ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯ އާ ދެމެދު ރަސްމީކޮށް މިއަދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފިއެވެ.
ރާއްޖެ އާއި ލެސޯތޯއާ ދެމެދު ގުޅުން ގާއިމް ކޮށްފައި ވަނީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުގެ ޖޮއިންޓް ކޮމިއުނިކޭގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެންއެވެ. އަދި ލެސޯތޯގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އެންކޮޕާނޭ ރަސީންގް މޮންޔާނޭއެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާ ލެސޯތޯއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާއެކު ދެޤައުމު ގުޅިގެން ބައިނަލްއަޤްވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެންދާނެކަމަށެވެ.