ބަންގްލަދޭޝްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރަން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަންއިން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވަރޗުއަލްކޮށް އާދީއްތަ ދުވަހު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދުވަނީ ބަންގްލަދޭޝްގެ މިނިވަންދުވަހާއި ބަންގްލަދޭޝްގެ 'ފާދަރ އޮފް ދި ނޭޝަން' ބަންގަބަންދު ޝެއިޚް މުޖީބުއްރަހުމާނުގެ އުފަންދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ރައީސް މުހައްމަދު އަބްދުލް ހާމިދު، ބޮޑުވަޒީރު ޝެއިޚް ހަސީނާ އަދި ބަންގްލަދޭޝްގެ ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ބަންގްލަދޭޝްއަށް މިނިވަންކަން ގެނެސް، ޑިމޮކްރެސީއާއި އިންސާނީ ހައްގުތައް ގާއިމުކުރުމުގައި ބަންގަބަންދު ޝެއިޚް މުޖީބުއްރަހުމާނުގެ މިންނެތް މަސައްކަތް ފާހަގަކުރެއްވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ރައީސް މުހައްމަދު އަބްދުލް ހާމިދުގެ ދައުވަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބަންގްލަދޭޝްއަށް މިމަހު ކުރެއްވި ރަސްމީ ދަތުރުފުޅު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރުވަނީ ހިއުމަން ރިސޯސް ޕްލޭސްމެންޓް، މަސްވެރިކަން، ސިއްހީ ދާއިރާއާއި ސަގާފީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދުވަނީ މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އައިސް އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބަންގްލަދޭޝްގެ ރައްޔިތުން، ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ކޮށްދޭ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ. އަދި ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު މުހައްމަދު ނަޒަމުލް ހަސަން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މަސައްކަތަށް އެމަނިކުފާނަށްވެސް މިނިސްޓަރ ޝާހިދުވަނީ ޝުކުރު ދަންނަވާފައެވެ.

ވަރޗުއަލްކޮށް ބޭއްވި މިރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލް، ފޮރިން ސެކްރެޓަރީ އަބްދުޣަފޫރު މުހައްމަދު، އެމްބެސެޑަރ-އެޓް-ލާރޖް އަހުމަދު ސަލީމުގެ އިތުރުން ދިވެހިސާރުކާރުގެ އެކި މުއައްސަސާތަކުގެ އޮފިޝަލުން، އަދި ދިވެހިރާއްޖޭގައި ތިއްބަވާ ޑިޕްލޮމެޓުން، އދ. އާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުގެ އޮފިޝަލުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ބައިވެރިވިއެވެ.

- ޚަބަރު ފޮރިން މިނިސްޓްރީ