އަމިއްލަފުޅު ޕްލެޓްފޯމެއް ހައްދަވައިގެން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެނބުރި ސޯޝަލް މީޑިއާއަށް އަންނަން ތައްޔާރުވަމުންދާ ކަމަށް ޓްރަމްޕްގެ އިސް އެޑްވައިޒަރަކު ވިދާޅުވެއްޖެއެވެ.

ޖެނުއަރީމަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސް އިމާރާތަށް ދެވުނު ހަމަލާތަކާ ގުޅިގެން، އެމެރިކާގެ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ޓްވިޓަރ، ފޭސްބުކް އަދި އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންވެސް ވަނީ ޓްރަމްޕް ބޭރުކޮށްފައެވެ. ނުވަތަ ސަސްޕެންޑް ކޮށްފައެވެ.

2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޓްރަމްޕްގެ ތަރުޖަމާނަކަށް ހުންނެވި ޖޭސަން މިލަރ، ފޮކްސް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ޓްރަމްޕްގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކުރިއަށްއޮތް ދެތިން މަސްދުވަހުގެ ތެރޭގައި ގާއިމްކުރެވޭނޭ ކަމަށެވެ.

ޓްރަމްޕް އެނބުރި ސޯޝަލް މީޑިއާއަށް އަންނާނީ މުޅިން އަމިއްލަފުޅު ޕްލެޓްފޯމެއްގައި ކަމަށާއި، އޭރުން ހުރިހާކަމެއް ބަދަލުވެގެން ދާނެ ކަމަށްވެސް ޖޭސަން މިލަރ ވިދާޅުވިއެވެ.

ޓްރަމްޕަކީ، އެމެރިކާގެ ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް، އެމެރިކާގައި ނަގާކިޔާ މުއްސަނދި މަހުޖަނެކެވެ. ޓްރަމްޕްގެ ވިޔަފާރި ދުނިޔޭގެ އެތައް ގައުމެއްގައި އޮވެއެވެ.

ޓްރަމްޕް ގާއިމްކުރައްވާ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ޖޭސަން މިލަރ ނުދެއްވައެވެ.

އެމެރިކާގެ މީޑިއާއިން ބުނެފައިވަނީ، ޓްރަމްޕް އޮގަނައިޒޭޝަންގެ އޮފިޝަލުންނާ ގުޅުމުންވެސް، އެކަމާގުޅޭ އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.

ހަމަނުޖެހުން އުފެއްދުމަށް ހިތްވަރު ދެއްވިކަމަށް ބުނެ ޓްވިޓަރއާއި، ފޭސްބުކުން ޓްރަމްޕްގެ އެކައުންޓްތައް ބްލޮކްކޮށްލުމުން، ދުނިޔޭގެ އެހެން ގައުމުތަކުގެ އެފަދަ ސިޔާސީ ލީޑަރުންނާއި، ސަރުކާރުތަކުގެ އޮފިޝަލުންގެ އެކައުންޓްތަކާމެދު އެ ކުންފުނިތަކުން އަމަލުކުރާ ގޮތާމެދު އެތައްބަޔަކު ސުވާލު އުފައްދަމުން ގޮސްފައި ވެއެވެ.

ޓްވިޓަރއިން މިދިޔަ ހަފްތާގައި ބުނެފައިވަނީ، ޓްވިޓަރއިން ދުނިޔޭގެ ލީޑަރުން ބޭރުކުރާނީ ކޮންގޮތަކަށް އަދި ކޮން އިރަކު ކަމާމެދު ގޮތް ނިންމުމުގައި އާންމުންގެ ޚިޔާލު ހޯދާނޭ ކަމަށެވެ.

ހަމައެއާއެކު، އާންމު މީހުންނެކޭ އެއްގޮތަށް ސިޔާސީ ލީޑަރުންނަށްވެސް އަމަލު ކުރަންޖެހޭނީ އެއް ޕޮލިސީއެއްތޯ ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށްވެސް ޓްވިޓަރ ކުންފުނިން ބުނެފައި ވެއެވެ.

ފޭސްބުކުން މުއްދަތެއް ނެތްގޮތަށް ޓްރަމްޕް ބޭރުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ޓްރަމްޕާމެދު ނިންމި ނިންމުން އެގޮތަށް ދެމެހެއްޓުމާމެދު ގޮތެއް ނިންމައިދިނުމަށް ފޭސްބުކުން މިހާރުވަނީ އެ ކުންފުނީގެ މިނިވަން ބޯޑަށް މައްސަލަ ހުށަހަޅާފައެވެ.

އަމިއްލަފުޅު ޕްލެޓްފޯމެއްގައި ޓްރަމްޕް ސޯޝަލް މީޑިއާއަށް އަންނަން މަސައްކަތް ކުރައްވާއިރު، ޓްރަމްޕް ގެންދަވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށްވެސް މަސައްކަތް ކުރައްވަމުންނެވެ.