2025ވަނަ އަހަރު ހިމެނިގެންދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ފަށައި، އިޤުތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބެންފަށާނެ އަހަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ވިދާޅުވެ ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައެވެ.

"ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ދިވެހި ޤައުމިއްޔަތު ދިފާޢުކޮށް ކަށަވަރުކުރުމުގެ އަމާޒެވެ. ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ އަމާޒެވެ. ބޭސްފަރުވާއާއި އާންމު އަސާސީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމާޒެވެ. ހަމައެހެންމެ ރާއްޖޭގެ ތަފާތު އެކި އެކިކަންކޮޅުތަކަށް ގެނެވޭ އުމްރާނީ ކުރިއެރުމެވެ. ދުސްތޫރީ އިޞްލާޙުތަކެވެ. އެކި ރޮނގުރޮނގުން ސިންދަފާތުކޮށް ފުޅާކުރެވޭ އިޤުތިޞާދެވެ. މި ހުރިހައި ކަމަކާއެކީގައި ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓެވެ. ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މިއަދުގެ އަމާޒަކީ މިއެވެ" .
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުޞަތެއްކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ފެންވަރުގައްޔާއި ޖަމާޢަތުގެ ފެންވަރުގައްޔާއި ފަރުދީފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެކަމަށެވެ. މިގޮތުން ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމި އޮތުންކަމަށާއި، ވަޢުދުތައް ފުއްދުމާއި، އިތުބާރު ދެމެހެއްޓުމާއި، އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި ތިބެ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުންކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމި އޮތުމެވެ. ވަޢުދުތައް ފުއްދުމެވެ. އިތުބާރު ދެމެހެއްޓުމެވެ. އަބަދު ވެސް ރައްޔިތުންނާ އެންމެ ގާތުގައިވުމެވެ. މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމެވެ."
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ އާ އަހަރުގެ ފަރުދީ އަޒުމެއްގެ ގޮތުގައި ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރި، ޞުލްޙަ މަޞްލަހަތު އިސްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި، އިޙްތިރާމާއި، ކުލުނުވެރިކަންކަމުގައި ފާހަގަކުރައްވައި އާ އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާމެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މީލާދީ އައު އަހަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބު ނިންމަވާލައްވާފައިވަނީ އެންމެން ގުޅިގެން ޤައުމީ ތަރައްޤީގައި އެއް އަމާޒަކަށް ދަތުރުކުރުމަށް ބާރުއަޅުއްވަމުންނެވެ. އަދި 2025 ވަނަ އަހަރަކީ ދިވެހީންގެ ރާއްޖޭގެ އަންނަން އޮތް މުސްތަޤުބަލަށްޓަކައި ޒިންމާދާރުކަމާއެކީ، ޤައުމު ބިނާކުރުމުގެ އަހަރުކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.