އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ފައިޒާ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޕީއޭއިން ބުނީ އެ ވެކްސިން ޖެހުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ނުޖަހާ ހުރިހާ އެންމެންނަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި ފައިޒާ ވެކްސިންގެ ލިބިފައިވާ ސްޓޮކަށް ބަލައި ގިނަ ބަޔަކު ރެޖިސްޓްރީ ކުރިނަމަވެސް ވެކްސިން ޖަހައިދެމުން ދާނީ ރެޖިސްޓްރީ ކުރާ ތަރުތީބުން ދެ ޑޯޒު ދެވޭވަރަށް ބަލައިގެން ކަަމަށް އެޗްޕީއޭއިން ބުނެއެވެ.
ފައިޒާ ވެކްސިން ރާއްޖޭގައި ޖަހައިދޭން ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މީގެ ކުރިން އެ ވެކްސިން ޖަހައިދެމުން ދިޔައީ އުމުރުން 16 އަހަރުން މަތީގެ ކުދިންނާއި މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.