ކުރިއަށް އޮތްތަނުގައިވެސް ޚާރިޖީ ގުޅުމުގެ ތެރެއިން ދިވެހި ސަރުކާރާ ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ދެއްވިއެވެ.

ސަފީރު، ޖަންގ ލިޖޮންގް، މި ޔަގީންކަން ދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު މެންދުރުފަހު ކުރެއްވީ ވަދާއީ ޒިޔާރަތުގައި ދެއްކެވީ ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ސަފީރު ވިދާޅުވީ ދިވެހި ސަރުކާރާއި ދިވެހިން އެމަނިކުފާނާ ބެހެއްޓެވި ގާތްކަމާއި މެހުމާންދާރީއަށާއި، ދިވެހި ސަރުކާރުން ޗައިނާގެ ސަރުކާރާއި ޗައިނާގެ ރައްޔިތުންނަށް ދެއްވި އެއްބާރުލުމަށް ޝުކުރުދަންނަވާ ކަމަށެވެ.

މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އޮތް މި ބައްދަލުވުމުގައި، މިނިސްޓަރ ޝާހިދު ވިދާޅުވީ ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޖަންގ ކުރެއްވި މިންނެތް މަސައްކަތަށާއި، އެމަނިކުފާނުގެ ސަފީރުކަމުގައި ދިވެހިރާއްޖެއަށް ވެދެއްވި އެހީތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ތަރައްގީއާއި، އިޖްތިމާޢީ ކަންކަމުގައި ދެއްވި އެއްބާރުލުމުގެ ސަބަބުން ދިވެހިންގެ މެދުގައި ސަފީރު ޖަންގގެ މަގުބޫލު ވެފައިވާ ކަމަށް މިނިސްޓަރ ޝަހިދު ވިދާޅުވިއެވެ. އަދި ކޮވިޑް-19 ގެ ހީނަރުކަމުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ވެދެއްވި އެހީއަށް ވެސް ސަފީރު ޖަންގއަށް މިނިސްޓަރ ޝާހިދު ޝުކުރުދެންނެވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ކާމިޔާބުވާނެކަމަށް އުއްމީދު ކުރައްވާކަމަށާއި، ދިވެހިރާއްޖެއިން އަބަދުވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ސަފީރު ޖަންގ ލިޖޮންގްގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުމާ ގުޅިގެން ބޭއްވި ވަދާއީ ހަފްލާގައިވެސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު އިއްޔެ ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.

އެހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި މަސައްކަތަށާއި، ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ހިންގުނު އެތަކެއް މަޝްރޫތަކަށް ދެއްވި އެއްބާރުލުމަށް ސަފީރު ލިޖޮންގްއަށް ޝުކުރުދަންނަވާފައެވެ.

ލިޖޮންގްއަކީ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް ކޯރގައި ވަރަށް ހަރަކާތްތެރި ބޭފުޅެއްކަމާއި، ބައިނަލްއަގުވާމީ މައްސަލަތަކުގައިއާއި، ޚާރިޖީގޮތުން ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރާއި ވަރަށް ގާތުން ގުޅިގެން މަސައްކަތްކުރެއްވި ބޭފުޅެއްކަމަށް ވެސް މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރައްވިއެވެ. އަދި އެމްބެސެޑަރ ލިޖޮންގގެ މަސައްކަތް ދިވެހިން ހަނދާން ހުންނާނެކަމަށް ވެސް ވިދާޅުވިއެވެ.

އެމްބެސެޑަރ ޖަންގް ލިޖޮންގްއަކީ ދިވެހިރާއްޖޭގައި ޗައިނާގެ އެމްބަސީއެއް 2011 ގައި ހުޅުވިފަހުން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި 3 ވަނަ ސަފީރެވެ. އެމަނިކުފާނު ސަފީރުކަމާއި ހަވާލުވީ އޮގަސްޓް 2017 ގައެވެ.