އިންޑިއާގައި ކޮވިޑްގެ ކޭސްތައް ގިނަ އަދަދަކަށް އިތުރު ވާތީ ޝާހުރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ހުރީ ހިތްހަލާކުވެފައިއެވެ.

އޭނާ މި ވާހަކަ ހިއްސާކޮށްފައިވަނީ އީއްޔެގެ ވަގުތެއްގައި ސޯޝަލް މީޑީއާގައި ކޮވިޑް-19 ގެ ގައިޑްލައިންސް ސޯޝަލް މީޑީއާގައި ހިއްސާ ކުރަމުންނެވެ.

ސުހާނާ މިވަގުތުވީ ފިލްމް މޭކިން ކިޔެވުމަށްޓަކާއި ނިއު ޔޯކްގައެވެ. މީގެ ކުރިން އޭނާ ހިއްސާކޮށްފައިވަނީ އޭނާ ދިރިއުޅޭ އެޕާރޓްމެންޓްގެ ޕޮޓޯތައް ނަމަވެސް އޭނާ އެންމެ ފަހުން ހިއްސާކޮށްފައިވާ ސްޓޯރީޒް ތަކުގައި ހިއްސާކޮށްފައިވަނީ ކޮވިޑާއި ގުޅުން ހުރި ތަކެއްޗެވެ. އޭނާ ވަނީ ކޮވިޑް-19 ގެ ''ރިސޯރސް ގައިޑްލައިން'' އެއް ގެ އިތުރުން އިންޑިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާވަރު ދައްކައިދޭ ގްރާފްއެއްވެސް ހިއްސާކޮށްފައިއެވެ. އޭގެ ތިރީގައި ހަލާކުވެފައިވާ ހިތް ދައްކައިދޭ އިމޮޖީއަކާއެކު ސުހާނާ ލިޔެފައި ވަނީ އެންމެން ވެސް ރައްކާތެރިވުމަށެވެ. ކޮވިޑް ދެވަނަ ރާޅާއެކު، ބުރާސްފަތި ދުވަހު ކޭސްތަކުގެ އަދަދު ވަނީ 3,00,000 ވުރެން މައްޗަށް ގޮސްފައެވެ.

މީގެ ކުޑަދުވަސްކޮޅެއްކުރިން ސުހާނާވަނީ އިންސްޓަގްރާމުން އޭނާ ފޮލޯކުރާ 1.6 މިލިއަން މީހުންނަށް އޭނާ ދިރިއުޅޭ އެޕާރޓްމެންޓުގެ ވިއު ދައްކާލާފައިއެވެ. އޭނާ ބޭނުންވަނީ އެކްޓްރަކަށް ވުމަށެވެ. މީގެ ކުރިންވެސް ސުހާނާ ވަނީ ތިއޭޓްރިކްލް ޕްރޮޑަކްޝަންސް ތަކުން ފެނިގެން ގޮސްފައެވެ. އަދި ކުރު ފިލްމަކުންވެސް ފެނިގެން ގޮސްފައެވެ.

ހަމަ އެދުވަހު ސުހާނާގެ ބޭބެ އަރިޔަން ޚާންގެ އިތުރުން މަންމަ ގޯރީ ޚާން ވަނީ ސުހާނާ ގާތަށް، ނިއު ޔޯކަށްދިއުމަށްޓަކައި ފުރަން ގޮސް ތިއްބާ މުމްބައި އެއާރޕޯޓުން ފެނިފައިއެވެ. ޝާހުރުކް އެމީހުންނާއެކީ މި ދަތުރުގައި ނުދެއެވެ. އޭނާ މިވަގުތު އުޅެނީ މިހާރު ކުރިއަށްދާ އިންޑީއަން ޕްރިމިއަރ ލީގް ގެ ކަންތައްތަކާ މަސްއޫލުވެގެންނެވެ.

ޝާހުރުކްޚާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2018 ވަނަ އަހަރު އަނުޝްކާ ޝަރުމާއާއެކު ކުޅުނު ފިލްމު ޒީރޯއިންނެވެ. މި ފިލްމު ވެގެން ދިޔައީ ފްލޮޕަކަށެވެ. މިހާރު އޭނާދަނީ 2 އަހަރުގެ މެދު ކެނޑުމަކަށް ފަހު އޭނާ ބޮޑު ސްކްރީން އަށް އެނބުރިއައުމުގެ މަސައްކަތް ފަށައިގެންނެވެ. މިއީ ޕާރތަން ސިދްހާތު ޑައިރެކްޓްކުރާ ފިލްމެކެވެ.

ޝާރުކް އޭނާ ފިލްމުކުޅުމުން ބްރޭކް ނެގި ދުވަސްވަރު ރެޑް ޗިލީޒް އެންޓަރޓެއިންމެންޓްއިން ވަނީ ގިނައަދަދަކަށް ފިލްމު އަދި ''ބާރޑް އޮފް ބްލަޑް'' އާއި ''ބެޓާލް'' އާއި ''ކްލާސް އޮފް 83'' ފަދަ ސީރީޒްތައް ރިލީޒްކޮށްފައިއެވެ.