ގަދަވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭ ވެހި، ހިނގި ފެންބޮޑުވުމުގެ ޙާދިސާތަކުގައި އިންޑޮނީޝިއާ އަދި ޓީމޯރލެސްޓޭ ގައި ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތައް ލިބުމާއި ގުޅިގެން، އެ ދެޤައުމުގެ ޚާރިޖީ ވަޒީރުންނަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ދެ ޤައުމުގެ ޚާރިޖީ ވަޒީރުންނަށް ވަކިވަކިން ފޮނުއްވި މެސެޖްތަކުގައި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވިއެވެ. ޓީމޯލެސްޓޭގެ ވެރިރަށް ޑިލީއަށް ކުރި ގަދަވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑުކަނޑައިގެން ދިޔުމުން އެތަށްބައެއްގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއްވެ އެތަކެއް ގެދޮރު ހަލާކުވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކީގައި ކަން މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން، ދިވެހި ސަރުކާރާއި ދިވެހިންގެ ނަމުގައި ގެއްލުން ލިބުނު ފަރާތްތަކަށާއި ޓީމޯލެސްޓޭގެ ސަރުކާރަށް ހަމްދަރުދީ ފޮނުއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑޮނީޝިއާގެ އިރުމަތީ ނުސާ ޓެންގަރާއަށް ކުރިމަތިވި ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން އެތަކެއް ގެދޮރު ހަލާކުވެ، އެތައްބައެއްގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއްވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކީގައި ކަން މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މި ހިތާމަވެރި ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށާއި އިންޑޮނޭޝީއާގެ ސަރުކާރަށް ހަމްދަރުދީ ފޮނުއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އަދި މީހުން ސަލާމަތްކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތަށް ހިތްވަރު ދެއްވިއެވެ.