ސްރީލަންކާގައި ހައްދުފަހަނަޅާފައިވާ މުސްލިމުންގެ ބަޔަކު ފައްޅިއެއްގައި އަޅުކަމުގައި ތިބި މީހުންނަށް ދިން ހަމަލާއާ ބެހޭ ޕްރެޒިޑެންޝަލް ކޮމިޝަންގެ ރިޕޯޓް ސްރީލަންކާގެ ރައީސާ މިއަދު ހަވާލުކޮށްފިއެވެ. މި ރިޕޯޓްގައި ސްރީލަންކާގެ އެންމެ އިސް މުސްލިމު ސިޔާސީ ލީޑަރުންނާއި ކުފުރު މަރުގެ ހަމަލާގައި އިސްވެ އުޅުނު ޒަހުރާން ހާޝިމީއާ ގުޅުން އޮތްކަން ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން މިރިޕޯޓްގައި އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް ގޮވާލާފައި ވަނީ ބޮޑު ބަލަ ސޭނާގެ އިސް ހާމުދުރަށެވެ. ރިޕޯޓްގައި ބުނެފައިވަނީ އިސް ހާމުދުރު ގަލަގޮޑާއްތެ ގަނަންސޭރަ ތޭރޯއަށް އައިސީސީޕީއާރް ގާނޫނުގެ ދަށުން ޝަރީއަތް ކުރުމަށެވެ.

އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އެކްޓް 2007އަކީ ނަސްލީ ތަފާތު ކުރުމާއި މީހުންނަށް އަނިޔާވެރިވުމަށް ގޮވާލާ ފަރާތްތަކުގެ ޝަރީއަތް ހިންގުމުގައި ސްރީލަންކާއިން ބޭނުން ކުރާ ގާނޫނެވެ.

ރިއާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައި ވަނީ ގަނަންސޭރަ ތޭރޯ، އަކީ ގައުމުގެ ދީނީ އިޖުތިމާއީ ހަމަޖެހުމަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި މުސްލިމު ޒުވާނުން ހައްދުފަހަނައަޅައި ގޮސްހަރުކަށި ވުމުގައި ގަނަންސޭރަ ތޭރޯގެ ވާހަކަތައް ސަބަކަށް މެދުވެރިވެފައިވާ ކަމަށެވެ. އަދި އލުތަގަމައާއި މަހާރަގަމަގައި 2013ގައި އޭނާ ދައްކާފައިވާ ވާހަކަތަކާ ދެކޮޅަށް އައިސީސީޕީއާރްގެ ދަށުން އޭނާގެ ޝަރިއަތް ހިންގުމަށް ބަންޑާރަ ނާއިބުއަށް ގޮވާލާފައި ވެއެވެ.

އައިސީސީޕީއާރްގެ ދަށުން ދައުވާ ކުރެވޭ މީހުނަށް ބެއިލްއެއް ނުލިބެއެވެ. އަދި މިގާނޫނުގައި ހައިކޯޓުން ޝަރީއަތް ކޮށް، ދިހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލު ބަންދުކޮށް ހަރުކަށި އަދަބު ކަނޑައަޅާފައި ވެއެވެ.

އީސްޓަރ ބޮމުގެ ހަމަލަ ތަހުގީގު ކުރުމަށް އެކުލަވާލި ރިއާސީ ކޮމިޝަންގެ ރިޕޯޓްގައި ބޮޑު ބަލަސޭނާ ގެ ހާމުދުރު ފިޔަވައި އިތުރު މީހެއްގެ މައްޗަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެއް ނުވެއެވެ.

މި ރިޕޯޓްގައި ފުރިހަމަ ނުވާ ބައެއް ހޯދުންތައް ހުރިކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ.