ސްރީލަންކާގައި ޗައިނާ އިން ބިނާ ކުރާ ޕޯޓް ސިޓީއާ ދެކޮޅަށް ގިނަ ފަރާތްތަކުން ސުޕްރީމް ކޯޓަށް ދައުވާ ހުށަހަޅައިފިއެވެ. ބައެއް ފަރާތްތަކުން ސިފަ ކޮށްފައިވަނީ ސްރީލަންކާ ޕޯޓް ސިޓީއަކީ ލަންކާގައި ޗައިނާއިން އިމާރާތް ކުރާ ޗައިނާގެ ކޮލޮނީއެއް ކަމަށެވެ.

ސްރީލަންކާގެ އިދިކޮޅު ފަރާތްތަކާއި ޓްރޭޑް ޔޫނިއަންތަކުންނާއި އެންޖީއޯތަކުން ދައުވާ ހުށަހަޅާފައި ވަނީ އެ ގައުމުން ފާސްކޮށް ގެޒެތް ކުރި ގާނޫނަކާ ގުޅިގެންނެވެ. މި ގާނޫނުން ސްރީލަންކާގެ ސިޔާދަތު ނިގުޅައި ގަންނަ ކަމަށާއި އަދި މިއީ ގާނޫނުއަސާސީއާ ޚިލާފް ގާނޫނެއްކަމަށް ދައުވާ ހުށަހެޅި ފަރާތްތަކުން ބުނެފައި ވެއެވެ.

ވެރިކަން ކުރާ ރާޖާޕަކްސަ އާއިލާގެ ނުފޫޒުގަދަ ސަރުކާރުން ފާސްކުރި ގާނޫނު، ކޮލޮމްބޯ ޕޯރޓް ސިޓީ އިކޮނޮމިކް ކޮމިޝަން ގައި ބަޔާން ކޮށްފައިވަނީ ބިން ހިއްކައިގެން ބިނާ ކުރާ 1.4 ބިލިއަން ޑޮލަރުގެ ޕޯޓް ސިޓީގައި ކަންކަން އިންތިޒާމު ކުރާނެ ގޮތާ ބެހޭ ގޮތުންނެވެ.

އިދިކޮޅު ޕާޓީތައް ކަމަށްވާ ޔުނައިޓެޑް ޕީޕަލްސް ފްރޮންޓްއާއި ޖޭވީޕީއާއި ޔޫއެންޕީއާއި އެންޖީއޯ ސެންޓަރ ފޯރ ޕޮލިސީ އޯލްޓަނޭޓިވްއާއި ލޭބަރ އޮގަނައިޒޭޝަންތައް މި ދައުވާގައި ބައިވެރިވެފައި ވެއެވެ.

މި ގާނޫނުގައި ބުނާ ގޮތުން ކޮލޮމްބޯ ޕޯރޓް ސިޓީގައި ކުރާ މަސައްކަތަށް ލައިސަންސް ދިނުމާއި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދާނީ މި ކޮމިޝަނުންނެވެ. އަދި ކޮމިޝަނުން ރިޕޯޓް ކުރަން ޖެހޭނީ ލަންކާ ރައިސަށެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ، މިއީ ބިދޭސިންނަށް ގައުމުގައި ވަކި ސަރުކާރެއް ހިންގައި އެމީހުން ރައީސަށް ރިޕޯޓް ކުރުމަށް ހަމަޖައްސާފައިޥާ އިންތިޒާމެއްކަމަށެވެ. އަދި މިއިން ގައުމުގެ މީހޖންގެ މެދުގައި ތަފާތު ކުރެވެނީ ކަމަށެވެ.

މި ގާނޫނު ބުނާ ގޮތުން ޕޯޓް ސިޓީގައި ސްރީލަންކަން ރުޕީސްއިން އިންވެސްޓެއް ނުކުރެވޭނެއެވެ. އަދި މިއިން ގައުމުގެ މީހުންނަށް އިންވެސްޓް ކުރުމަށް ދޮރު ބަންދު ކުރެވޭ ކަމަށާއި މިއިން ލަންކާ މީހުންނަށް ނު ވަދެވޭފަދަ ބަންދު ސިޓީއެއް ގައުމުގައި ބިނާ ކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ. ސްރީލަންކާގައި އެއް ހަމައަކުން ގާނޫނު ހިނގަން ޖެހޭ ކަމަށް ބުނާއިރު މިއީ ބިދޭސިންނަށް ހަދާފައިވާ ވަކި ގާނޫނެއް ހިނގާ ގައުމުގައި އޮތް ބިދޭސި ގައުމެއްކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލާގައި ރާޖާޕަކްސަ އާއިލާއަށް ވާގިވެރިވާ ސިންގަޅަ ފާރިދީންނާއި ބޮޑެތި ފައްޅިތަކުންވެސް ވަނީ ފާޑު ކިޔާފައެވެ. ފާދިރީން ސިފަ ކުރި ގޮތުގައި ޗައިނާގެ ފައިސާއިން ބިނާ ކުރާ މި ސިޓީއަކީ ޗައިނާއިން ހަދާ ކޮލޮނީއެކެވެ.

ޗައިނާގެ ރައީސް 2014 ގައި ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ފައްޓަވައި ދެއްވި މި މަޝްރޫއުގެ ސަބަބުން ލަންކާއަށް އިންވެސްތްމެންތްގެ ގޮތުގައި 15 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ލަންކާ ސަރުކާރުން ލަފާ ކުރެއެވެ. އަދި މީގެ ސަބަބުން ލަންކާ ވެގެންދާނީ ދެކުނު އޭޝިއާގެ އެންމެ ފައްކާ ފަތުރުވެރިކަމާއި ވިޔަފާރީގެ މަރުކަޒު ކަމަށްވެސް ސަރުކާރުން ބުނެއެވެ.