އައްޑޫ ސިޓީގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވުމާ ބެހޭގޮތުންކަމާބެހޭ އިދާރާތަކާ ނައިބުރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ވާހަކަ ދައްކަވަމުން، ހެދިބޮޑުވުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާއާއި، ހިދުމަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ލިބޭނެގޮތް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކުރައްވާފައިވާކަމަށެވެ.

އެގޮތުން، ހުޅުމާލޭ ހޮސްޕިޓަލުގައި އެ ހިދުމަތްތައް ފެށުމަށްފަހު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި އެ ހިދުމަތްތައް ފެށުމަށް ތައްޔާރުވަމުންދާއިރު މި ހިދުމަތްތައް ދިނުމުގައި ކަމާބެހޭ ހުރިހާ އިދާރާތަކެއްގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ކުރިޔަށްގެންދިއުމުގެ މުހިންމުކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވެފައިވެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގެ ބެލުމުގެ ދަށުން އައްޑޫސިޓީގައި ޤާއިމުކުރާ މި ސެންޓަރާ ބެހޭގޮތުން އެ ހޮސްޕިޓަލުގެ ފަރާތުން މި ބައްދަލުވުމުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ދެކުނު ސަރަޙައްދުގެ އަތޮޅުތަކަށް އަމާޒުކޮށް ޤާއިމުކުރާ މި ސެންޓަރުގައި ހިދުމަތް ދިނުމުގައި ކްލިނިކަލް ސައިކޮލޮޖިސްޓަކާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ އިތުރުން ސްޕީޗް ތެރަޕިސްޓެއްވެސް ހިމެނޭގޮތަށް މަލްޓި ޑިސިޕްލިނަރީ ޓީމެއް ހިމެނޭނެއެވެ. އަދި، އައްޑޫ ދަމަނަވެށި އިމާރާތުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް ލިބޭނެގޮތަށް އިސްކަންދީގެން އަދި އައްޑޫސިޓީގައި ކުރިޔަށްގެންދާ ސްޕެޝަލް ނީޑް ކްލާސްތަކާ އެފަދަ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާވެސް ގުޅިގެން ވަށާޖެހޭ ގޮތެއްގައެވެ.