ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ފޭސްބުކް ޕޭޖް، ފޭސްބުކް ކުންފުނިން ފްރީޒްކޮށްފިއެވެ.

ފޭސްބުކް ކުންފުނީގެ ތަރުޖަމާނެއް ބުނީ، ވެނެޒުއެލާގެ ރައީސްގެ ފޭސްބުކް ޕޭޖް ފްރީޒްކުރީ، ކޮވިޑް-19 އާ ބެހޭ ތެދުނޫން މައުލޫމާތު ފަތުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެކަށައަޅާފައިވާ ޕޮލިސީގެ ދަށުން ކަމަށެވެ.

މަދޫރޯވަނީ، ތައިމް ބޭނުންކޮށްގެން އުފައްދާ އޯރަލް ސޮލިއުޝަނެއް ކަމަށްވާ ކާރވަޓިވިޔަރއަކީ ކޮވިޑް ބައްޔާ ދެކޮޅަށް ބޭނުން ކުރެވިދާނެ ވަރަށް ރަނގަޅު ބޭހެއް ކަމަށާއި، އެއީ "މުއުޖިޒާތެއް" ފަދަ ބޭހެއް ކަމަށް ވިދާޅުވެ، ފޭސްބުކް ޕޭޖް މެދުވެރިކޮށް މައުލޫމާތު ފަތުރާފައެވެ. ނަމަވެސް، ވެނެޒުއެލާގެ ރައީސްގެ ވާހަކައިގައި ސިއްހީ އެއްވެސް ހެއްކެއް ދައްކަވާފައެއް ނުވެއެވެ.

ފޭސްބުކްގެ ތަރުޖަމާނު ވިދާޅުވީ، އެ ކުންފުނިން އަމަލުކުރަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ގައިޑެންސްތަކަށް ކަމަށާއި، ކޮވިޑް ވައިރަހަށް މިވަގުތު އެއްވެސް ބޭހެއް ހޯދިފައި ނުވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނާ ކަމަށެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ތަކުރާރުކޮށް ފޭސްބުކްގެ ޕޮލިސީއާ ޚިލާފްވެވަޑައި ގެންފައިވާތީ، 30 ދުވަހަށް ރައީސްގެ ޕޭޖް ފްރީޒްކޮށްފައިވާ ކަމަށް ތަރުޖަމާނު ބުންޏެވެ. ފްރީޒް ކުރުމުގެ މާނައަކީ އެ ޕޭޖް މިވަގުތުވަނީ އެއްވެސް އާ މައޫމާތެއް ޕޯސްޓް ނުކުރެވޭ ގޮތަށް، ހަމައެކަނި ކިޔޭގޮތް ހެދުމެވެ.

ހަމ އެއާއެކު، ކޮވިޑާ ގުޅޭގޮތުން ތެދުނޫން މައުލޫމާތު ހިމެނޭ ވީޑީއޯއެއްވެސް މަދޫރޯގެ ޕޭޖުން ރިމޫވްކޮށްފައިވާ ކަމަށް ފޭސްބުކް ކުންފުނީގެ ތަރުޖަމާނު ބުނެފައި ވެއެވެ.

ކާރވަޓިވިޔަރއާ ބެހޭގޮތުން މަދޫރޯ ދައްކަވާފައިވާ ވާހަކަތައް ފޭސްބުކުން ކުށްވެރިކުރުމުން، މަދޫރޯ ކުރިންވަނީ ފޭސްބުކް ކުންފުނި ކުށްވެރިވެސް ކުރައްވާފައެވެ.

ޑަބްލިޔުއެޗްއޯއިން ގޮތެއް ނިންމުމުގެ ކުރިން ކާރވަޓިވިޔަރއާ ބެހޭގޮތުން އޭނާއަށް ވާހަކަ ނުދެއްކޭނޭ ކަމަށް ފޭސްބުކުން ބުނާކަމަށާއި، ވެނެޒިއެލާގެ ވެރިޔަކީ ފޭސްބުކްގެ ވެރިޔާތޯ ނުވަތަ ދުނިޔޭގެ ވެރިޔަކީ ފޭސްބުކްގެ ވެރިޔާތޯވެސް މަދޫރޯ ސުވާލު ކުރައްވާފައި ވެއެވެ.