ޑްރާމާ ސީރީޒް "ކަސޯޓީ ޒިންދަގީކީ" ގެ ދެވަނަ ސީޒަންގައި އަނުރާގުގެ ރޯލް ކުޅުނު ޕާތު ސަމްތާން ބޮލީވުޑަށް ނިކުންނަން އުޅޭކަން އޭނާ ކަށަވަރު ކޮށްދީފިއެވެ. ޕާތު އޭނާގެ އެންމެ ފުރަތަމަ ފިލްމުގެ ތައްޔާރީތައް ވަމުންދާ އިރު އެ ފިލްމުން ޕާތުގެ އިތުރުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓެވެ.

ޑްރާމާ ސިލްސިލާތަކުން ގިނަ ބަޔެއްގެ ހިތް އަތުލާފައިވާ ޕާތުގެ މިހާރުގެ އަމާޒަކި ފިލްމީ ދާއިރާއެވެ. އަލްޓް ބާލާޖީގެ ވެބް ސީރީޒް "މެ ހީރޯ ބޯލް ރަހާ ހޫ" އިން އޭނާ ވަރަށް އަވަހަށް ފެނިގެންދާނެއެވެ. މީގެ ކުރިން އޭނާ މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި ވެސް ވަނީ ބޮލީވުޑަށް ނިކުންނަކަން ކަށަވަރު ކޮށްދީފައިއެވެ. މާބޮޑު ތަފްސީލެއް ހާމަނުކުރި ނަމަވެސް އޭނާވަނީ މި އަހަރުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށާނެކަން ހާމަކޮށްފައެވެ. މިއަހަރު ތެރޭގައި ޝޫޓިން ފަށާނެތީ އޭނާ ހުރީ އެކަމަށް ފެންބޮވައިގެންފައެވެ.

މި ފިލްމަށް އޭނާގެ ސަތޭކާ ޕަސެންޓު ދޭން ބޭނުންވާކަމަށާއި ވީހާވެސް ރަނގަޅަށް ކަންތައްތައް ކުރެވޭތޯ ބަލާނެކަމަށް ވެސް ޕާތު ބުނެފައިވެއެވެ. މީގެ އިތުރުން އޭނާ އުއްމީދު ކުރީ އެންމެ ރަނގަޅު ގޮތްވާން ކަމަށާއި ނަމަވެސް ކޮވިޑްގެ ސަބަބުން ހުރިހާ ކަމެއް ފަސްކުރަން ޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވި ކަމަށްވެސް ޕާތު ބުނެފައިވެއެވެ.

އަލްޓް ބާލާޖީގެ ވެބް ސީރީޒް ''މޭ ހީރޯ ބޯލް ރަހާ ހޫ'' ގެ ރިލީޒްގެ ތައްޔާރީތައް ވަމުންދާއިރު މި ސިރީޒްގައި ޕާތު ކުޅެނީ ގޭންގް ސްޓާރެއްގެ ރޯލެވެ. މި ސިރީޒްގައި އޭނާ ކުޅެން ޖެހޭ ރޯލްގެ ސަބަބުން ދުންފަތުގެ ބޭނުން ކުރަން ޖެހުނު ކަމަށް ޕާތު ބުނެއެވެ. އަދި މި ސީރީޒްގެ ޝޫޓިން މުއްދަތު ދިގުލައިގެން ދިއުމުގެ ސަބަނުން ދުންފަތަށް އޭނާ އާދަވެ ދޫކޮށްލަން އުނދަގޫ ވި ކަމަށެވެ. ނަމަވެސް ރައްޓެހިންގެ އެހީތެރިކަމާއެކު އޭނާ މިހާރުވަނީ މިކަމުން ދުރުވެފައެވެ.

ޕާތު ވަނި '' ކަސޯޓީ ޒިންދަގީ ކޭ 2'' '' ކޭސީ ޔޭ ޔާރިއަން'' އަދި ''ޔޭ ހޭ އާޝިގީ'' ފަދަ ސިލްސިލާތަކުން އޭނާގެ ހުނަރު އާއްމުންނަށް ދައްކާފައިއެވެ. '' މޭ ހީރޯ ބޯލް ރަހާ ހޫ '' އަދި ޕާތުގެ އެންމެ ފުރަތަމް ފިލްމު ''ގަންގޫބައި ކާޓިއާވަޑި '' އަކީ ޕާތުގެ ކުރިއަށް ހުރި މަސައްކަތް ތަކެވެ.