ހިންދީ ފިލްމުތަކުގައި ނުބައި ބައި ކުޅުމަށް މަޝްހޫރު ޕަރޭޝް ރާވަލް ކޮވިޑް 19 އަށް ފައްސިވެއްޖެއެވެ.

މިކަން ހާމާ ކުރުމަށް ޕަރޭޝް ހިއްސާ ކޮށްފައިވާ ލިޔުމުގައި ވަނީ ނަސީބު ދިމާކުރިގޮތުން ކޮވިޑް 19 އަށް އޭނާ ފައްސިވެއްޖެކަމުގައެވެ. އަދި ފާއިތުވި 10 ދުވަހު އޭނާ އާ ބައްދަލުވެފައިވާ އެންމެން ކޮވިޑް 19 ޓެސްޓް ހެދުމަށް އޭނާ އެދޭކަން ވެސް ހާމަ ކޮށްފައިވެ އެވެ.

ޕަރޭޝް ރާވަލް ކޮވިޑް 19 އަށް ފައްސިވިކަން ހާމަ ކުރީ 29 މާރިޗް ގައެވެ. އޭނާގެ ވަރަށްގިނަ ރަހުމަތްތެރިން ވަނީ ބަލިން އަވަސް ޝިފާއެއް ލިބުން އެދޭ ކަމަށް ބުނެ ޓުވީޓުކޮށްފައެވެ. މީގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އަނޫޕަމް ކޭރުވެސް ހިމެނެއެވެ.

ޕަރޭޝް ރާވަލް ވަނީ މި މާރިޗު މަހުގެ 9 ވަނަ ދުވަހު ކޮވިޑް 19 ވެކްސިންގެ ފުރަތަމަޑޯޒް ޖަހާފައެވެ. އެކަންވެސް އޭނާ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި ވެއެވެ. އޭނާ އަކީ މިހާރު އުމުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުން ދާ ވަރަށް ހުނަރުވެރި ފަންނާނެކެވެ.

ޕަރޭޝް ރާވަލް އިންޑިއާގެ ފިލްމު އިންޑަސްޓްރީއާ ގުޅުނީ 1980ގެ ކުރީކޮޅުގައެވެ. އެންމެ ފުރަތަމަ ފިލްމުތަކުގެ "ނެގެޓިވް" ރޯލުން އޭނާ ފެނުނު ކަމުގައި ވިޔަސް ފަހަކަން އައިސް ހެއްވާ މަޖާ ރޯލުތަކުން ވެސް އޭނާ ފެންނަމުން ދެއެވެ. އަދި އޭނާ ފިލްމު ތަކުގައި ކުޅޭ ހެއްވާ ބަޔަށް ބެލުން ތެރިންގެ ތަރުޙީބުވެސް ވަރަށް ބޮޑަށް ލިބެއެވެ. މިގޮތުން 1994 ގައި ނުކުތް ފިލްމު އަންދާޒު އަޕުނާ އަޕުނާ އާއި، 1997 ގެ ޗާޗީ 420 އަދި 2000 ވަނަ އަހަރު ނުކުތް ފިލްމު ހޭރާ ޕެރީ ފާހަގަ ކޮށްލެވެއެވެ.