ޗައިނާއިން ގައުމީ ސަލާމަތާ މެދު މީހުން ހޭލުންތެރިކުރާ ދުވަސް މިދިޔަ ބުރާސްފަތި ދުވަހުފާހަގަ ކުރިއެވެ. މިއީ 2016 ގައި ފާހަގަ ކުރަން ފެށި، ބިދޭސި ޖާސުންނާއި ގައުމަށް ގެއްލުންދޭން މަސައްކަތް ކުރާ މީހުންނާއި ޗައިނާގެ ސޯޝަލިޒަމްގެ އަގު ވައްޓާލުމަށް އުޅޭ މީހުން ދެނެގަތުމަށް މީހުން ހޭލުންތެރިކުރުމަށް ފާހަގަ ކުރަން ފެށި ދުވަހެކެވެ.
"މާ ބޮޑަށް ލޯބި ވެގެން އުޅޭ ބިދޭސި ބޯއިފްރެންޑާއި މާހެޔޮ އެދިގެން އުޅޭ ބިދޭސި ރައްޓެހި މީހާއާ މެދު ސަމާލުވޭ" ޗައިނާގެ ސަބްވޭތަކުގައި ޖަހަމުން ދިޔަ ކާޓޫނުތަކާއި ޕޯސްޓާތަކުން ރައްޔިތުންގެ ސަމާލުކަމަށް ބިދޭސިން ގެނައެވެ.
މިއަހަރު ޕީޕަލްސް ޑެއިލީން ވަނީ ޖާސޫސަކު ފާހަގަ ކުރާނެ ގޮތް ރައްޔިތުންނަށް ކިޔައި ދިނުމަށް އިންފޯރގްރެފިކްއެއްވެސް ޝާއިއުކޮށްފައެވެ. ޗައިނާ ސަރުކާރުގެ މީޑިއާއިން މިސާލުތައްވެސް ހުށަހަޅައި ދިނެވެ. މިސާލަކަށް ބޭރު ނޫހަކުން މަޢްލޫމާތު ހޯދުމަށް "ދަލުގައި ޖެއްސި" އުމުރުން 20 އަހަރުގެ ކުއްޖެއްގެ ވާހަކައެވެ.
ޗައިނާގެ ކޮމިއުނިސްޓު ވެރިން ސީރިއަސްކޮށް ގަބޫލުކުރާ ގޮތުގައި ހުޅަނގުން މަސައްކަތް ކުރަނީ އެހެން ގައުމުތަކުގައި ހިންގި އޮރެންޖް ރެވަލޫޝަންއާއި ސްޕްރިންގ ރެވަލޫޝަން ފަދަ ސަރުކާރާ ދެކޮޅުވެރި ހަރަކާތެއް ޗައިނާގައިވެސް ފެށޭތޯއެވެ.
މިފަދަ ނުރައްކަލާމެދު ވިސްނުމުން މުސްލިމުންގެ ކުރީގެ ޒާތީ މިނިވަންކަން ދީފައިވާ ޝިންޖިއާންގ ސަރަހައްދުގައި ކޮމިއުނިސްޓް ޕާޓީގެ ވިސްނުމާ ފުށުއަރާ ވިސްނުމެއް ގެންގުޅުމަކީ ވަކިވެގަތުން ކަމުގައި ޗައިނާއިން ދެކެއެވެ. ހަމައެފަދައިން ހުޅަނގުގެ ސަގާފަތަށް އިޝާރާތް ކުރެވޭ ކޮންމެ ވާހަކައެއްވެސް ޗައިނާގެ ސްކޫލުތަކުގެ ޓެކްސްޓް ފޮތްތަކުން އުނިކޮށްފައި ވެއެވެ.
މިއަހަރަކީ ހޮންގ ކޮންގ ގައިވެސް ފުރަތަމަ ފަހަރަށް ޗައިނާއިން ގައުމީ ސަލާމަތާ މެދު މީހުން ހޭލުންތެރިކުރާ ދުވަސް ފާހަގަ ކުރި އަހަރެވެ. މިދިޔަ އަހަރު ޗައިނާއިން ވަނީ ހޮންގ ކޮންގ ގެ ޒާތީ މިނިވަންކަން ނިގުޅައިގެންފައެވެ.
ޗައިނާއިން ވަނީ އަންހެނުންގެ މިނިވަންކަމަށް ބާރުއަޅައި ޚިޔާލުފާޅުކުރާ ޗައިނާގެ މީސްމީޑިއާގެ 20 އެކައުންޓެއް ބަންދުކޮށްފައެވެ. މި އެކައުންޓްތައް ބަންދުކޮށްފައި ވަނީ މިމީހުންނަކީ ވަކިވެގަތުމުގެ ރޫހެއް ގެންގުޅޭ ބަޔެއްކަމަށް ގައުމީ ޚިޔާލުގެ ބަޔަކު ކެމްޕޭން ކުރުމުންނެވެ.
ޝީ ޖިންގޕިންގެ ވެރިކަމުގައި ޗައިނާގެ ސިވިލްސޮސައިޓީ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދިއުމުގެ ނަތީޖާއަކީ، އަންހެނުން ބާރުވެރިކުރުމަށް ގޮވާލާ ގިނަ ބަޔަކު ހައްޔަރު ކުރުމެވެ. އެކަމަކު ކޮމިއުނިސްޓް ޕާޓީއަކީ އޭގެ ކުރީގެ ތާރީޚްގައި އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރި ޕާޓީއެކެވެ.
ޗައިނާގެ ޒުވާން އާބާދީ މަދުވަމުން ދިއުމާ ގުޅިގެން ޝީ އެދިވަޑައިގެންފައިވަނީ އަންހެނުން ވަޒީފާއަށް ދިއުމަށްވުރެން ބޮޑަށް އާއިލާއެއް ބިނާ ކުރުމަށް އިސްކަން ދިނުމަށެވެ.
އަންހެނުން ބާރުވެރިކުރުމާއި ހަމަހަމަކަމާއި އިންސާފާ ބެހޭ ގޮތުން ޗައިނާގެ ކުރީގެ ބޮޑު ވަޒީރު ވެންޔާބޯ އޭނާގެ މަންމައާ ބެހޭ ގޮތުން ލިޔުއްވި ލިޔުމނެއްވެސް ކޮމިއުނިސްޓް ޕާޓީން ވަނީ ސެންސަރު ކޮށްފައެވެ. ވެން އަކީ އާދައިގެ މީހުންގެ ހައްގަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ވެރިކަމުގައި ހުންނެވިއިރުވެސް އޭނާގެ ލިޔުންތައް ސެންސަރު ކޮށްފައި ވެއެވެ.