ކުދިންގެ ތަޢުލީމީ ބިންގާ ހަރުދަނާ ކުރުމަށްޓަކައި އެކުދިންނަކީ ފޮތް ކިޔާހިތްވާ، ފޮތްތެރިކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ.

ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގައި ވެސް އޭޕްރީލް 23 ވަނަ ދުވަހެވެ. މި އަހަރުގެ ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހުގެ ޝިޢާރަކީ "ވާހަކައެއް ޙިއްޞާކޮށްލަމާ" ނުވަތަ "ޝެއާރ އަ ސްޓޯރީ"، މިއެވެ.

"މި ދުވަސް މި އަހަރު އަޅުގަނޑުމެންނާއި މި ބައްދަލުކުރީ ބަރަކާތްތެރި ރަމަޟާންމަހުގައެވެ. ރަމްޟާން މަހަކީ މާތްﷲ ކީރިތި ރަސޫލާ ﷺ މެދުވެރިކުރައްވައި އަޅުގަނޑުމެންނަށް ބާއްވައިލެއްވި ކީރިތި ޤުރުއާނުގެ މައްސަރެވެ. މި މައްސަރުގައި އެފޮތް ގިނަގިނައިން ކިޔަވައި އެ ފޮތުގައިވާ އާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރުކުރުމަކީ ނުހަނު ބޭނުންތެރިކަމެވެ. މީގެ އިތުރުން، ކޮވިޑް-19އާ މުޅި ދުނިޔެ ހަނގުރާމަ ކުރާ މި ބިރުވެރި ދުވަސްވަރު ފޮތް ކިޔުމާއި، ކިޔައިދިނުމާއި ފޮތްތެރިކަމުގެ މުހިންމުކަން އިހުނަށްވުރެ ބޮޑަށް އިޙުސާސް ކުރެވެއެވެ." މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ ކޮވިޑު-19 އިން ރައްކާތެރިވުމުގެ ގޮތުން މީހުން އެއްވެއުޅޭ އާންމު ތަންތަނަށް ނިކުމެ ނޫޅުމުގެ ސަބަބުން ފޮތް ކިޔުމަށް ވަގުތު ލިބިގެންދާ ކަމަށެވެ. އެހެންކަމުން ފޮތް ކިޔުމަށާއި ފޮތުން މަޢުލޫމާތު އުނގެނުމަށް ލިބިފައިވާ މިފުރުޞަތުގެ ބޭނުން ރަނގަޅަށް ހޯއްދެވުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ. "ފޮތްކިޔުމަކީ އިންސާނާގެ ސިކުނޑި ހުޅުވައިދޭ ކަމެކެވެ. އައު ކަންކަމަށް އިންސާނާ ވިސްނާ ފިކުރުކުރަން ދަސްކޮށްދޭ މަސްދަރެކެވެ. ހަރު މީހުން ބުނެއުޅޭ ގޮތުގައި ފޮތެއް ހުޅުވާލުމަކީ އެހެން ދުނިޔެއަކަށް، އެހެން ތަޖުރިބާތަކަކަށް، އެހެން މާޙައުލަކަށް ހުޅުވާލެވޭ ދޮރެކެވެ."

ކޮވިޑް-19 ގެ މި ދުވަސްވަރު ފޮތް ކިޔުން އިތުރުކޮށް އެ ވަބާއިން އަރައިގަތުމަށް ހިތްވަރު ހޯއްދެވުމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ގޭގައި ތިއްބަވާއިރު އަމިއްލައަށް ފޮތް ކިޔުމުގެ އިތުރުން އާއިލާގެ އެހެން މެންބަރުންނަށްވެސް ފޮތް ކިޔުމަށް ބާރުއެޅުއްވުމަށް ވެސް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ. އަދި އާއިލާ އެކުގައި ހޭދަކުރާ މި ވަގުތުގައި މުޅި އާއިލާ އެކުގައި ތިއްބަވައިގެން ވާހަކަ ކިޔުމާއި ވާހަކަ ޙިއްޞާ ކޮށްލުމަށް ވެސް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުގެ އިޚުލާސްތެރި ދުޢާއަކީ، ކޯވިޑް-19 ގެ ބިރުވެރިކަމުން މާތް ﷲ މި ދިވެހި ޤައުމު ރައްކާތެރި ކުރެއްވުމެވެ. ދިވެހީންނަކީ ފޮތް ކިޔުމުން ހިތްވަރު ލިބިގަންނަ ބައެއް ކަމުގައި ލެއްވުމެވެ. ދިވެހީންނަކީ ފޮތްތެރިކަމަށް ލޯބިކުރާ ބައެއް ކަމުގައި ލެއްވުމެވެ. އަދި ފޮތްތެރިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތައް އިލްމުގެ ނޫރުން އަލިވެ އުޖާލާކޮށްދެއްވާނދޭވެ." މިނިސްޓަރ ވިދާޅުވެފައިވެއެވެ.