އާމިރުހާންގެ 3 އިޑިއަޓްސްގެ ތަރި ރަންގުނާތު މަދަވަން ކޮވިޑް 19 އަށް ފައްސި ވެއްޖެއެވެ. މިކަން ހާމަ ކުރުމަށް އޭނާ ހިއްސާކޮށްފައިވާ ހެއްވާ ލިޔުމުގައި ވަނީ " ރެންޗޫގެ ފަހަތުން ފަރުހާން ދާން ޖެހިއްޖެ ކަމަށެވެ. ނަމަވެސް ރާޖޫ މި ބައްޔަށް ފައްސިވުމަށް ނޭދޭކަމަށްވެސް ލިޔެފައިވެއެވެ." މި ލިޔުމާއެކު 3 އިޑިއަޓްސްގެ ހެއްވާ ފޮޓޮއެއްވެސް ހިއްސާ ކޮށްފައި ވެއެވެ. މި ފޮޓޯގައި ވަނީ އާރު މަދަވަން އާއި އާމިރު ހާނެވެ.

އާމިރުހާން ކޮވިޑަށް ފައްސި ވީކަން އިއުލާނު ކުރީ މިދިޔަ ބުދަ ދުވަހު އެވެ. އާރު މަދަވަން މިކަން ހިއްސާކޮށްފައި މިވަނީ ޖެހިގެން އައި ބުރާސްފަތި ދުވަހުއެވެ.

މި ދެތަރިންވެސް ތިބީ ހޯމް ކަރަންޓީނުގައި ގޭގައެވެ. އަދި ކޮވިޑް 19 ގައި އެންމެހާ ގަވައިދުތަކަށް ތަބާވެ އިޙުތިރާމު ކުރާކަމަށް ލިޔެފައި ވެއެވެ.

އާރު މަދަވަން އަކީ އިންޑިއާއާއި އަދި ދުނިޔޭގައިވެސް މަޝްޙޫރުވި ހެއްވާ މަޖާ ފިލްމު 3 އިޑިއަޓްސް ގައި އާމިރުޚާން (ރެންޗޫ) ގެ އެންމެ ގާތް އެއް އެކުވެރިޔާ (ފަރުޚާން) އެވެ. ދެން މި ފިލްމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ (ރާޖޫ) ޝަރުމަން ޖޯޝީއެވެ. ތްރީ އިޑިއަޓްސްގެ އެންމެ ގާތް 3 ރަޙުމަތްތެރީންގެ ދައުރު އަދާކުރީ މި 3 ތަރިންނެވެ. މީގެ އިތުރަށް ކަރީނާ ކަޕޫރާއި ބޮމަން އިރާނީވެސް 3 އިޑިއަޓސްގެ މުހިއްމު ބައިތަކުން ފެނިގެން ދިޔައެވެ.