ޕާކިސްތާންގައި ތަޖުރިބާކާރު ނޫސްވެރިއަކަށް އަންގާރަ ދުވަހު ބަޑިން ހަމަލަދީ އަވަހާރަކޮށްލަން މަސައްކަތް ކޮށްފިއެވެ. ނުސްވެރިޔާ އަސްލަމް އަބްރާރަށް ހަމަލަ ދީފައި ވަނީ އިސްލާމްއާބާދުގައި އޭނާ ހަވީރު ހިންގަވަން ނިކުމެ އުޅުއްވަނިކޮށެވެ.

ޕާކިސްތާންގެ އިލެކްޓްރޯނިކް މީޑިއާ އޮތޯރިޓީގެ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި އަބްރާރަކީ ޕާކިސްތާން ސިފައިންނާއި ސަރުކާރުގެ ފިއްތުންތަކާ އާދަވެގެން ކުރިމަތި ލައްވާ ބޭފުޅެކެވެ.

ނޫސްވެރިންނާ ހަތުރުވެރިކަމަށް މަޝްހޫރު ޕާކިސްތާންގެ ސިފައިން ބުނެފައި ވަނީ އަބްރާރަށް ހަމަލަ ދިނުމުގައި އެމީހުންގެ އަތެއް ނުވާ ކަމަށެވެ. މީގެ ކުރިން މަރުވެފައިވާ ނޫސްވެރިންނާއި ގެއްލިފައިވާ ނޫސްވެރިންގެ މައްސަލަތަކުގައިވެސް ސިފައިންނަށް ތުހުމަތު ކުރެވފައި ވެއެވެ.

ހަމަލަ ދިންތާ އިރުކޮޅެއްގެ ތެރޭގައި އަބްރާރު ވަނީ ހަސްފަތާލަށް ގެންގޮސްފައެވެ. އެމްބިއުލޭންސްގައި އޭނާ ފޮނުއްވި ވީޑިއޯ މެސެޖްގައި ވިދާޅުވީ، ހަމަލަ ދިނީ ކޮން ބަޔެއްކަން އެނގި ވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ދޭން ބޭނުންވާ މެސެޖަކީ، ފަހަތަށް ޖެހުމެއް ނެތް ކަމަށެވެ.

މިފަދަ އެހެން ހަމަލަތަކުގައިވެސް ކަން ހިނގާފައިވާ ފަދައިން ޕާކިސްތާންގެ ހޯމް މިނިސްޓަރ ޝެއިޚް ރާޝިދު އަޙްމަދު ވިދާޅުވީ މިމައްސަލަ ތަހުގީގު ކުރައްވާނެ ކަމަށެވެ. އަދި އިންފޮމޭޝަން މިނިސްޓަރ ފަވާދު ޗައުދްރީ ވިދާޅުވީ މިއީ އަބްރާރު އަވަހާރަކޮށްލުމަށް ދީފައިވާ ހަމަލާއެއް ކަމަށެވެ.

މި ހާދިސާގެ ދެ ދުވަސްކުރިން އަބްރާރްއާއި ޕާކިސްތާންގެ ޖާސޫސީ އިދާރާގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ފާއިޒް ހަމީދާއި އަބްރާރާ ދެމެދު ދެބަސްވުންތަކެއް ހިނގައިވާ ކަމަށް ނޫސްވެރިން ބުނެއެވެ.

ޕާކިސްތާން ސިފައިންނާއި ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އަބްރާރަކީ އިދިކޮޅު ޕާޓީ ޕާކިސްތާން މުސްލިމް ލީގް ނަވާޒަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

ޕާކިސްތާން ސިފައިންނާއި ސަރުކާރަށް މީޑިއާއަކީ ހިތި އެއްޗެކެވެ. މީޑިއާ ކޮންޓްރޯލް ކުރުމަށް ބޮޑު ވަޒީރު އިމްރާން ޚާން ކުރެއްވި މަސައްކަތްތައް ކާމިޔާބު ވެވަޑައިގެންފައެއް ނުވެއެވެ. ތިން އަހަރުގެ ތެރޭގައި ޚާން ވަނީ ހަތަރު އިންފޮމޭޝަން މިނިސްޓަރުން އައްޔަން ކުރައްވާފައެވެ.

ގުޅުން ހުރި މައުޟޫއުތައް:

ތިން އަހަރު ތެރޭ ހަތަރު އިންފިމޭޝަން މިނިސްޓަރުންނާއި ހަތަރު މާލީ ވަޒީރުން

ޚިޔާލު ފާޅުކުރުން ޕާކސިްތާންގައި ހަނިކޮށްފައި

މިހިރީ ޕާކސިްތާންގެ ރިޕޯޓަރު ސުލައިމާން

މުސްލިމް ލީގް ނަވާޒްގެ ވެރިޔާ މަރްޔަމް ނަވާޒް ވަނީ އަބްރާރް އަވަހާރަކޮށްލަން ދިން ހަމަލަ ކުށްވެރި ކުރައްވާފައެވެ.