މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަ ގޮތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ، މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ފިތުރު ޒަޔާތް ދައްކަން ޖެހޭނީ ދިރާގު ޕޭ ވެބްސައިޓު، ނައު.އެމްވީ އެޕްލިކޭޝަން ، އުރީދޫ އެމް ފައިސާ އެޕްލިކޭޝަން، އަދި އެސްއެމްއެސް މެދުވެރިކޮށެވެ. މާލޭ ސަރަހައްދުގައި މި އަހަރު އޮންލައިންކޮށް ޒަކާތް ބަލައިގަތުމަށް ނިންމާފައި ވާއިރު މިދިޔަ އަހަރުވެސް ފިތުރު ޒަކާތް ބަލައިގެންފައި ވަނީ އޮންލައިންކޮށެވެ.

ބީއެމްއެލްގެ ވެބްސައިޓު މެދުވެރިކޮށް ޒަކާތް ދެއްކޭ އިރު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިސާނެޓް އެޕްލިކޭޝަންގެ އިތުރުން މެއިން ބްރާންޗު އަދި ހުޅުމާލެ ބްރާންޗުގެ ކައުންޓަރުތަކުން ވެސް ޒަކާތް ބަލައިގަންނާނެ އެވެ. މީގެ އިތުރުން ފަހިޕޭ އެޕްލިކޭޝަން އާއި ޕޯޓަލް އިން ވެސް ޒަކާތް ދެއްކޭނެއެވެ.

ފިތުރު ޒަކާތުގެ ގޮވާމުގެ އަގުތައް:

އާދައިގެ ހަނޑޫ: 12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ: 52 ރުފިޔާ

ބާސްމަތީ ހަނޑޫ (އާދައިގެ): 65 ރުފިޔާ

ބާސްމަތީ ހަނޑޫ (މޮޅު): 89 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ

ރަތް ހަނޑޫ: 78 ރުފިޔާ

އާދައިގެ ފުށް: 10 ރުފިޔާ

އާޓާ ފުށް: 59 ރުފިޔާ

މާލެ ސިޓީގައި އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭ އިރު އެހެން ސިޓީތަކާއި ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުން ކަމަށް މިނިސްޓްރީން ބުނެއެވެ.