ހއ. ދިއްދޫގައި ޕޯސްޓު އޮފީހެއް ހުޅުވައިފިއެވެ. އެރަށުގައި ބުދަދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައި ދެއްވީ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ވަހީދެވެ.

މިއީ މޯލްޑިވްސް ޕޯސްޓުގެ ވިއުގަ ފުޅާކޮށް ޚިދުމަތްތައް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ހުޅުވި އޮފީހެކެވެ. ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްހަމައެއްގައި، ޕޯސްޓުގެ ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ، ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި މޯލްޑިވްސް ޕޯސްޓުން މަސައްކަތް ކުރަމުންދަނީ ޚިދުމަތްތަކާއި އޮޕަރޭޝަނާއި ނެޓްވާރކް ފުޅާކޮށް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާ ހަމައަށް ޕޯސްޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

ޕޯސްޓްގެ އީ-ޓުކުރި ޕްލެޓް ފޯރމްގެ ތެރެއިންނާ އަދި މިފަދަ އިންޓަރނޭޝަނަލް ޕްލެޓްފޯރމްތަކުގެ ތެރެއިން ހިގާ ވިޔަފާރި މުޢާމަލާތްތަކުގެ ސަބަބުން ރާއްޖޭގެ ޕޯސްޓުގެ ނިޒާމުގެ ތެރެއަށް ވަންނަ މޭލްގެ ގާތްގަޑަކަށް %50 އަކީ އަތޮޅުތެރެއަށް އެޑްރެސްކުރެވިފައިވާ މޭލްކަން ފާހަގަ ކުރެވެއެވެ. މިހަޤީގަތްތަކުގެ އަލީގައި، އަތޮޅުތަކުގެ ޕޯސްޓު އޮފީސް ވިއުގަ ފުޅާވެގެން ދިއުމަކީ، އަތޮޅުތަކުގެ ރައްޔިތުންނަށް އޭގެ ސަބަބުން ފަސޭހަތަކެއް ލިބި، ޚިދުމަތުގެ އިތުބާރާ ޔަގީންކަން އިތުރުވެގެންދާނޭ ކަމެއް ކަމުގައި މޯލްޑިވްސް ޕޯސްޓުން ދެކެއެވެ.

ރާއްޖޭގެ 7 އަތޮޅެއް ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ވެރިކަންކުރާ ރަށުގައި ޕޯސްޓު އޮފީސް ޤާއިމްކުރެވިފައިވެއެވެ. މި އަތޮޅުތަކުގައި ވެސް ކުރިއަށް އޮތްތަނުގައި ޕޯސްޓު އޮފީސްތައް ގާއިމްކުރުމަށް ޕްލޭން ކުރެވިފައިވެއެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި އެޖެންސީ ޕޯސްޓު އޮފީސް މެދުވެރިކޮށް ޕޯސްޓުގެ ޚިދުމަތްތައް ފޯރުކޮށްދެވެއެވެ.