ގްރީން އާޓްސްގެ ފުރަތަމަ ސިލްސިލާ ޑްރާމާ ސީރީޒް "ބުނެލަދީ" ގެ ޝޫޓިން ފަށައިފިއެވެ. މިއީ ފަސް އެޕިސޯޑްގެ ޑްރާމާ ސީރީޒެކެވެ. މި ޑްރާމާ ޝޫޓު ކުރަނީއައްޑޫ ސިޓީގައެވެ.

މަރިޔަމް މޫސަގެ ވާހަކައެއްގެ މައްޗަށް ހަދާ މި ސީރީޒްގައި އިސްރޯލުތަކުން ފެނިގެންދާނީ ފިލްމީ ދާއިރާގައި މަޝްހޫރު އަދި ތަޖުރިބާކާރު ބަތަލާ މަރިޔަމް ޝަހުޒާ (ޝަހޫ) އާއި އަޙުމަދު އަމަން ޢަލީ (ޓޮމް) އެވެ. އޭގެ އިތުރުން ޓިކްޓޮކް ގައި މަޝްހޫރު ކަން ހޯދާފައިވާ ހަސޭއާއި ނުސްރާއާއި އައިންތު ވެސް ފެނިގެންދާނެއެވެ. އަދި އަމީލް އާއި ރަޝް ވެސް ފެނިގެންދާނެއެވެ.

މި ޑްރާމާ ސިލްސިލާގެ:-

ޑައިރެކްޓަރ: އަޙުމަދު އަމަން ޢަލީ

އެސިސްޓެންޓް ޑައިރެކްޓަރ: މަރިޔަމް ޝަހުޒާ

ޕޯސްޓް ޕޮރޮޑަކްޝަން: ނާއިލް ރަޝީދު

ކެމެރާމޭން: ސިމާން ހާދީ (މާން)

ޓެކްނިކަލް ސަޕޯޓް: އަޙުމަދު ޝިފާއު މުޙައްމަދު (ބެކަމް)

މި ވާހަކައާ ބެހޭ ގޮތުން ޓޮމް ބުނީ މިއީ ވަރަށް ރީތި ވާހަކައެއް ކަމަށެވެ. ވާހަކަ ބިނާވެފައިވަނީ އާންމު ދިރި އުޅުމުގައި ދިމާވާ ހާދިސާތަކެއްގެ މައްޗަށް ކަމަށް ވެސް އޭނާ ބުންޏެވެ. "މި ސްޓޯރީ އަކީ ވަރަށްރީތި އާންމު ދިރިއުޅުމުގައި ދިމާވާ ހާދިސާ ތަކެއްގެ މައްޗައް ބިނާ ކޮށް ލިޔެފައިވާ އެއްޗެއް،" ޓޮމް ބުންޏެވެ.

އޭނާ ބުނީ މީގެ ކުރިން ވެސް ޑްރާމާ ހަދަން ލިބުނު ކަމަށެވެ. އެހެނަސް ވާހަކަތައް އެހައި ހިތްހަމަ ނުޖެހޭތީ ދޫކޮއްލަނީ ކަމަށެވެ.

"މި ސްޓޯރީގެ ފުރަތަމަ އެޕިސޯޑް އެކަނި ކިޔާލީމާ މުޅި ސްޓޯރީ ކިޔާ ނުލައި ފަރަކު ނުޖެހުނު. މިއީ ހަމަ އަސްލު ވެސް ވަރަށް ތަފާތު ރީތި ސްޓޯރީ އަކަށްވީމައި މިހައި ޝައުގުގައި މި ޝޫޓު ކުރަން ފެށީ ވެސް،" ޓޮމް ބުންޏެވެ.

ޓޮމް ބުނީ މަސައްކަތް ކުރަމުންދަނީ ރޯދަމަހުގައި ޑްރާމާ ދެއްކުމަށެވެ. އޭނާ ބުނީ މީގެ މައިގަނޑު ހުރިހާ މަސައްކަތެއް ކުރިއަށްދާނީ އައްޑޫ ސިޓީގައި ކަމަށެވެ.

މި ސިލްސިލާ ވެގެންދާނީ މީހުން ގަޔާވެގެން ބަލާނެ އެއްޗަކަށް ކަމަށް ވެސް ޓޮމް ބުންޏެވެ.