ސްރީލަންކާގެ ކޮލޮމްބޯ ޕޯޓް ސިޓީ އުފެދުމާއެކު އެތަން ވެގެންދާނީ މަނީ ލޯންޑަރ ކުރުމުގެ މަރުކަޒެއް ކަމަށް ލަންކާގެ ކުރީގެ ޖަސްޓިސް މިނިސްޓަރ ޑރ. ވިޖެޔަދާސާ ރާޖަޕަކްސަ މިއަދު ސުޕްރީމް ކޯޓުގައި ދައުވާ ހުށަހަޅުއްވަމުން ވިދާޅުވެއްޖެއެވެ. ސްރީލަންކާ ސަރުކާރުން އެކުލަވާލާފައިވާ ކޮލޮމްބޯ ޕޯޓް ސިޓީ އިކޮނޮމިކް ކޮމިޝަނުން، ގައުމުގެ ގާނޫނުއަސާސީން ބޭރުން ކޮމިޝަނަށް ބާރުތައް ދީފައިވާތީ، އިދިކޮޅު ފަރާތްތަކާއި އެންޖީއޯތަކާއި ބާރ އެސޯސިއޭޝަނުން އަދި ރެވެނިއު އޮތޯރިޓީން ވަނީ ސުޕްރީމް ކޯޓަށް އެ ބިލް ބާތިލް ކޮށްދިނުމަށް އެދި ދައުވާ ހުށަހަޅާފައެވެ.
ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަމުން ޑރ. ރާޕާޕަކްސަ ވިދާޅުވީ، ކޮލޮމްބޯ ޕޯޓް ސިޓީގެ ބިލަކީ، ގައުމުގެ އެތެރޭގައި ވަކި ދައުލަތަކަށް ވާނެ ބިން ކޮޅެއް ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ ޚާއްސަ ބިލެކެވެ.
މި ބިލްގެ ސަބަބުން ކޮލޮމްބޯ ޕޯޓް ސިޓީ އަކީ އެތަނުން ދޭ މުސާރައިންނާއި އެތާގައި ހިންގާ ހަރަކާތްތަކުން ޓެކްސް ނެގޭނެ ތަނެއް ނޫންކަމަށާއި އެތަން ވެގެންދާނީ ބިދޭސީން ހިންގާ މާލީ މަރުކަޒެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ މަނީ ލޯންޑަރިންގެ މަރުކަޒަކަށް ވާނެ ރައްކާތެރި ސަރަހައްދެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތުން ކޮލޮމްބޯ ޕޯޓް ސިޓީ ކޮމިޝަން ވެގެންދާނީ އެތާގެ ބިންތައް ނީލަންކިޔާ އިދާރާ އަކަށެވެ. އަދި އެމަސައްކަތް ނިމުމުން އެކޮމިޝަނުގެ ދައުރު ނިމުނީ ކަމަށް އޭނާ ސާފުކޮށްދެއްވިއެވެ. އަދި މިތަނުން ބިންތައް ގަންނަ ބޭރުގެ ކުންފުނިތަކުން ބިންތައް އެހެން ފަރާތްތަކަށް ވިއްކައި ހެދޭނެ ކަމަށާއި މިކަމަށް ސްރީލަންކާ ސަރުކާރަކަށް ބާރެއް ނުހިންގޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮލޮމްބޯ ޕޯޓް ސިޓީގެ 269 ހެކްތަރުގެ ބިމަކީ ވަކި ސަރުކާރެއް ކަމަށާއި އެތާގައި ގައުމުގެ ގާނޫނުތަކުގެ ބާރު ނެތުމުން ގައުމުގެ ސިޔާދަތު ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ރާޖާޕަކްސަގެ ވާހަކަފުޅުގައި ޕޯޓް ސިޓީ ބިނާ ކުރާ ޗައިނާ ކުންފުންޏާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ ޗައިނާ ކުންފުންޏަކީ މިހާރު އެމެރިކާއިން ބްލެކް ލިސްޓް ކޮށްފައިވާ ކުންފުންޏެއް ކަމަށެވެ.
ޕޯޓް ސިޓީގައި ސްރީލަންކާ ފައިސާއިން މުއާމަލާތު ނުކުރެވޭ ގޮތަށް އޮތުމުން އެކަންވެސް ކޯޓުގެ ސަމާލުކަމަށް ގެންނެވިއެވެ.
ކޮލޮމްބޯ ޕޯޓް ސިޓީއާ ބެހޭ ގޮތުން ދެކެވެމުންދާ ވާހަކަތަކުގައި ސަރުކާރަށް ތާއިދު ކުރާ ބުދު ދީނުގެ އިސް ހާމުދުރުން ވެސް ބުނަމުން ދަނީ ސަރުކާރުން މިފަދަ ކަމެއް ކުރުމުގެ ކުރިން އެމީހުންނާ ވެސް މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ. އަދި މި ކަމުގެ އަޑީގައި ތިބީ ކޮން ބަޔެއް ތޯއާއި މި ކަމުން ފައިދާ ވަނީ ކޮންބަޔަކަށް ކަން ސާފުކޯށްދޭން ޖެހޭނެ ކަމަށެވެ.