ސަޢޫދީ ސަރުކާރުން މާލޭގައި ބިނާކޮށްފައިވާ ކިންސް ސަލްމާން މިސްކިތަކީ ގިނަ ޚިދުމަތްތަކެއް ދެވޭ ގޮތަށް އިމާރާތް ކޮށްފައިވާ މިސްކިތަކަށް ވިޔަސް އެތަނުގައި ގާއިމް ކުރަންޖެހޭ ވަސީލަތްތައް އަދި ފުރިހަމަ ކުރެވިފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ ވަސީލަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ސަޢުދީ ސަރުކާރާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން މިގޮތަށް ވިދާޅުވީ އެ މިސްކިތް މާލޭ ރައްޔިތުންނަށް ހުޅުވައި ދެއްވުމަށް އެދި މާލޭ ސިޓީ ކައުންސިލަށް އިންތިޚާބު ކުރެވިފައިވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފައިވާ ވަގުތެއްގައެވެ.
އެ މިސްކިތް ހުޅުވުން ލަސްވަމުންދާ ސަބަބު ވެސް މިނިސްޓްރީން ވަނީ ހާމަ ކުރައްވައިފައެވެ.
ކިންގް މިސްކިތަކީ ސަޢުދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ޢިމާރާތް ކޮށްފައިވާ މިސްކިތެކެވެ. އެހެން ކަމުން އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން ސަޢުދީން ވެސް ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
މިސްކިތް ހުޅުވުމަށްޓަކައި ތާރީޚުތަކެއް ކަނޑައެޅުނު ކަމަށާއި އެހެންނަމަވެސް އެހިސާބުން ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރުނުކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އެ ޙާލަތުގެ ސަބަބުން ސަޢުދީ ސަރުކާރުން ރާއްޖެއަށް ވަޑައިގަންނަވާ ބޭފުޅުނަށް ވަޑައިގަތުމުގެ ރައްކާތެރި މާޙައުލެއް އަދިވެސް ފަހިވެފައިވާ ނުވާކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި ސަބަބާ ހެދި ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވާތީ އެކަން ހިތާމައާއެކު ފާހަގަ ކުރާ ކަމަށް ވިދާޅުވެފައިވެއެވެ.