މި ވަގުތު އިންޑިއާގައި ބޭނުން ކުރަނީ ކޯވެކްސިންއާއި ކޮވިޝީލް ވެކްސިން އެކަންޏެވެ. އިންޑިއާގެ ސްޓޭޓްތަކުން ދަނީ ވެކްސިންގެ ތަދުމަޑުކަމެއް އުޅޭ ކަމުގެ ޝަކުވާ ކުރަމުންނެވެ. ސަރުކާރުން އިޢްލާން ކޮށްފައި ވަނީ އަހަރުގެ ތިން ވަނަ ބަޔަށް އެޅޭއިރު، އިތުރު ފަސް ވެކްސިންއެއް ބޭނުން ކުރުމުގެ ހުއްދަ ދެވޭނެ ކަމަށެވެ.

އަލަށް ހުއްދަ ދެވޭނެ ވެކްސިންގެ ތެރޭގައި ޑރ. ރެއްޑީ ލެބޯޓްރީން އުފައްދާ ރަޝިޔާގެ ސުޕްޓްނިކް ވެކްސިންއާއި ބައޮލޮޖިކަލް އީ އިން އުފައްދާ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިންއާއި ސެރަމް އިންޑިއާއާ ގުޅިގެން އުފައްދާ ނޯވާނެކްސް އާއި ޒައިޑަސް ކަޑީލާގެ ވެކްސިންއާއި ނޭފަތަށް ޖަހާ ބާރަތު ބައޯޓެކްގެ ވެކްސިން ހިމެނޭނެއެވެ.

އިންޑިއާގައި ޖުމުލަ ވިއްސަކަށް ވެކްސިން ޓެސްޓް ކުރުމުގެ މަސައްކަތް ހިނގަމުން އެބަ ދެއެވެ.

އިންޑިއާގައި ކޮވިޑް 19ގެ ދެވަނަ ރާޅާއެކު ގާތްގަނޑަކަށް ހުރިހައި ހިސާބެއްގައި ހެން ކޭސްތައް ދަނީ އިތުރު ވަމުންނެވެ.