ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ، އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް މިއަދު 12:27ގައި ގެނައި މީހަކު 12:35ގައި މަރުވެފައިވާ ކަމަށެވެ.

އެއީ އުމުރުން 66 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް ހަރަކާތެއް ނެތް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 67 ވަނަ މީހާ އެވެ. އަދި މިއީ މި މަހުގެ ތެރޭގައި މި ބަލީގައި ރާއްޖެއިން މަރުވި ހަތަރު ވަނަ މީހާ އެވެ.

މިހާތަނަށް ރާއްޖެއިން 23،000އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން މި ބަލީގައި ފަރުވާ ހޯދަމުން ދަނީ މަދު ބަޔަކަށެވެ. އަދި ގިނަ ބަޔަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ނަމަވެސް މާލޭގައި މި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގެ ރަށްތަކުގައި ވެސް ފަހަކަށް އައިސް ވަރަށް ބޮޑަށް މި ބަލި ފެތުރެމުންދާކަން ފާހަގަކުރެވެ އެވެ.