ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ، މިއަދުން ފެށިގެން ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ މިދިޔަ މާޗް މަހުގެ 23 އަދި 24 ވަނަ ދުވަހު އެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ކަމަށެވެ. އެގޮތުން މިއަދު މި ވެކްސިން ޖަހައިދޭނީ ދެ ވެކްސިން ސެންޓަރަކުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ ޓްރީޓޮޕް ހޮސްޕިޓަލާއި ރައްޔިތުން މަޖިލިސް ކުރާ ގެއިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ސިނޯޕާމް ވެކްސިންގެ ދެވަނަ ޑޯޒް ދުވާލާއި ރޭގަނޑުގެ ވަގުތުގައި ޖަހައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ހެނދުނު 10:00 އިން 12:00 އަށް ވެކްސިން ޖަހައިދޭ އިރު އެ ވަގުތުގައި ވެކްސިން ޖަހައިދެނީ ރޯދައަށް ނުހުންނަ ފަރާތްތަކަށް އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުން ރޭގަނޑު 8:30 އިން 11:00 އަށް ވެސް ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ރައްޔިތުން މަޖިލިސް ކުރާ ގެއިން ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭ ވަގުތަކީ ރޭގަނޑު 9:00 އިން 11:30 އަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.