ކ. ހުރާ އިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 90 އަށް އަރައިފި އެވެ.
ހުރާ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މިއަދު އިތުރު 24 މީހަކު އެރަށުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިހާތަނަށް 70 ސާމްޕަލެއްގެ ނަތީޖާ ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އެރަށުން ކޮވިޑްގެ ސާމްޕަލްތައް ނަގަމުން އަންނަ ކަމަށެވެ. އެގޮތުން ސާމްޕަލްތައް ނަގަނީ ރޯގާ އާއި ހުމުގެ އަސަރު ހުންނަ މީހުންގެ އެކަނި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ވެސް ހިމެނެ އެވެ. ހުރާ އިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއް އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ. މިއަދު 65 އަހަރުން މަތީގެ އެއްވެސް މީހަކު ޕޮޒިޓިވްވެފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ހުރާއިން ކޮވިޑްގެ ކޭސްތަކެއް ފެނުނީ ބަލިވެގެން ޑޮކްޓަރަށް ދައްކަން މާލެ ގެންދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ކޮންޓެކްޓް ޓްރޭސިން ހަދައި ގިނަ ބައެއްގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރުމުންނެވެ.
އެރަށުގެ ކޭސްތައް އިތުރުވަމުން އަންނާތީ އެޗްޕީއޭގެ ޚާއްސަ ޓީމެއް އެރަށަށް ގޮސް ރެންޑަމް ސާމްޕަލްތަކެއް ނެގުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ހުރާ ކައުންސިލްގެ ރައީސް އީސާ އަހްމަދު ވިދާޅުވީ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އެރަށުގެ 100 ވަރަކަށް ގެ ކަރަންޓީނުކޮށްފައިވާ ކަމަށެވެ. ކައުންސިލްގެ ރައީސް އީސަ ވެސް ހުންނެވީ ކަރަންޓީނުގަ އެވެ. އަދި އީސަގެ އިތުރުން ކައުންސިލް އިދާރާގެ ގިނަ މުވައްޒަފުންގެ އިތުރުން އެރަށު އިންޖީނުގޭގެ ހުރިހާ މުވައްޒަފުން ވެސް ތިބީ ކަރަންޓީނުގަ އެވެ.
ރައްޔިތުންނަށް އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ތިބީ 30 ވަރަކަށް މީހުން ކަމަށާއި ދެ ގްރޫޕަކަށް ބަހާލައިގެން 24 ގަޑިއިރު އެ މީހުން ޚިދުމަތް ކުރަމުން އަންނަ ކަމަށް އީސަ ވިދާޅުވި އެވެ.