ރާއްޖެއިން 1،597 މީހުން ޗައިނާގެ ސައިނޯފާމް ކޮވިޑް ވެކްސިން ޖަހައިފި އެވެ.

މާލެ ސަރަހައްދުގައި އެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށީ މިއަދު އެވެ. މިއަދު އެ ވެކްސިން ޖެހި މީހުންގެ އަދަދު މަދުކަން ފާހަގަކުރެވެ އެވެ.

ބެލެވޭގޮތުގައި މިއަދު ވެކްސިން ޖެހި މީހުންގެ އަދަދު މަދުވީ އާ ވައްތަރެއްގެ ވެކްސިނަކަށްވުމުންނެވެ. ސައިނޯފާމް ވެކްސިން ޖެހަން ފެށީ އެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިނުމުންނެވެ.

ރާއްޖޭގައި އެ ވެކްސިންގެ 18،000 ޑޯޒް އެބަހުރި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި ޗައިނާ ސަރުކާރުން ވަނީ އެ ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފަ އެވެ.

މިހާތަނަށް ރާއްޖޭގައި ޖަހަމުން އައީ ހަމައެކަނި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފެއްދި ކޮވިޝީލްޑް ވެކްސިނެވެ. ރާއްޖެއިން ދެ ލައްކައަށް ވުރެ ގިނަ މީހުން އެ ވެކްސިންގެ ފުަރަތަމަ ޑޯޒް ވަނީ ޖަހާފަ އެވެ. އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު އެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަށާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ފައިޒާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދީފަ އެވެ. އެ ވެކްސިންގެ ޑޯޒްތަކެއް ގަތުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.