އިރާގްގައި ސައޫދީ އަރަބިޔާއާއި އީރާނުން ސީދާ މަޝްވަރާތައް ބާއްވައިފިއެވެ. މިއީ ދެ ގައުމުން ގުޅުން ކަނޑާލިތާ ހަތަރު އަހަރު ފަހުން ބާއްވާ ފުރަތަމަ މަޝްވަރާތަކެވެ. ފައިނޭންޝަލް ޓައިމްސްއިން ބުނާ ގޮތުގައި މި މަޝްވަރާތަކުގައި ޝީއީ ހޫތީން ސައޫދީ އަރަބިއްޔާއަށް ދޭ ރޮކެޓް ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
ސައުދިގެ ފަރާތުން މި މަޝްވަރާތައް ކުރިއަށް ގެންދެވީ ޖާސޫސީ އިދާރާގެ ވެރިޔާ ޚާލިދު ބިން އަލީ އަލްޙުމައިދާންއެވެ.
ސައޫދީން ވަނީ އީރާނާއެކު ސީދާ މަޝްވަރާތައް ބާއްވާފައިވާ ވާހަކަ ދޮގު ކޮށްފައެވެ. އަދި ލުބުނާންގެ އަލްމަޔާދީންއާއި ޔޫ ނިއުސްއިން ވެސް ވަނީ އީރާން މަސްއޫލުވެރިން ވެސް މިފަދަ މަޝްވަރާއެއް ނުބާއްވާ ކަމަށް ބުނެފައެވެ. މިއީ އީރާނުން މަދަދު ލިބިގެން ހިންގާ ދެ ޗެނަލެވެ.
ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓް ބުނާ ގޮތުން މިކަން ފަހިކޮށްދީފައި ވަނީ އިރާގްގެ ބޮޑު ވަޒީރު މުސްތަފާ އަލްޚާދިމީ އެވެ. އޭނާ ވަނީ މި ކަމުގައި ސައޫދީ އަރަބިއްޔާއަށް ގިނަގިނައިން ޒިޔާރަތް ކުރައްވާފައެވެ. މީގެ އިތުރުން އޭނާ ގެންދަވަނީ އުރުދުންއާއި މިސްރާއި އީރާން ގާތް ކުރުމަށްވެސް މަސައްކަތް ކުރައްވަމުންނެވެ.
އީރާނަކީ ސައޫދީއަށް ހޫތީން ހަމަލާ ދޭން ބޭނުން ކުރފޜާ ރޮކެޓާއި ޑްރޯން ސަޕްލައި ކޮށްދޭ ފަރާތެވެ.
އެމެރިކާގެ ބައިޑެން ސަރުކާރުން ވަނީ ގޮތަކަށް ސައޫދީ އަރަބިއްޔާ ބާކީކޮށްލާފައެވެ. އަދި ސައޫދީ ވިސްނުމާ ދެކޮޅަށް އެމެރިކާއިން ވަނީ އީރާނާއެކު ނިއުކްލިއަރ މަޝްވަރާ ގައި ބައިވެރިވެފައެވެ. ސައޫދީ އަރަބިއްޔާއިން ދެކެނީ އީރާން ނިއުކްލިއަރ މަޝްވަރާތަކުގައި ގަލްފްގެ ގައުމުތަކަށް ދައުރެއް އޮންނަން ވާނެ ކަމަށެވެ.