ޞާލިޙު ދަރިއެއްގެ މުހިއްމުކަން:
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މީހާ މަރުވާ ހިނދު އޭނާއަށް ފަހަށް ރައްކާކޮށްފައި ދޫކޮށްލެވޭނެ އެންމެ އަގުބޮޑު ރައުސްމާލަކީ އޭނާ ދޫކޮށްލާފައިދާ ޞާލިޙު ދަރިންނެވެ. ޞާލިޙު ދަރިންގެ ގާތުގައި ﷲ ފިޔަވައި އެންމެ އަގުހުރި ފަރާތަކީ ތިމާމެންގެ މައިންބަފައިންނެވެ. ޞާލިޙު ދަރިއެއްގެ ގާތުގައި އޭނާ އެެންމެ ލޯބިވާނެ އަދި އެބަޔަކަށް ޓަކައި އެންމެ ޣީރަތްތެރިވާނެ ފަރާތަކީ (ﷲއާއި އެއިލާހުގެ ރަސޫލާ ފިޔަވައި) އޭނާގެ މައިންބަފައިންނެވެ. އެހެންކަމުން ތިމާ ރުޅިއަންނަ މީހަކު އެންެމެ އަވަހަށް ތިމާ ރުޅި އަރުވާލުމުގެ ގޮތުން ބޭނުން ކޮށްލާނެ އެއްޗަކީ މައިންބަަފައިންނާމެދު ކޮންމެވެސް ކަހަލަ ހުތުރު ބަހެއް ބުނެލުމެވެ. މިއަށްވުރެން ތިމާ ލޭކެކޭނެ އެއްވެސް ބަހެއް ނޯންނާނެއެވެ.
ފަތުރަތުގެ އަހުލުވެރިން:
އަޅުގަނޑުމެން އެދީނަކަށް ނިސްބަތްވެގެންވާ ހިދާޔަތުގެ ދީނާއިގެން އަޅުގަނޑުމެންގެ ގާތަށް މަތިވެރި މާތް ﷲ ފޮނުއްވި ބޭކަލަކީ ޢާލަމްތަކަށް ކައުކުރެއްވި سَيِّدُنَا مُحَمَّدٌ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެވެ. އެކަލޭގެފާނުން ފޮނުއްވެވުނީ ޢާލަމްތަކަށް ހިދާޔަތެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނުންގެ ރަސޫލުކަން މުޚާޠަބުވަނީ އެކަލޭގެފާނުންގެ ދުވަސްވަރު އުޅުނު މީހުންނަށާއި އެއަށްފަހު ޤިޔާމަތާ ޖެހެންދެން ދުނިޔެއަށް އަންނާނެހައި ބަޔަކަށެވެ. އިންސީންނާއި ޖިއްނީންނަށެވެ.
ރަސޫލާގެ ރިސާލަތު އައުމުގެ ކުރިން ވެއަތުވެދިޔަ ބަޔަކީ ތަކްލީފު ލިބިގެންވާ ބައެއްނޫނެވެ.
ކަންމިހެން އޮތްހިނދު މިދީނުގެ ރިސާލަތު ކީރިތި ރަސޫލާއާ ޙަވާލުވެވުމުގެ ކުރިން ދުނިޔެ ދޫކޮށްފައި ގޮސްފައިވާ މީހުންނަކީ މިފުރިހަމަ ރިސާލަތުގެ ޚިޠާބު ކުރިމަތިވާ ބައެއް ނޫނެވެ. އެފަދަ މީހުންނަށް ކިޔަނީ ފަތުރަތުގެ މީހުންނެވެ. ޢިލްމުވެރިންގެ އިއްތިފާޤުން އެބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ފަތުރަތުގެ އަހުލުވެރިންނަކީ އިސްލާމް ދީނުގެ ތަކްލީފުން ތަކްލީފު ލިބިގެންވާ ބައެއް ނޫނެވެ. ފަތުރަތުގެ އަހުލުވެރިންނަކީ ކޮބައިކަން ބަޔާން ކުރަށްވަމުން އިމާމު އިބްނި ކަޘީރު ވިދާޅުވެފައި ވެއެވެ. “އެއީ ކޮންމެ ދެ ނަބިއްޔެއްގެ ދެމެދުގައި ރަސޫލުކަން މެދުކެނޑިފައި އޮންނަ ދުވަސްވަރެވެ. މިސާލަކަށް ޢީސާގެފާނާއި މުޙައްމަދުގެފާނުންގެ ދެދައުރުގެ ދެމެދު ރަސޫލުކަން ނުފޯރައި މެދު ކެނޑިފައި އޮތް ދުވަސްވަރެވެ.([1]) ޢައްލާމާ އާލޫސީ އެކަލޭގެފާނުންގެ ތަފްސީރުގައި ވިދާޅުވެފައި ވެއެވެ. “މުފައްސިރުންގެ އިޖްމާޢިން ސާބިތުވާ ގޮތުގައި ފަތުރަތުގެ ދުވަސްވަރަކީ ދެރަސޫލުންގެ ދެމެދުގައި މެދުކެނޑިފައި އޮންނަ ދުވަސްވަރެވެ.([2])
ފަތުރަތުގެ އަހުލުވެރިންގެ ތެރެއިން ނަޖާތު ލިބިގެންވަނީ ކޮން ބަޔަކަށްބާ!
ފަތުރަތުގެ އަހުލުވެރިންނަށް ބަލާއިރު އިމާމު ސުޔޫޠީ އެބައިމީހުން ތިންބަޔަކަށް ބައްސަވާފައި ވެއެވެ. އޭގެ ތެރެއިން ތިންވަނަ ބަޔަކަށް ސުޔޫޠީ ވިިދާޅުވަނީ، އެއީ ތައުޙީދުގެ މަގަށް ނޫޅުނުކަމުގައި ވިއަސް ޝިރުކު ނުކޮށް އެއްވެސް ނަބީ ބޭކަލެއްގެ ޝަރީޢަތަކަށް ވެސް ތަބާނުވެ، އަމިއްލަ ދީނަކަށްވެސް ނޫޅެ، ދީނެއް އުފަން ކުރުމެއްނެތި، ތިމާގެ މުޅި ޢުމުރު ޣަފުލަތުގެ ގޮތުގައި ވެއަތުކޮށްފައި ދިޔަ މީހުންނެވެ. ޖާހިލިއްޔަ ޒަމާނުގައިވެސް މިފަދަ މީހުން އުޅުނުލެއް މަދެއް ނޫނެވެ.([3])
ފަތުރަތުގެ އަހުލުވެރިންގެ ޙުކުމަކީ ކޮބައިތޯ ބަލާއިރު ޢިލްމުވެރިންގެ މެދުގައި ހަތަރު ރައުޔެއް އެބައޮވެއެވެ. އިމާމު ސުޔޫޠީ ވިދާޅުވަނީ ޢިލްމުވެރިންގެ އެއް ބަސްފުޅަކީ، ދީނުގެ ދަޢުވަތު އެމީހަކާ ހަމައަށް ނުފޯރައި މަރުވާމީހާމަރުވީ ސަލާމަތްތެރި ކަމާއެކުގައިކަމަށެވެ. މިބަސްފުޅަކީ ޢިލްމުލްކަލާމުގެ އަހުލުވެރިންނާއި އުޞޫލުގެ ޢިލްމުވެރިންގެ ތެރެއިން ތިމަންމެންގެ އަޝްޢަރީ އެންމެހައި ޢިލްމުވެރިންގެ ރައުޔެވެ. އަދި ޝާފީ މަޛްހަބުގެ ފިޤުހުވެރިންގެ މަޛްހަބަކީވެސް މިއީއެވެ. ބައެއް ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ކުޑައިރުގައި މަރުވާ، މުޝްރިކުންގެ ދަރިންގެ ޙުކުމަކީވެސް މިއީއެވެ. ޖުމްހޫރު ދަންނަބޭކަލުން ދެކެވަޑައި ގަންނަވާ ގޮތުގައި މިމީހުން ދާހުށީ ސުވަރުގެއަށެވެ. މިއީ އިމާމު އިބްނި ޙަޒްމާއި ޖުމްހޫރު ދަންނަބޭކަލުންގެ މަޛްހަބެވެ. އަދި އިމާމު ޤުރުޠުބީއާއި ނަވަވީއާއި އިބްނި ޙަޖަރުގެ މަޛްހަބެވެ. އިބްނި ޙަޖަރު ވިދާޅުވާ ގޮތުގައި އިމާމު ބުޚާރީގެ ރައުޔަކީވެސް މިއީއެވެ.([4])
ފަތުރަތުގެ އަހުލުވެރިންގެ ތެރެއިން ޝިރުކު ނުކުރާ މީހުންގެ ޙުކުމަކީ ކޮބައިބާ؟
ކޮންމެއަކަސް އެބަޔަކަށް ރަސޫލުކަން ނުފޯރައި، ތަކްލީފެއް ނުލިބި މަރުވުމުން އެމީހުން ނަރަކައަށް ދާނެ ކަމަށް ބުނުމަކީ މާތް ﷲގެ އިންސާފުވެރިކަމާ ފުށުއަރާ ކަމެކެވެ. އެއިލާހު އެއްވެސް އަޅަކަށް ނުޙައްޤުން އަޛާބެއް ނުދެއްވާނެއެވެ. އަދި އަޅަކަށް ޒައްރާއެއްގެ ބަރާބަރު އަނިޔާއެއް ވެސް ނުމެވޮޑިގެން ވާނެއެވެ. މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. }وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا{ މާނައީ: ޙައްޤާއި ބާޠިލް ވަކިކޮށް ދެއްވާނެ ރަސޫލަކު ނުފޮނުއްވަނީހެއް ތިމަން ﷲ އެއްވެސް އަޅަކަށް ޢަޛާބު ނުދެއްވަމެވެ.([5])
ކީރިތި ރަސޫލާގެ މަންމާފުޅާއި ބައްޕާފުޅަކީ ސުވަރުގެ ޙައްޤުވާ ބަޔަކުނޫންތޯ؟
ދެން މިބަހުސުގައި އުފެދޭ ސުވާލަކީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މަންމާފުޅާއި ބައްޕާފުޅަކީ ސުވަރުގެވެރިންތޯ ނުވަތަ ނަރަކަވެރިންތޯއެވެ؟ މިމައްސަލާގައި އިހާއި ފަހުގެ ޢިލްމުވެރިންގެ މެދުގައި ތިން ރައުޔެއް އެބައޮވެއެވެެ. އެއީ (1) އެބޭކަލުންނަކީ ނަަރަކަ ވެރިންކަމެވެ. (2) އެބޭކަލުން ދިރުއްވުމަށްފަހު ރަސޫލާގެ އަތްޕުޅު މައްޗަށް އީމާންވެ ވަޑައިގަތުމަށްފަހު އެބޭކަލުން މަރުގެންނެވުނީ ކަމަށެވެ. މިކަމަށް ދަލީލުކުރާ ޙަދީޘުތަކެއް ހުރިކަމުގައި ވިއަސް އެހުރިހާ ޙަދީޘުތަކަކީ ޟަޢީފު ޙަދީޘުތަކެވެ. (3) އެބޭކަލުންނަނީ ފަތުރަތުގެ އަހުލުވެރިން ކަމުގައިވާތީއާއި އެބޭކަލުން ޝިރުކު ކުރެއްވި ކަމަށް ސާބިތުވެފައި ނުވާތީ އެބޭކަލުންނަކީ ސުވަރުގެ ވެރިން ކަމަށެވެ. މިއިން ކޮންމެ ކޮޅެއްގައިވެސް ސަލަފުގެ ޢިލްމުވެރިން އެބަތިއްބެވިއެވެ.
އިމާމު ރާޒީ މިމައްސަލައާމެދު ފޮތެއް ލިއުއްވިއެވެ. އަދި އިމާމު ސުޔޫޠީ ހަ ރިސާލާއެއް ލިއުއްވާފައި ވެއެވެ. މިދެބޭކަލުން ސާބިތު ކުރަށްވާގޮތުގައި ކީރިތި ރަސޫލާގެ މައިންބަފައިންނަކީ ސުވަރުގެވެރިންނެވެ.
ކޮންމެއަކަސް ރަސޫލާގެ ބައްޕާފުޅު ޢަބްދު ﷲގެފާނުވެސް އަދި މަންމާފުޅު އާމިނަތުގެފާނުވެސް މައްކާގެ މުޝްރިކުން ފަދައިން ޝިރުކު ކުރެއްވި ކަމަކަށް ސާބިތުވާނެ އެއްވެސް ހެއްކެއް ދަލީލެއް ނެތެވެ. އަދި ތާރީޚީ އެއްވެސް ޢިލްމުވެރިއަކު އެފަދަ ވާހަކައެއް ދައްކަވާފައި ވެސް ނުވެއެވެ. އެދެބޭކަލުންވެސް ވަނީ ވަރަށް ޒުވާން ދުވަސްވަރު އަވަހާރަ ވެއެވެ. ރަސޫލާ ރައްކައުވުމުގެ ކުރިން ބައްޕާފުޅު އަވަހާރަ ވެއްޖެއެވެ. އަދި ރަސޫލުކަން ލިބިވަޑައިގަތުމުގެ މާކުރިން މަންމާފުޅު އަވަހާރަ ވެއްޖެއެވެ. އޭރު އެކަލޭގެފާނުންގެ ޢުމުރުފުޅަކީ 6 އަހަރުފުޅެވެ. ވުމާއެކު މިދެބޭކަލުންނަކީ ފަތުރަތުގެ ބޭކަލުންނަށް ނުވެ ދެން ފަތުރަތުގެ ބަޔަކީ ކޮބައިތޯއެވެ؟
ޤުރުއާނުގެ އަލީގައި ކީރިތި ރަސޫލާގެ މައިންބަފައިންގެ ޙުކުމް:
އެބަޔަކާ ހަމައަށް ރަސޫލުކަން ނުފޯރާ މީހުން ނަރަކައަށް ނުލައްވާނެކަން ކަނޑަައެޅިގެން ޤުރުއާނުގެ އެތަކެއް އާޔަތްތަކުން ސާބިތުވާން އެބައޮތެވެ. މިއީ ޝައްކެއްނެތި ޤަޠްޢީ (ޔަޤީނީ) ދަލީލުތަކެވެ. މިދަލީލުތަކަކީ، ކުރީގައި ބަޔާންވެދިޔަ އިސްރާ ސޫރަތުގެ 15 ފަނަ އާޔަތެވެ. ހަމައެހެންމެ ޤަޞަޞް ސޫރަތުގެ 59 ވަނަ އާޔަތާއި ޝުޢަރާ ސޫރަތުގެ 219 ވަނަ އާޔަތާއި ހަމަ ސޫރަތުގެ 208 ވަނަ އާޔަތާއި ސަބައަ ސޫރަތުގެ 44 ވަނަ އާޔަތާއި މުލްކު ސޫރަތުގެ 8 ވަނަ އާޔަތާއި 9 ވަނަ އާޔަތާއި ނިސާ ސޫރަތުގެ 40 ވަނަ އާޔަތާއި ޟުޙާ ސޫރަތުގެ 5 ވަނަ އާޔަތާއި ޔާސީން ސޫރަތުގެ 6 ވަނަ އާޔަތާއި ސަޖިދަ ސޫރަތުގެ 3 ވަނަ އާޔަތާއި މިނޫންވެސް އެތަކެއް އާޔަތެއް އެދެޙަދީޘާ ފުށުއަރައެވެ.
ބަޔާންވެދިޔަ އާޔަތްތަކުންނާއި އެނޫންވެސް އާޔަތްތަކުން ސާބިތުވާ ގޮތުގައި ކީރިތި ރަސޫލާގެ ބައްޕާފުޅާއި މަންމާފުޅަކީ ނަރަކައިން ސަލާމަތްވެ ވަޑައިގަންނަވާނެ ބޭކަލުންނެވެ. މިދަލީލުތަކުގެ އިތުރުން އަދިވެސް ނުސީދާ ބައެއް ދަލީލުތައް ބަޔާން ކޮށްލާނަމެވެ. އިމާމު ޠަބަރާނީ، މާތް ﷲގެ ވަޙީ ބަސްފުޅު }وَتَقَلُّبَكَ فِي السَّاجِدِينَ{ ގެ މާނަ ކުރަށްވަމުން މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސް މިފަދައިން ވިދާޅުވި ކަމުގައި ޞައްޙަމަގުން ރިވާކުރަށްވާފައި ވެއެވެ. }قَالَ مِنْ نَبِيٍّ إِلَى نَبِيٍّ حَتَّى أُخْرِجْتَ نَبِيًّا{ ([6]) މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނުން ސަޖިދަކުރާ މީހުންނާއެކު އުޅުއްވާތަން ﷲ ދެކެވޮޑިގެން ވެއެވެ. އެބަހީ އެއް ނަބިއްޔެއްގެ ޞުލްބުން އަނެއް ނަބިއްޔެއްެގެ ޞުލްބުން އެންމެ ފަހުން ކަލޭގެފާނު ނަބިއްޔަކަށް ފޮނުވަންދެން ޠާހިރުކަންމަތީ ފޮނުއްވިއެވެ.
ކީރިތި ރަސޫލާ ރުހިވަޑައިގަންނަވަންދެން ދެއްވާނެ ވާހަކަ:
މާތް ﷲގެ ވަޙީ ބަސްފުޅު }وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى{ ([7]) (މާނައީ: ކަލޭގެފާނުންގެ ވެރި ރަސްކަލާނގެ ކަލޭގެފާނު ރުހިވަޑައިގަންނަވަންދެން ދެއްވާނެތެވެ.) އިމާމު އިބްނި ކަޡީރު، އިމާމު ޠަބަރީއާއި އިބްނި އަބީ ޙާތިމުގެ ކިބައިން ރިިވާކުރަށްވާފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސް މިއާޔަތުގެ މާނަކުރަށްވަމުން، މިފަދައިން ވިދާޅުވި ކަމަށެވެ. }مِنْ رِضَاءِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَلَّا يَدْخُلَ أَحَدٌ مِنْ أَهْلِ بَيْتِهِ النَّارَ{ މާނައީ: ކީރިތި ރަސޫލާ ރުހިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން އެއްކަމަކީ އެކަލޭގެފާނުންގެ އަހުލުބައިތުންގެ ތެރެއިން އެކަކުވެސް ނަރަކަވެރިންގެ ތެރެއިން ނުލައްވާނެ ކަމެވެ.
ރަސޫލާގެ މައިންބަފައިންނާމެދު ޞަޙީޙު މުސްލިމުގައި އައިސްފައިވާ ދެޙަދީޘު:
ދެން މިތާގައި އުފެދޭ ސުވާލަކީ އިމާމު މުސްލިމު ރިވާކުރަށްވާފައިވާ ދެ ޙަދީޘާމެދުއެވެ.
(1) ފުރަތަމަ ޙަދީޘު: އިމާމު މުސްލިމުގެ އިތުރުން އަބޫ ދާއޫދުވެސް ރިވާ ކުރަށްވާފައި ވެއެވެ. }عَنْ أَنَسٍ أَنَّ رَجُلًا قَالَ يَا رَسُولَ اللَّهِ أَيْنَ أَبِي قَالَ فِي النَّارِ فَلَمَّا قَفَّى دَعَاهُ فَقَالَ إِنَّ أَبِي وَأَبَاكَ فِي النَّارِ{ މާނައީ: މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިން ރިވާ ވެގެން ވެއެވެ. އެއްދުވަހަކު ކީރިތި ރަސޫލާގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންގެ ބައްޕަ ވަނީ ކޮންތާކުތޯއެވެ؟ ޖަވާބުގައި ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ނަރަކާގައެވެ. ދެން މީނާ ވަަރަށް ދެރަވެލާފައި ދާންފެށުމުން ގޮވާލައްވާފައި ޙަދީޘު ކުރެއްވިއެވެ. ތިމަން ކަލޭގެފާނުންގެ ބައްޕާފުޅާއި ކަލޭގެ ބައްޕައާ ދެމީހުންވެސް ވަނީ ނަރަކާގައެވެ.
(2) ދެވަނަ ޙަދީޘު: މިޙަދީޘުވެސް އިމާމު މުސްލިމުގެ އިތުރުން އަބޫ ދާއޫދު ރިވާ ކުރަށްވާފައި ވެއެވެ. }عَنْ أَبِي هُرَيْرَةَ قَالَ أَتَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَبْرَ أُمِّهِ فَبَكَى وَأَبْكَى مَنْ حَوْلَهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْتَأْذَنْتُ رَبِّي تَعَالَى عَلَى أَنْ أَسْتَغْفِرَ لَهَا فَلَمْ يُؤْذَنْ لِي فَاسْتَأْذَنْتُ أَنْ أَزُورَ قَبْرَهَا فَأَذِنَ لِي{ މާނައީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާ ވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އެއްދުވަހަކު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުންގެ މަންމާފުޅުގެ ޤަބުރުފުޅަށް ޒިޔާރަތް ކުރަށްވައި ނުހަނު ކީރިތި ކުރެއްވިއެވެ. އެހިނދު އަރިހުގައި ތިއްބެވި ޞަޙާބީންވެސް ކީރިތި ކުރެއްވިއެވެ. ދެން ޙަދީޘު ކުރެއްވިއެވެ. ތިމަން ކަލޭގެފާނުންގެ ވެރި ރަސްކަލާނގެ އަރިހުން ތިމަން ކަލޭގެފާނުންގެ މަންމާފުޅަށް ފާފަ ފުއްސެވުމަށް އެދި ދުޢާ ދަންނަވަން އެދިވަޑައި ގަތުމުން އެކަމަށް ﷲ އިޒުނަ ނުދެއްވިއެވެ. ދެން އެކަމަނާގެ ޤަބުރުފުޅަށް ޒިޔާރަތް ކުރެއްވުމަށް އެދި ދެންނެވުމުން އެކަމަށް އިޒުނަ ދެއްވިއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވަނީ މިދެޙަދީޘުން ދަލާލަތު ކޮށްދޭ ގޮތުގައި އެދެކަނބަލުންނަކީ ނަރަކަވެރިންކަމަށް ސާބިތުވާ ކަމަށެވެ. މިގޮތަށް އެންމެ ބޮޑަށް ބުރަވެ ވަޑައިގަތް ބޭކަލުންގެ ތެރޭގައި އިމާމު ބައިޙަޤީއާއި ނަވަވީއާއި އިމާމު އިބްނި ތައިމިޔާ ހިމެނިވަޑައި ގަންނަވައެވެ. އިމާމު އިބްނި ތައިމިޔާ މިމައްޗަށް ވަަރަށްބޮޑަށް ބާރު އަޅުއްވާފައި ވެެއެވެ.
ޤިޔާމަތް ދުވަހު ހަތަރު ޖަމާޢަތެއްގެ އިމްތިޙާނު ކުރެވޭނެއެވެ.
ކޮންމެއަކަސް ކުރީގައި އަޅުގަނޑު ބަޔާންކުރި ފަދައިން ފަތުރަތުގެ އަހުލުވެރިންނަކީ އެބައިމީހުންނަށް ދީނުގެ ދަޢުވަތު ލިބިފައި ނުވާހިދު ޙުއްޖަތް ޤާއިމު ކުރެވޭނެ ބައެއް ނޫނެވެ. ޙަދީޘުތަކުން ސާބިތުވާ ގޮތުގައި ޤިޔާމަތް ދުވަހުން ހަތަރު ޖަމާޢަތެއްގެ ބަޔަކު އިމްތިޙާނު ކުރެވި ޙުއްޖަތް ޤާއިމު ކުރެވޭނެއެވެ. އެއީ މަންމަނުންނާއި މޮޔައިންނާއި މުސްކުޅިވެ އަބަހައްދަ ނެތިފައިވާ މީހުންނާއި އެބައިމީހުންގެ ގާތަށް ރަސޫލަކު ފޮނުވިފައި ނުވާ ފަތުރަތުގެ މީހުންނެވެ. ޤިޔާމަތް ދުވަހުން މިމީސްމީހުންގެ ގާތަށް ރަސޫލެއްގެ ގޮތުގައި މަލާއިކަތަކު ފޮނުއްވެވޭނެއެވެ. ދެން މިޙަދީޘުގެ ޚުލާޞާއަކީ އެރަސޫލަކު ވަޑައިގެން ނަރަކައަށް ވަންނަން އެންގެވުމުން އެކަން ޤަބޫލުކޮށްގެން ނަރަކައަށް ވަދެފި މީހާއަށް ސުވަރުގެ ދެއްވުމަށް މާތް ﷲ އަންގަވާނެތެވެ. އިމާމު އިބްނި ކަޘީރު ވިދާޅުވަނީ މިޙަދީޘުގެ ތަފާތު ރިވާޔަތްތައް އައިސްފައިވާ ކަމަށާއި އޭގެ ތެރޭގައި ޞައްޙަ ރިވާޔަތް ތަކާއި ޟަޢީފު ރިވާޔަތްތައްވެސް އައިސްފައި ހުރި ކަމަށެވެ.([8])
ބަހުސު ކުރެވޭ މުސްލިމުގެ ދެރިވާޔަތް ކަނޑައެޅިގެން ޤުރުއާނުގެ ޤަޠްޢީ ދަލީލާ ފުށުއަރައެވެ.
ކޮންމެއަކަސް ބަޔާންވެދިޔަ މުސްލިމުގެ ދެރިވާޔަތަކީ ޤުރުއާނުގެ ޤަޠުޢީ ދަލީލުތަކާ ފުށުއަރާ ޙަދީޘު ކަމަށް ވީހިނދު، ޢިލްމުވެރިން ވިދާޅުވަނީ ޤުރުއާނާ ޚިލާފަށް ޚަބަރު އާޙާދުން ޙުއްޖަތް ނުހޯދޭނެ ކަމަށެވެ. އިމާމު ފަޚުރުއްދީނު ރާޒީއާއި އިމާމު ސުޔޫޠީ މިމައްޗަށް ވަރަށް ބާރު އަޅުއްވައި މިދެޙަދީޘުގެ ޞައްޙަ ކަމާމެދު އިންކާރު ކުރަށްވާފައި ވެއެވެ. އަދި ސުޔޫޠީ ހަ ރިސާލާއެއް މިދެޙަދީޘާމެދު ލިއުއްވާފައި ވެއެވެ.
މުސްލިމުގައިވާ މިދެޙަދީޘުގެ މައްޗަށް ކުރެވޭ ބައެއް ތަޙްޤީޤު:
އިމާމު މުސްލިމުގެ ޞަޙީޙު މުސްލިމަކީ ޤުރުއާން ފިޔަވައި ޞަޙީޙު ބުޚާރީއަށް ފަހު އެންމެ ޞައްޙަ ފޮތް ކަމުގައި ވިއަސް އޭގައި ސަނަދުގެ ގޮތުންވެސް އަދި މަތަނުގެ ގޮތުންވެސް ބައެއް ޟަޢީފު ޙަދީޘު ހުރި ކަމުގައި ތަޙްޤީޤު ކުރެއްވި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. މިއީ އޭގެތެރެއިން ދެޙަދީޘެވެ.
ކީރިތި ރަސޫލާގެ ބައްޕާފުޅާ ބެހޭގޮތުން އައިސްފައިއޮތް ޙަދީޘަށް ބަލާއިރު:
(1) އެއްކަމަކީ ޙަދީޘުގެ ސަނަދުގައި ޙައްމާދު އިބްނި ސަލަމާ ކިއުނު ބޭކަލަކު ވެއެވެ. އެކަލޭގެފާނަކީ ޢުމުރުގެ ފަހުކޮޅުގައި ހަނދުމަ ނެތިވަޑައިގަންނަވާ ބޭކަލެކެވެ. އެހެންކަމުން އެޙަދީޘު މުސްލިމު ރިވާކުރެއްވި ކަމުގައި ވިއަސް ޟަޢީފު ޙަދީޘުގެ ލިސްޓަށް އެބަ ވަދެއެވެ.
(2) މިޙަދީޘުގައި އޮތް، ރަސޫލާގެ އަރިހަށް ސުވާލު ކުރަން އައި މީހާއާ ބެހޭގޮތުން ތަޙްޤީޤުން ސާބިތުވަނީ އޭނާއަކީ އަބޫ ރަޒީނު އަލްޢުޤައިލީ ނަކަށް ކިޔާ ބޭކަލެއް ކަމަށާއި އޭނާގެ ބައްޕައަކީ އިސްލާމެއް ކަމަށާއި އޭނާގެ ބައްޕަ މުސްކުޅިކަމުން ދަތުރުފަތުރު ކުރަން އުނދަގޫވާތީއާއި ޙައްޖާއި ޢުމްރާވުމަށް ކުޅަދާނަ ނުވާތީ އެވާހަކަަ ދެންނެވުމަށް ވަޑައިގަތް ކަމަށެވެ. ބައްޕަގެ ބަދަލުގައި ޙައްޖާއި ޢުމުރާ ވުމަށް ކީރިތި ރަސޫލާ އަބޫ ރަޒީނަށް އިރުޝާދު ދެއްވި ކަމަށެވެ. މިރިވާޔަތްތައް އިމާމު ތިރްމިޛީއާއި އަބޫދާއޫދާއި ނަސާއީއާއި އިބްނި މާޖާ ރިވާކުރަށްވާފައި ވެއެވެ. އަދި މިވާހަކަ ވަަރަށް ތަފްޞީލުކޮށް އިމާމު ރާޒީއާއި ސުޔޫޠީއާއި ބަޣުދާދީ ލިއުއްވާފައި ވެއެވެ. މިބޭކަލުން ވިދާޅުވަނީ މިޙަދީޘުން އަބޫ ރަޒީނުގެ ބައްޕައަކީ އިސްލާމެއްކަން އެނގޭ ކަމަށާއި އޭނާގެ ބަދަލުގައި ޙައްޖުވުމަށް ކީރިތި ރަސޫލާ އެންގެވި ހިނދު އޭނާ ނަރަކައަށް ދާނެވާހަކަ އޮތް މުސްލިމުގެ ރިވާޔަތާމެދު އިތުރު ޝައްކުތަކެއް އުފެދޭ ކަމަށެވެ.
(3) ސުޔޫޠީ ވިދާޅުވަނީ މުސްލިމުގެ މިރިވާޔަތް ޞައްޙަ ކަމަށް ބެލިކަމުގައި ވިއަސް ޤުރުއާނުގެ އެތަކެއް އާޔަތްތަކާ ފުށުއަރާތީވެ އޭގެ މާނައަކީ އެތާގައި ކީރިތި ރަސޫލާގެ މުރާދަކީ އެކަލޭގެފާނުންގެ ބޮޑު ބޭބެގެ ވާހަކަ ކަމަށެވެ. މިހެނީ އެތާގައި ބޭނުން ކުރަށްވާފައިވާ ލަފްޒަކީ (أَب) ކަމަށާއި ޢަރަބި ބަހުގައި (أَب) މިލަފުޒަކީ މުޝްތަރަކު ބަހަކަށްވީހިނދު، ބައްޕައަށާއި ބޮޑުބޭބެއަށާއި ކާފައަށާއި މާފައަށާއި ބައްޕަގެ ބޮޑު ބޭބެއަށާއި މިފަދަ އެތަކެއް މީހުންނަށް ބޭނުން ކުރެވިފައި ވެއެވެ. އެހެންކަމުން ސުވާލު ކުރިމިހާގެ ހިތްހަމަ ޖައްސާލެއްވުމުގެ ގޮތުން ކީރިތި ރަސޫލާ }إِنَّ أَبِي وَأَبَاكَ فِي النَّارِ{ ވިދާޅުވީ ކަމަށެވެ. އެބަސްފުޅުން ކީރިތި ރަސޫލާގެ ބައްޕަގެ މުރާދައަކީ އަބޫ ލަހަބެވެ. ނުވަތަ އަބޫ ޠާލިބެވެ.([9])
(4) މިދެޙަދީޘާ ފުށުއަރާ އެހެން އާޔަތެއް ވެސް އެބައޮވެއެވެ. އެއީ އިސްރާ ސޫރަތުގެ 23 ވަނަ އާޔަތާއި 24 ވަނަ އާޔަތެވެ. މިތާގައި މާތް ﷲގެ ޙަޟުރަތުން މުސްލިމުންނަށް އިރްޝާދު އައި ކަމުގައި ވިއަސް ސީދާ މުޚާޠަބުވެފައި ވަނީ ކީރިތި ރަސޫލާ އާއެވެ. ކަނޑައެޅިގެން އަންގަވަނީ: }وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا{ މިފަދައިންނެވެ. މާނައީ: ކަލޭގެފާނު ދުޢާގައި ދަންނަވާށެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް އޯގާތެރިވެ ރަޙްމަތް ލައްވައިފާނދޭވެ! މިއެވެ. މިތާގައި އުފެދޭ ސުވާލަކީ ކީރިތި ރަސޫލާގެ މަންމައާއި ބައްޕައަކީ މުޝްރިކުން ކަމުގައި ވީނަމަ މިގޮތަށް ކީރިތި ރަސޫލާ އެދެބޭކަލުންނަށް ނިސްބަތްކޮށް ދުޢާކުރެއްވުމަށް ﷲ ނޭންގެވީހެވެ.
މުސްލިމުގެ މިދެރިވާޔަތާ ފުށުއަރާ ޙަދީޘުތައް:
(1) މުސްލިމުގެ އެދެރިވާޔަތާ ފުށުއަރާ ޙަދީޘުތައްވެސް އެބަހުއްޓެވެ. އެއް ޙަދީޘަކީ: }إِنَّ اللَّهَ اصْطَفَى كِنَانَةَ مِنْ وَلَدِ إِسْمَعِيلَ وَاصْطَفَى قُرَيْشًا مِنْ كِنَانَةَ وَاصْطَفَى مِنْ قُرَيْشٍ بَنِي هَاشِمٍ وَاصْطَفَانِي مِنْ بَنِي هَاشِمٍ{ ([10]) މާނައީ: މާތް ﷲ އިސްމާޢީލުގެފާނުންގެ ދަރިފަސްކޮޅު ކިނާނަތު ވަންހަ ހޮއްވެވިއެވެ. އަދި ކިނާނަތު ވަންހައިން ޤުރައިޝު ވަންހަ ހޮއްވެވިއެވެ. އަދި ޤުރައިޝު ވަންހައިން ހާޝިމު ވަންނަ ހޮއްވަވައި އެއުރެންގެ ތެރެއިން ތިމަން ކަލޭގެފާނު އިޚްތިޔާރު ކުރެއްވިއެވެ. މިއެވެ. މިޙަދީޘު ބަޔާން ކުރެއްވުމަށްފަހު އިމާމު ސުޔޫޠީ ވިދާޅުވެފައި ވެއެވެ. }ولا أعلم معنى فى الاصطفاء إلا النسب المتسلسل الطاهر المبرأ من الشرك لأن الله سبحانه قال فى كتابه العزيز« يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْمُشْرِكُونَ نَجَسٌ« فلا يمكن أن يصطفى الله النجس ولكن الاصطفاء للموحدين الأطهار وذلك ما يؤكد توحيد آباء النبى كما يؤكد بطلان ووهم حديثى مسلم{.މާނައީ: މިޙަދީޘުގައި ﷲ ހޮއްވަވައި އިޚްތިޔާ ކުރެއްވީމޭ އޮތް ބަސްފުޅުން ޝިރުކުން ސަލާމަތްވެފައި އޮތް ސާފު ޠާހިރު ނަސަބު ފުޅަކާއި ނަސްލަކުން އެކަލޭގެފާނު ވަޑައިގެންފައިވާކަން ނޫން އެހެން އެއްޗެއް ޙަދީޘުންް ތިމަންކަލޭގެފާނަށް ވިސްނި ވަޑައި ނުގަންނަވައެވެ. މިހެނީ މާތް ﷲގެ ވަޙީ ބަސްފުޅުން އެނގޭފަދައިން މުޝްރިކުންނަކީ ނަޖިހަކަށް ވީހިނދު، މާތް ﷲ ނަޖިސް އެއްޗަކުން އެއިލާހުގެ ޙަބީބާ ނުހޮއްވަވާނެކަން ކަށަވަރެވެ. އެހެންކަމުން ﷲ އެކަލޭގެފާނު ހޮއްވަވާފައި ވަނީ އެއްކައުވަންތަ ކަމުގެ މަތީ ތިބި ޠާހިރު ނަސްލަކުންނެވެ. މިއިން ކަނޑައެޅިގެން ސާބިތުވަނީ ލޮބުވެތި ނަބިއްޔާގެ ކައުބަަފައިންނަކީ ތައުޙީދުގެ މަތީ ތިއްބެވި ބަޔަކަށް ވީހިނދު ޞަޙީޙު މުސްލިމުގައި ބަޔާންވެގެންވާ ދެޙަދީޘުގެ މާނާގައި ޝައްކުތަކެއް އުފެދޭ ކަމެވެ.
(2) މުސްލިމުގެ ޙަދީޘާ ފުށުއަރާ އަނެއް ޙަދީޘަކީ، ބައެއް މުހިއްމު އަޞްޙާބު ބޭކަލުންނަށް ހިއްވަރު ދެއްވަމުގެ ގޮތުން ކީރިތި ރަސޫލާ ޙަދީޘު ކުރަށްވާފައިވާ މިބަސްފުޅެވެ. }فِدَاكَ أَبِي وَأُمِّي{ ([11]) މާނައީ: ތިމަން ކަލޭގެފާނުންގެ މަންމައާއި ބައްޕަ ކަލޭގެފާނަށް ފިދާ ކުރަށްވަމެވެ. މިތާގައި އަޅުގަނޑު އުފައްދާ ސުވާލަކީ އެދެބޭކަލުންނަކީ މުޝްރިކުން ކަމުގައި ވީނަމަ މިގޮތަށް އެބޭކަލުން ފިދާކުރަށްވައި ކީރިތި ރަސޫލާ އެމަތިވެރި އަޞްޙާބު ބޭކަލުންގެ ގާތު ވިދާޅުވާނީ ކިހިނެއްތޯއެވެ؟
(3) މުސްލިމުގެ ޙަދީޘާ ފުށުއަރާ ތިންވަނަ ޙަދީޘަކީ، އިމާމު ބުޚާރީއާއި މުސްލިމާއި އެނޫން ގިނަގުނަ މުޙައްދިޘުން ރިވާ ކުރަށްވާފައިވާ މިޙަދީޘެވެ.([12]) އެއީ ޙުނައިނު ހަނގުރާމާގައި ހަނގުރާމަ ހޫނުވީ ވަގުތު ބަލިވާހެން ހީވެގެން، މަދު ޞަޙާބީއަކު މެނުވީ، އަލަށް އިސްލާމްވީ މީހުންނާއި އެނޫން މުސްލިމުން ހަނގުރާމައިގެ މައިދާނަށް ރަސޫލާ ދޫކޮށްލާފައި ދުވެފިލާން ފެށިއެވެ. އެހިނދު ކީރިތި ރަސޫލާ ހިއްވަރާއި ފަޚުރުވެރިކަމާއެކު ގޮވާލައްވަން ފެއްޓެވިއެވެ. }أَنَا النَّبِيُّ لَا كَذِبْ ،، أَنَا ابْنُ عَبْدِ الْمُطَّلِبْ{ މާނައީ: އަހުރެންނީ ﷲގެ ނަބިއްޔާއީމުއެވެ. ދޮގުވެރިއެއް ނޫނީމުއެވެ. އަހުރެންނީ ޢަބްދުލް މުއްޠަލިބުގެ ދަރިކަލުންނީމުއެވެ. މިއެވެ. މިތާގައި ވިސްނާލަން ޖެހޭ ކަމަކީ މިދަތި ދަނޑިވަޅުގައި ފަޚުރުވެރިކަމާ އެކު ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ކާފާފުޅު ޢަބްދުލް މުއްޠަލިބުގެ ނަންފުޅުގަނެ އެކަމަށް ފަޚުރުވެރިވެ ވަޑައިގަތުމެވެ. މާތް ﷲ ވަޙީ ކުރަށްވަނީ، }وَأَذَانٌ مِّنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ الْحَجِّ الْأَكْبَرِ أَنَّ اللَّهَ بَرِيءٌ مِّنَ الْمُشْرِكِينَ ۙ وَرَسُولُهُ ۚ {([13]) އެވެ. (މާނައީ: އޭ މީސްތަކުންނޭވެ! މިއީ ބޮޑު ޙައްޖު ދުވަހު، ﷲ އާއި، އެއިލާހުގެ ރަސޫލާގެ ކިބައިން، އެންމެހައި މީސްތަކުންނަށް އަންގަވާ ޢާއްމު އިޢުލާނެކެވެ. ދަންނާށެވެ! މިއަދަށްފަހުން ﷲއާއި އެއިލާހުގެ ރަސޫލާ ވަނީ މުޝްރިކުންގެ ކިބައިން ބަރީއަވެގެންނެވެ.) ކަންމިހެން އޮތްއިރު މިހާ ހަރުކަށިކޮށް މުޝްރިކުންނާމެދު ގުޅުން ނެތްކަމަށާއި އެއުރެންެގެ ކިބައިން ބަރީއަވެގެންވާކަން ﷲ އިޢުލާން ކުރަށްވާފައި އޮތްހިނދު، ރަސޫލާގެ ކާފާފުޅަކީ މުޝްރިކެއް ނަމަ މުޝްރިކެއްގެ ނަންގަނެ ކީރިތި ރަސޫލާ އިސްލާމުންގެ ކުރިމަތީގައި ފަޚުރުވެރިކަމުގެ ބަސްފުޅު ވިދާޅުނުވީސްކަން ކަށަވަރެވެ. އެއިން އެނގެނީ މިބޭފުޅުން އަވަހާރަ ވެފައި ވަނީ ތައުޙީދުގެ މަތީގައި ކަމެވެ.
ޤުރުއާނުގެ ތަފްސީރު ކުރުމުގައި ދިމާވާ ބައެއް އުނދަގޫ ޙަދީޘުތައް:
މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީ އިން ޕީއެޗްޑީ ހެއްދެވި ޝައިޚެއް ކަމުގައިވާ ޑރ. އަޙްމަދު ބިން ޢަބްދުލް ޢަޒީޒު މުޤްރިން އޭނާގެ ތީސީސްއަކަށް ލިއުއްވި ފޮތް ލިއުއްވާފައިވަނީ ޤުރުއާން ތަފްސީރު ކުރުމުގައި ދިމާވެފައިވާ އުނދަގޫ ޙަދީޘުތަކުގެ މައްޗަށެެވެ. އޭގައި މިދެޙަދީޘުވެސް ގެންނަވާފައި ވެއެވެ.
ޢިލްމުވެރިން މުސްލިމުގެ މިޙަދީޘަށް ދެއްވާ ޖަވާބު:
ކީރިތި ރަސޫލާގެ މަންމާފުޅާ ބެހޭގޮތުން އިމާމު މުސްލިމު އަބޫހުރައިރާ ރިވާކުރަށްވާފައިވާ ރިވާޔަތާ ބެހޭގޮތުން ޖަވާބު ދެއްވުމުގައި އިމާމު ސުޔޫޠީއާއި މިހާރުގެ ސަލަފީ ނޫން ޢިލްމުވެރިން ވިދާޅުވަނީ އާމިނަތުގެފާނަކީ ފަތުރަތުގެ ބޭކަނބަލަކަށް ވީހިނދު ތަކްލީފު ލިބިވަޑައިގެންފައި ނުވާތީ އެކަމަނާއަށްޓަކައި އިސްތިޣްފާރު ކުރެއްވުމަށް ރަސޫލާއަށް އިޒުނަ ނުދެއްވީ ކަމަށާއި އެކަމަކު ޒިޔާރަތް ކުރަށްވަން އިޒުނަ ދެއްވީ ކަމަށެވެ. ކީރިތި ރަސޫލާ އެކަމަނާގެ މަހާނަފުޅު ދޮށަށް ޒިޔާރަތް ކުރަށްވައި ކީރިތި ކުރެއްވިއެވެ. އަނެއްކާވެސް އަޅުގަނޑުގެ ސުވާލަކީ ކީއްވެގެންތޯއޭ ކީރިތި ރަސޫލާ ކީރިތި ކުރެއްވީ؟ އަދި އެތާގައި ކުރެއްވީ ކޮން ކަމެއްތޯއެވެ؟ ހަމައެކަނި އިންދިރާސް ވެފައިހުރި މަހާނައެއް ބައްލަވާލެއްވުމުގެ ބޭނުމުގައި ނަމަ އެއީ ކީރިތި ރަސޫލާ ކުރަށްވާނެ ކަމެއްނޫނެވެ.
ކީރިތި ރަސޫލާގެ ހިތްޕުޅަށް އުނދަގޫވާ ގޮތް ހެދުމުގެ ބިރުވެރިކަން:
މިޞްރުގެ ދާރުލް އިފްތާގައި މިމައްސަލައަށް ބަޙުސު ކުރެއްވުމަށްފަހު މިފަދައިން ގެންނަވާފައި ވެއެވެ. އަޙްޒާބު ސޫރަތުގެ 57 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. }إِنَّ الَّذِينَ يُؤْذُونَ اللَّهَ وَرَسُولَهُ لَعَنَهُمُ اللَّهُ فِى الدُّنْيَا وَالْآخِرَةِ وَأَعَدَّ لَهُمْ عَذَابًا مُهِينًا{ މާނައީ: ހަމަކަށަވަރުން ﷲ އަށާއި އެއިލާހުގެ ރަސޫލާގެ ހިތްޕުޅަށް އުނދަގޫވާގޮތަށް ޢަމަލުބަހައްޓައި އުޅޭމީހުން ދަންނާށެެވެ! ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހުންނަށް ލަޢުނަތް ލައްވަތެވެ. އަދި އާޚިރަތް ދުވަހުން ﷲ ވަނީ، އެބައިމީހުންގެ އެނުބައި ޢަމަލުގެ ސަބަބުން އެބައިމީހުންނަށްޓަކައި ނިކަމެތި ކޮށްފަނިވި ޢަޛާބު ތައްޔާރު ކުރަށްވާފައެވެ. އޭގެއިތުރުން ތައުބާ ސޫރަތުގެ 61 ވަނަ އާޔަތުގައި ﷲ ވަޙީ ކުރަށްވާފައި ވެއެވެ. }وَالَّذِينَ يُؤْذُونَ رَسُولَ اللَّهِ لَهُمْ عَذَابٌ أَلِيمٌ{ މާނައީ: ﷲގެ ރަސޫލާގެ ހިތްޕުޅަށް އުނދަގޫވާ ކަންތައް ކުރާމީހުން ދަންނާށެވެ. އެމީހުންނަށްޓަކައި ވަނީ ވޭންދެނިވި ޢަޛާބު ތައްޔާރު ކުރެވިފައެވެ. މިއެވެ. އެއަށްފަހު ދާރުލް އިފްތާއިން ބުނެފައި ވެއެވެ. ނިކަން ވިސްނަމާ ހިނގާށެވެ. ރަސޫލާގެ ހިތްޕުޅަށް ދަތިވާގޮތް ހެދުމަކީ މިހާބޮޑު ކަމަކަށްވީހިނދު، އިތުރު އެކަލޭގެފާނުންގެ ބައްޕާފުޅާއި މަންމާފުޅަކީ ނަރަކަވެރިން ކަމުގައި ބުނެ ހެދުމަށްވުރެން އެކަލޭގެފާނުންގެ ހިތްޕުޅަށް ދަތިވާނެ އިތުރު ބޮޑުކަމެއް އެކަލޭގެފާނުންގެ އުއްމަތުގެ މީހަކު ނުކުރާނެއެވެ؟ އެހެންކަމުން މިކަށް ބިރުވެތިވާށެވެ. ﷲގެ ލޮބުވެތި ރަސޫލާއަށް އުނދަގޫކޮށްފަނިވި ކަންކަމުން އެއްކިބާ ވާށެވެ! އެކަމަކުން ތިމާއަށް ފައިދާއެއް ނެތް ޚިލާފުގެ ތެެރެއަށް ވެއްޓިގަނެ މިބަހުސުން އެއްކިބާވާށެވެ.
ﷲގެ ލައުނަތުން ސަލާމަތް ވަމާ:
ނިންމާލަމުން ދަންނަވާލާ ހިތްވަނީ މިމައްސަލާގައި އިމާމު އިބްނުލް ޢަރަބީ ވިދާޅުވެފައިވާ ބަސްފުޅެކެވެ. }ملعون من قال أن أبوي النبي فى النار{ މާނައީ: ކީރިތި ރަސޫލާގެ މައިންބަފައިންނަކީ ނަރަކަވެރިން ކަމުގައި ބުނާ މީހަކަށް ލަޢުނަތް ހުއްޓެވެ. އަޅުގަނޑުވެސް ދަންނަވާނީ ހަމައެބަސްފުޅެވެ.
ﷲގެ ޙަޟުރަތުން އަޅަކަށް އަނިޔާވެރި ވުމަކީ މުސްތަޙީލު ކަމެކެވެ.
ޚުލާޞާއަކީ މިމައްސަލާގެ ޙަޤީޤަތް ދެނެގަތުމަށް ކީރިތި ޤުރުއާނުގެ ބަޔާން ވެދިޔަ ޞަރީޙަ އެތަކެއް އާޔަތްތައް އަޅުގަނޑުމެންނަށް ފުދެއެވެ. މައްސަލައަކާމެދު ﷲގެ ކަލާމްފުޅު އޮތް ހިނދު ދެނެއް ޙަދީޘެއްގެ ބޭނުމެއް ނުޖެހޭނެއެވެ. އަދި އެދެޙަދީޘަކީ ސަނަދާއި މަތަނުގައި އޮޅުން ބޮޅުން އަރާފައިވާ ޙަދީޘަށް ވީހިނދު އަޅުގަނޑުމެން އެއިން ނުނެއްޓިގެން އުޅޭކަށް ނުޖެހޭނެވެ. ޔަޤީނީގޮތުން އެނގެނީ ކީރިތި ރަސޫލާ ރަސޫލު ކަމާއިގެން ވަޑައިގަތުމުގެ ކުރިންއައި މީހުންނަކީ ފަތުރަތުގެ މަރްޙަލާގައި އުޅުނު މީހުން ކަމެވެ. މާތް ﷲގެ ޢަދުލުވެރި ކަމާއި ރަޙްމަތުގެ ބޮޑުކަމުން އެމީހުންނަކަށް ޢަޛާބު ނުދެއްވާނެއެވެ. އެންމެ ކުޑަމިނުން އަޅުގަނޑު ބުނާނީ އެބައިމީހުންގެ ކަންތަކުގައި ﷲ އަށް ވަކީލުކޮށްލައިގެން ދޫކޮށްލުން ބުއްދިވެރި ކަމަށެވެ. ފަހަރެއްގައިވެސް ކީރިތި ރަސޫލާގެ މައިންބަފައިންނަކީ ކާފަރުންކަމާއި ނަރަކަވެރިން ކަމުގައި ބުނެވޭނެ ޖާގައެއްނެތެވެ. އެހެން ނޫންނަމަ ﷲގެ ވަޙީ ބަސްފުޅު«}إِنَّ اللَّهَ لاَ يَظْلِمُ مِثْقَالَ ذَرَّةٍ{ގެ މާނައެއް ނެތެވެ. (މާނައީ: ހަމަކަށަރުން ﷲ އެއިލާހުގެ އަޅަކަށް ޒައްރާއެއްގެ މިންވަރު އަނިޔާއެއް ވެވޮޑިގެން ނުވެއެވެ.) އަދި އަމުދުން ކީރިތި ރަސޫލާގެ މައިންބަފައިންނަކީ ކާފަރުންނެކޭ ނުބުނެވޭނެއެވެ. މިހެނީ ކާފަރުން ކިޔަނީ ރަސޫލުކަމުގެ ދަޢުވަތު ފޯރާ އެކަމާ އިންކާރު ކުރާ މީހުންނަށެވެ.
ގިނަގިނައިން ލޮބުވެތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވަމާ:
-اللَّهُمَّ صَلِّ عَلَى مُحَمَّدٍ كُلَّمَا ذَكَرَهُ الذَّاكِرُونَ وَ صَلِّ عَلَى مُحَمَّدٍ كُلَّمَا غَفَلَ عَنْ ذِكْرِهِ الْغَافِلُونَ.
-اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَأَزْوَاجِهِ وَذُرِّيَّتِهِ أَجْمَعِينَ عَدَدَ خَلْقِكَ وَرِضَا نَفْسِكَ وَزِنَةَ عَرْشِكَ وَمِدَادَ كَلِمَاتِكَ يَا رَبَّ الْعَالَمِينَ.
[1] ތަފްސީރު އިބްނި ކަޡީރު: 2/35
[2] ތަފްސީރު އާލޫސީ: 6/103، ތަފްސީރު ޠަބަރީ: 10/156
[3] އަލްޙާވީ: 2/202
[4] އަލްޙާވީ: 2/202
[5] އިސްރާ ސޫރަތް: 15
[6] އަލްމުޢުޖަމުލް ކަބީރު: 11/362 (އިމާމު އިބްނި ބައްޒާރު މިރިވާޔަތް ނެރުއްވުމަށްފަހު ވިދާޅުވަނީ މިއީ ޞައްޙަ ރިިވާޔަތެއް ކަމަށާއި ރިވާޔަތުގެ އެންމެހައި ރާވީންނަކީ އިތުބާރުހިފޭ، ޡިޤާ ރާވީން ކަމަށެވެ. (މަޖްމަޢުއް ޒަވާއިދު: 7/86)
[7] ސޫރަތުއްޟުޙާ: (5)
[8] ތަފްސީރު އިބްނި ކަޡީރު: (4/24)
[9] މިވާހަކަ ޔޫސުފު ސޫރަތުގެ (38) ވަނަ އާޔަތުންނާއި، ބަޤަރާ ސޫރަތުގެ (133) ވަނަ އާޔަތުން ބައްލަވާށެވެ. އަދި އިތުރު ތަފްޞީލު އިބްރާހީމުގެފާނުންގެ މައިންބަފައިންނާ ބެހޭގޮތުން އަޅުގަނޑު ލިޔެފައިވާ މަޟްމޫނުން ލިބިވަޑައި ގަންނަވާނެއެވެ.
[10] މުސްލިމު: (4/1782) ތިރްމިޛީ: (5/544)
[11] ބުޚާރީ: (3/1064) މުސްލިމު: (2/687) މިނޫނަސް މިދެފޮތުގެ އެތަކެއް މަޤާމެއްގައި މިޙަދީޘު އައިސްފައި ވެއެވެ.
[12] ބުޚާރީ: (3/1052) މުސްލިމު: (3/1400) މިނޫނަސް މިދެފޮތުގެ އެތަކެއް މަޤާމެއްގައި މިޙަދީޘު އައިސްފައި ވެއެވެ.
[13] ތައުބާ ސޫރަތް: (3)