނީ އޭރުންނެނު؟ އެކަމަކު މިހާރު މިޖެހެނީ އެކަނީ ހިނގާފަ ގެއަށް ދާން."

"ހާސްނުވޭ ދެރަނުވޭ ވަގުކަލޭގެ ބަލާ ހަމަގައިމުވެސް ޖިޕެއް އަންނާނެއެއްނު؟ އެހެންވީމާ ތިޔައެދުންވެސް އިސާހިތަކު ފުރިހަމަ ވެދާނެ"

ދެމީހުން ތިބީ ފުލުސް އޮފީހުގެ ދޮރުމަތީގައެވެ. މުޅި ހިސާބު ގަނޑަށް އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. އަނދިރީގައި ތިބެން އެމީހުން ބިރުވެސް އެބަގަނެއެވެ. ސަވާރީއެއް ނުލިބުމުގެ ސަބަބުން ދެމީހުންނަށް ގެއަށްދާން މިޖެހުނީ ހިނގާފައެވެ.ވަގުކަލޭގެ ބުނީ ހަމަރަގަޅަށެވެ. ބޭރަށް ނުނުކުންނާށޭ ސަވާރީ އެއް ހޯދަން އުނދަގޫވާނެއޭ ބުންޏެވެ. އެކަމަކު މިހާރަކު ކުރާނެ ކަމެއް ނެތެވެ. ބޭރަށް ނުކުމެވުނީތީ މިއޮތީ ބޮނޑިބޮވިފައެވެ.

ދެމީހުންވިސްނުމުގެ ތެރެއަށް ގެއްލިފައި ތިއްބާ ކައިރިއަށް އައިސް އެމަޑުކުރީ ކާރެކެވެ. އެކާރުން ދެމީހަކު ފައިބައިފިއެވެ.ދެމީހުންގެ އަތުގައިވެސް ފިސްތޯލައޮތެވެ.ކައިރިއަށް އައިސް އެތަނުން އެކަކު އަހައިލިއެވެ." ކަލޭމެންގެ އަތުގައި ހުރީ ކޮންއެއްޗެއް؟"

"އެއްވެސް އެއްޗެއްނެތް" އަކްރަމް ހާސްވެއްޖެއެވެ." މިއުޅެނީ އަހަރެންގެ ގެއަށް ވަގު ވަދެގެން"

"އެހެންތަ؟ ގެއަށް ވަގުވަނީމާވެސް ކަލޭ ތިޔަހުންނަނީ މިތާގައި ފުލުސް އޮފީހުގެ ދޮރުމަތީގައި ޖީބުގައި ހުރިއްޔާ ހުރު އެއްޗެއް އަވަހަށް ގެނޭ."

އަކްރަމްގެ ޖީބުންފެނުނީ އެންމެ ފަންސާސް ރުފިޔާއެވެ. މުނީރު ޖީބުގައި ދުއިސައްތަ ރުފިޔާ އޮތެވެ. ލުޓޭރުންގެ ދެމީހުން އެފައިސާކޮޅު އަތުލައިފިއެވެ. އަދި ދަމުން ދަމުން ދިޔައީ މުނީރުގެ އަތުކުރިގަޑިވެސް އަތުލައިގެންނެވެ.

"އަކްރަމާއެކީގައި އާދެވުނީތީ އަހަރެންގެ ދުވަސް ހިނގައްޖެ އަހަރެން އައީ ގާތްމީހަކަށް އެހީވުމަކީ ރަގަޅުކަމެއް ކަމަށް ދެކޭތީ އެކަމަކު މިއީ ހެޔޮކަމުގެ ޒަމާނެއް ނޫނާ މިލިބުނީ ބޮޑު ގެއްލުމެއް."

"އައްދޭ އެލުޓޭރުން ގެނައީ އަހަރެންތަ؟ އެމީހުން އައީ އަހަރެންގެ ދައޫވަތަކަށްތަ؟ އަކްރަމް ނުރުހިފައި ބުނެލިއެވެ. " އެމީހުން އަހަރުމެން ލޫޓުވީ ފުލުސް އޮފީސް ކުރިމަތީގައި މިފަހަރު އެމީހުންގެ ޝަކުވާ ކުރަން ވަދެއްޖެއްޔާ ހައްޔަރުވާނީ އަހަރުމެން ދެމީހުން؟

"އެހެން ވެއްޖިއްޔާ މިތާނގައި ތިބެނީ ކީއްކުރަން؟ ހިނގާ ގެއަށްދަމާ "

ދެމީހުން ހިނގާފައި ގެއާދިމާއަށް މިސްރާބު ޖަހައިފިއެވެ.

****

އަކްރަމް ގެ ދެ އަންހެން ދަރިން ކަމަށްވާ މާހާއާއި ނިދާއާއި ދެކުދިން ވަގުކަލޭގެއަށް ބަލަބަލާފައި ހެނީއެވެ.

"ޔާރައްބީ ހާދަހާރީތި ވަގެކޭ" މާހާ ބުނެލިއެވެ.

"އޭނާ އަޅާއިގެން އެހެރަ ހެދުންވެސް ނިކަން ބަލާބަލަ ވަރަށް ރީތި ވަރަށް ގުޅޭ" ނިދާ ބުންޏެވެ. "އަހަރެން ހީކުރީ ވަގުން ތިބޭނީ ވަރަށް ހުތުރު ސިފައަކަށް ކަމަށް އެކަމަކު"

" ކަލޭމެން ދެމީހުން މޮޔަވީތަ؟" ނާހިދާ އޭނާގެ ދަރިންނާ ދިމާލަށް ކަޅިއަޅާލިއެވެ." ކަލޭމެން ތިޔަ ތަޢުރީފުކުރަނީ ވަގަކަށް ކަމެއް ނޭނގޭތަ؟"

"ދައްތާ " ވަގު ކަލޭގެ ބުނެލިއެވެ. " ވަގަކށް ވީމާ އަންހެންކުދިން ބަލައި ނޫޅޭ ވަރުގެ މީހަކަށް ވީއެއްނޫނެވެ.

އަހަރެންވެސް މިއީ އިންސާނަކީން މޭގައި ވިންދުޖަހާ ހިތެއްވެސް އެބައޮތް. ވަގަކަށް ވުމަކީވެސް އެހައި ފަސޭހަކަމެއްނޫން، އެއީވެސް މޮޅު ހުނަރެއް، އަހަރެން މިއީ ހުނަރުވެރިއެކޭ ބުނުން މާރަގަޅުވާނެ، މިހާރު ނޭނގުނަސް އަހަރެން މަރުވީމާ އަހަރެންގެ މޮޅުކަމާބޭނުންތެރިކަން ވިސްނޭނެ، މިހާރު އަހަރެންގެ އަގުވައްޓާލަން ވާހަކަ ދެއްކިޔަސް މަރުވީމާ ވަޅުލާނީ ޢިއްޒަތުގައި އެހެން މީހުންނެކޭ އެއްގޮތަށް"