ސްރީލަންކާގެ އީސްޓާ ބޮމުގެ ހަމަލާއާ ގުޅިގެން އެކުލަވާލި ރިއާސީ ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ރިޕޯޓްގައި އެގައުމުގެ މުސްލިމުން ތަމްސީލުކުރާ އެންމެ އިސް ސިޔާސީ މުސްލިމު ފަރާތްތަކާ ޖާނު ގޮއްވާލުމުގައި އިސްކޮށް އުޅުނު ޓެރަރިސްޓާ ގުޅުވައިފިއެވެ. އެތައް މުސްލިމު ލީޑަރެއްގެ ނަންފާހަގަ ކޮށްފައިވާ އިރު މީގައި، ރިޝާދު ބަދީއުއްދީންއާއި ރައޫފް ޙަކީމްގެ ނަން ފާހަގަ ވެއެވެ.
ރިޝާދު ބަދީއުއްދީންއަކީ ކުރީގެ ކެބިނެޓް މިނިސްޓަރެކެވެ. އަދި އޯލް ސިލޯން މައްކާލް ކޮންގްރެސް ޕާޓީގެ ލީޑަރެވެ. މިއީ ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީއެކެވެ.
ރައޫފް ހަކީމް އަކީ ކުރީގެ ކެބިނެޓް މިނިސްޓަރެކެވެ. އަދި ކެންޑީގެ އެމްޕީ އެވެ. އޭނާ އަކީ ސްރީލަންކާ މުސްލިމް ކޮންގްރެސްގެ ލީޑަރެވެ.
ރިއާސީ ކޮމިޝަންގެ ރިޕޯޓްގެ ޗެޕްޓަރ 22 ގައި "ހަމަލައަށް މަގުފަހިކުރަނިވި ކަންތައްތައް" މި ސުރުޚީގެ ދަށުން ބުނެފައި ވަނީ ބައެއް މީހުންނާ ބެހޭ ގޮތުން ހޮދުނު ހޯދުންތައް ފާހަގ ކޮށްފައި ވެއެވެ. ބޮޑު ބަލަ ސޭނާގެ ބޮޑު ހާމުދުރު ގަލަގޮޑާއްތެ ގަނަންސޭރަ ތޭރޯގެ ނަންވެސް ފާހަގ ކޮށްފައި ވަނީ މިޗެޕްޓަރ ގައެވެ. އޭނާއާއެކު ފަސް މުސްލިމެއްގެ ނަން ފާހަގަ ކޮށްފައި ވެއެވެ. ގަނަންސޭރަ ތޭރޯއަކީ މިމައްސަލަ މެދުވެރިވުމުގެ ސަބަބު ކަމަށް ބުނެ އޭނާއަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައިވާ އިރު މުސްލިމުންނަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެއް ނުވެއެވެ.
އީސްޓާ ބޮމުގެ ހަމަލާއާ ގުޅުން ހުރި ލިޔުންތައް:
އުންމަތުގެ އަވަހާރަވެފައިވާ ދަންނަބޭކަލުންވެސް އީސްޓާ ބޮމުގައި ހަމަލާގައި ބއިވެރިވެޔޯ
ބޮޑު ބަލަސޭނާގެ ބޮޑު ހާމުދުރަށް ދައުވާ ކުރަން ހުށަހަޅައިފި
ފާދިރީ މެލްކަމް ރަންޖިތު ދެފުށް ކެހެރިއެއް: ބޮޑު ބަލަ ސޭނާ
އީސްޓާ ބޮމުގެ ހަމަލާގެ އިސްމީހަކު ހައްޔަރު ކޮށްފި
އެގާރަ މުސްލިމު ޖަމާއަތެއް ލަންކާއިން މަނާ ކޮށްފި
ރިޝާދު ބަދީއުއްދީންއާ ބެހޭ ގޮތުން ބުނެފައިވަނީ ޒަހްރާން ހާޝިމީއާއި އެހެން ހަރުކަށި މުސްލިމު ޖަމާއަތްތަކާ އޭނާއާ ގުޅުން އޮންނަ ކަމަށެވެ. ރިޝާދުއަކީ ބުޑިސްޓް ހާމުދުރުންގެ އަމާޒަކަށް އަބަދުވެފައި ހުންނަ މީހެކެވެ. ހާމުދުރުންގެ ގޮވާލުމަށް އޭނާ ކުރިން ކެބިނެޓުން ބޭރުކުރަން އުޅުމުން ހުރިހައި މުސްލިމު މެމްބަރުން ވަނީ އެއްކޮށް އިސްތިއުފާ ދީފައެވެ. އަދި ރިޝާދާއި ގުޅުން ހުރި ގާތް ފަރާތްތަކާވެސް ޓެރަރިސްޓުންނާ ގުޅުން ހުރިކަމަށް ބުނެ އެފަރާތްތަކުގެ ނަންތައް ލިސްޓް ކޮށްފައި ވެއެވެ.
ޜިޝާދު، އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ބޯޑްގެ ވެރިއަކަށް ހުންނެވިއިރު ޖާނު ގޮއްވާލުމުގެ ބޮން ތައްޔާރު ކުރުމަށް އޭނާގެ ތިމާގެ އިންސާފް ކިޔާ މީހަކަށް ހެޔޮ އަގުގައި ބާ ދަނގަނޑު ވިއްކާފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި މި އިންސާފާއި އިލްހާމް ކިޔާ މީހަކީ، ޒަހްރާންއަށް ފަންޑް ކުރި މީހުން ކަމުގައި ބުނެފައި ވެއެވެ.
ރިޝާދުގެ ކޮއްކޮ، ރިޖާއީގެ ނަންވެސް ރިޕޯޓްގައި ހިމަނާފައި ވެއެވެ. އޭނާއާއި އިންސާފާ ގުޅުން އޮންނަ ކަމަށާއި ބާދަނގަނޑު ގަތުމުގައި އެހީތެރިވެ ދިނީ ރިޖާއީ ކަމަށް ބުނެފައި ވެއެވެ.
އިރުމަތީ ޕްރޮވިންޝަލް ކައުންސިލްގެ މެންބަރު މުހައްމަދު ޝިބްލީ ފާރޫގް އަކީ ޒަހްރާންގެ ގާތް މީހެއް ކަމާއި އޭނާ އަށް ބައްދަލުވުންތަކަށް ތާޅަފިލި ހަމަޖައްސައި ދިނީ ފާރޫގް ކަމަށް ބުނެފައި ވެއެވެ. އަދި ޒަހްރާންގެ ތައުހީދު ޖަމާއަތަށް ފާރޫގްގެ އެހީތެރިކަން ލިބިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ޒަހްރާން ގެ އަވަށް ކައްޓަންކުއްޑީގައި ވައްހާބީ ފިކުރު ފަތުރަން އުޅުނީ ހިސްބުﷲ ކިޔާ މީހެއްކަމާއި އެހިސާބު ގަނޑަށް އަރަބި ސަގާފަތް ތައާރަފް ކޮށްދިނީ ހިސްބުﷲ ކަމަށް ބުނެފައި ވެއެވެ. އަދި އެހެން އެތައް ބައެއްގެ ނަން ހިމަނަމުން ބުނެފައި ވަނީ ހިސްބުﷲ އަކީ ޑރ. ޒާކިރު ނާއިކްގެ ފޭނެއް ކަމަށެވެ. އަދި ނާއިކް އަކީ ހަރުކަށި ކަމުން އިންޑިއާއާއި ބަންގްލަދޭޝްގައި މަނާކޮށްފައިވާ މީހެއް ކަމަށެވެ.
އަބްދުއްރާޒިގް ކިޔާ މީހެއްގެ ނަން ފާހަގ ކޮށް ބުނެފައި ވަނީ ގާނޫނުއަސާސީގައި މަތީ މަގާމެއް ދީފައިވާ ބުދު ދީނާ ދެކޮޅަށް އޭނާ އަބަދުވެސް ވާހަކަ ދައްކާ ކަމަށާއި ސާރާ ކިޔާ މީހަކު އިސްލާމް ދީނަށް ވެއްދުމުގައި އެހީތެރިވެ ދީފައިވާ ކަމަށެވެ.
ރިއާސީ ކޮމިޝަންގެ ރިޕޯޓްގައި މުސްލިމު ލީޑަރުންގެ ނަންތައް ފާހގަ ކުރިނަމަވެސް ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވަނީ ކުދި މީސްމީހުންނާ ބެހޭ ގޮތުންނެވެ.
ބޮޑު ބަލަ ސޭނާގެ ބޮޑު ހާމުދުރު ގަލަގޮޑާއްތެ ގަނަންސޭރަ ތޭރޯއަށް ފިޔަވަޅު އެޅުމަށް ހުށަހެޅިނަމަވެސް އިސް މުސްލިމު ލީޑަރަކަށް ފިޔަވަޅު އެޅުމަށް ހުށަހަޅާފައެއް ނުވެއެވެ.
ނަމަވެސް ތަކުރާރުކޮށް ކޮލޮމްބޯގެ އިސްފާދިރީ މެލްކަމް ރަންޖިތު ގެންދަނީ މުސްލިމު ސިޔާސީ ލީޑަރުންނާ އީސްޓަރ ބޮމުގެ ހަމަލާއާ ނުސީދާ ކޮށް ގުޅުވުމަށް ވާހަކަ ފަތުރަމުންނެވެ.