މީގެ ކުރިން ރަންބީރް ކަޕޫރާއި ކާރްތިކް އާރިޔަން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިހާރުވަނީ ބޮލީވުޑުގެ އިތުރު ތަރިއެއް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިފަހަރު ޕޮޒިޓިވް ވެފައިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރް ޚާނެވެ.

އާމިރު ކޮވިޑަށް ޕޮޒިޓިވްވި ކަން ކަށަވަރު ކޮށްދެމުން އާމިރުގެ ސްޕޯކްސްޕަރސަން ބުނެފައިވަނީ އާމިރު މިވަގުތު ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ. އޭނާ ހުރިހާ ޕްރޮޓޮކޯލް ތަކަށް ތަބާވާ ކަމަށާއި އާމިރުގެ ހާލަތު ރަނގަޅުކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އާމިރު ޚާން ވަނީ އޭނާ ސޯޝަލް މީޑިއާއި ދުރުވާން ނިންމާފައިވާ ކަން ހާމަކޮށްފައެވެ. އަދި ކުރިއަށް ހުރި އޭނާގެ ޕްރޮޖެކްޓް ތަކުގެ މައުލޫމާތު އޭނާގެ ޕްރޮޑަކްޝަން ބެނާގެ އޮފިޝަލް އެކައުންޓްއިން ލިބޭނެ ކަމަށް ވަނީ ބުނެފައިއެވެ.

ފަހުން ބޭއްވުނު ޕްރޮމޯޝަނަލް އިވެންޓެއްގައި އާމިރުގެ މި ނިންމުމާ މެދު ނޫސްވެރިން ސުވާލު ކުރިމަތި ކުރުމުން އޭނާ ބުނެފައިވަނީ އެމީހުންގެ ހިޔާލަށް ބިނާކޮށް އެމީހުންނަށް ހީވާ އެއްޗެއް ގަބޫލު ނުކުރުމަށެވެ. އަދި އޭނާއަކީ އޭނާގެ އަމިއްލަ ދުނިޔެއެއްގައި އުޅޭމުންދާ މީހެއް ކަމަށާއި އޭނާއަކީ އާއްމު ގޮތެއްގައި ސޯޝަލް މީޑިއާގައި މާއެކްޓިވް މީހެއް ނޫން ކަމަށަވެސް އާމިރު ބުނެފައެވެ.

އާމިރު ޚާން ވަނީ އޭނާގެ އެކްޓިންގެ ހުނަރު ''ޑަންގަލް'' ''ޕީކޭ" "ދޫމް 3'' ''ގަޖްނީ'' އަދި ތާރެ ޒަމީން ޕަރް ފަދަ ކާމިޔާބު ފިލްމުތަކުން ބެލުންތެރިންނަށް ދައްކާފައިއެވެ.

ލާޅް ސިންގް ޗަޑާ އަކީ އާމިރުގެ ކުރިއަށް އޮތް ފިލްމެކެވެ. އާމިރު އާއެކީ މި ފިލްމުން ދެން ފެނިގެން ދަނީ ކަރީނާ ކަޕޫރްގެ އިތުރުން ވިޖޭ ސެޓޫޕަޓީއެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި އަހަރު ޑިސެމްބަރުގައެވެ.