ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޯލް ސެންޓަރެއް ފުވައްމުލަކުގައި މިއަދު ހުޅުވައިފިއެވެ.

އެޗްޑީސީއަށް 20 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން މިއަދު ފުވައްމުލަކުގައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ކޯލް ސެންޓަރ ހުޅުއްވައިދެއްވީ ފުވައްމުލަކު މޭޔަރ އަބްދުއްﷲ ފަލާހު ޝަރީފުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އެޗްޑީސީ ކޯލް ސެންޓަރ އަކީ ފުވައްމުލަކުގެ ކުރިއެރުމަށް މިއަދު ލިބިގެން ދިޔަ މުހިއްމި ވަސީލަތެއް ކަމަށެވެ. އަދި މި ސެންޓަރުގެ ސަބަބުން ފުވައްމުލަކަށް އިތުރު ވަޒީފާގެ ފުރުސަތު ލިބިގެން ދިޔަކަން ފަލާހު ފާހަގަ ކުރެއްވިއެވެ.

ފަލާހު ވިދާޅުވީ ފުވައްމުލައް ޒަމާނީ ސިޓީއަކަށް ކުރާ އުއްމީދު ހާސިލް ކުރުމުގައި އެޗްޑީސީ އަކީ މުހިއްމު ޕާޓްނަރެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހުމަދު ވިދާޅުވީ ފުވައްމުލަކުގައި ކޯލް ސެންޓަރ ހުޅުވުމަކީ އެކުންފުނީގެ ހިދްމަތް ހުޅުމާލެއިން ބޭރަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ފެށުން ކަމަށެވެ.