ބޮލީވުޑްގެ އެކްޓަރ ސަންޖޭކަޕޫރުގެ އަންހެން ދަރިފުޅު ސަނާޔާ ކަޕޫރު ބޮލީވުޑަށް ނުކުންނަށް ތައްޔާރުވެއްޖެއެވެ.

މި ޒުވާން ފަންނާނު ބޮޑު ސްކްރީންނަށް ނުކުންނަ ފުރަތަމަ ފިލްމަކީ ކަރަން ޖޯހަރުގެ "ދަރުމާ ޕްރޮޑްކުޝަންގެ" އުފެއްދުމެކެވެ. ކަރަން ޖޯހަރުވެސް މިކަން ކަށަވަރުކޮށް "ދަރުމާ ޕްރޮޑަކްޝަން" އިން ސަނަޔާ ކަޕޫރަށް މަރުހަބާ ކިޔާފައިވެއެވެ.

ކަރަން މި ކަން ޔަގީންކޮށް ލިޔެފައިވާ ޕޯސްޓްގައި ވަނީ ސަނާޔާގެ ފުރަތަމަ ފިލްމުގައި މަސައްކަތް ކުރުމަކީ ހަނދާން ނުނެތޭނަފަދަ ޖޯޝުން ފުރިގެންދާނެ ދަތުރަކަށް ވާނެ ކަމަށެވެ. އަދި ސަނާޔާގެ ވީޑިއޯއެއްވެސް ހިއްސާ ކުރުމަށް ފަހު ކަރަން ޖޯހަރު އިތުރަށް ލިޔެފައިވަނީ ސަނާޔާ ކަޕޫރު ފިލްމު ކުޅުމަށް ހުންނަ ޝައުގުވެރިކަމާއި އެކަމަށްޓަކައި ކުރާ ބުރަ މަސައްކަތްތައް ފެނި ހައިރާން ވާނެކަމަށެވެ. އަދި ސަނާޔާ ކަޕޫރު ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ހުރިހާ ކަމެއްނިމި ޖުލައި މަހުގައި މި ފިލްމު ފެށޭނެކަމަށް ވެސް ލިޔެފައި ވެއެވެ.

ކަރަން ޖޯހަރަކީ ފިލްމީ ތަރިންގެ ދަރިން ފިލްމު އިންޑަސްޓްރީއަށް ނެރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ފިލްމު ޕްރޮޑިއުސަރެކެވެ. މި ސަބަބައްޓަކައި ބޮލީވުޑްގައި ތަރިންގެ ދަރިންނާއި ފިލްމީ އާއިލާތަކާ ގުޅުންނެތް ފަންނާނުންނަށް ކަރަން ތަފާތު ކުރާކަމަށްވެސް ވަރަށްގިނަ ފަރާތްތަކުން ވާހަކަދައްކާ އަޑު އުފުލައެވެ.

ކަރަން ޖޯހަރުގެ އިތުރަށް ސަނާޔާގެ ބައްޕަ ސަންޖޭކަޕޫރާއި ސަނާޔާގެ މަންމަވެސް މިކަން ކަށަވަރުކޮށް ޕޯސްޓްތައް ލިޔެ ހިއްސާކޮށްފައި ވެއެވެ. މި ދެމަފިރިންގެ ލިޔުމުގައިވެސް ސަނާޔާގެ މަސައްކަތަށް ސަޕޯޓް ކޮށް ލޯބި ދިނުމަށް ބެލުންތެރިންގެ ކިބައިން އެދިފައި ވެއެވެ. އަދި ޚުދު ސަނާޔާ ކަޕޫރުވެސް އާފިލްމު ފެށުމަށް ކެއްމަދުވެފައި ވާކަމަށް ލިޔެ ހިއްސާ ކޮށްފައިވެއެވެ.

ސަނާޔާ ކަޕޫރަކީ ބޮލީވްޑްގެ ފިލްމު އުފައްދާ ބޯނީ ކަޕޫރާއި ހުނަރުވެރި އެކްޓަރ އަނިލްކަޕޫރަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. އަދި ސޯނަމް ކަޕޫރާއި، އަރުޖުން ކަޕޫރާއި، ޖާންވީ ކަޕޫރުގެ ދެބެންގެ ދެދަރި ކޮއްކޮ ވެސް އެވެ.