ޕާކިސްތާންގައި މުޒާހަރާކޮށް ހަމަނުޖެހުން ނަގާލުމަށް މަސައްކަތް ކުރި ތަހްރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީގެ ސަޕޯޓަރުންގެ ސަތޭކައެއްހާ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ޕާކިސްތާނުން ނިންމައިފިއެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މިމީހުންގެ އެކައުންޓްތައް ހިފަހައްޓައި، އެމީހުން ބްލެކްލިސްޓް ކޮށް ދަތުރު ނުކުރެވޭ ގޮތް ހަދައި މިއެންމެން ވަނީ އެގްޒިޓް ކޮންޓްރޯލް ލިސްޓްގައި ހިމަނާފައެވެ.

ޕާކިސްތާން ސަރުކާރުން ބުނިގޮތުގައި މިފިޔަވަޅު އަޅާފައިވަނީ އެންޓި ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ. އަދި ކުރިއަށް އޮތް ތާނގައި މި ޕާޓީގެ އިތުރު ބަޔަކާ ދެކޮޅަށް މިފިޔަވަޅު އެޅުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އެންޓި ޓެރަރިޒަމްގެ ގާނޫނުގެ ހަތަރު ވަނަ ޖަދުވަލުގެ ދަށުން މިފަދަ ފަރާތްތައް ލިސްޓް ކުރާއިރު މިމީހުނަށް އެމީހުން ދިރިއުޅޭ ހިސާބު ނޫން އެހެން ހިސާބުތަކަށް ދަތުރުކުރުމަށް ހިސާބުގަނޑުގެ ފުލުހުންގެ ހުއްދަ ހޖޯދަން ޖެހެއެވެ. އަދި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން މިމީހންގެ ހަރަކާތްތައް މޮނީޓަރ ކުރަމުންދާނެއެވެ.

ފަރަންސޭސިވިލާތުގައި ކުރެހި އިހާނާތްތެރި ކާޓޫނުތަކާ ގުޅިގެން ހަރުކަށި ކަމެއް ދައްކައި ޕާކިސްތާން ގަޑުބަޑު ކޮށްލި ތަހުރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީން ވަނީ ފަރަންސޭސިވިލާތާއި ގުޅުން ކަނޑާލައި ފަރަންސޭސި ސަފީރު ބޭރުކުރުމަށް ސަރުކާރަށް މަޖުބޫރުކޮށްފައެވެ. ސަރުކާރާ މިމީހުންނާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު މިކަމަށް އެމީހުން ސަރުކާރެއް މުއްދަތެއް ދިނެވެ. މިހާތަނަށް އައިއިރު މިކަމުގައި އިސްކޮށް އުޅުނު ޕާޓީގެ ލީޑަރު ނިޔާވިއެވެ. އެހެންނަމަވެސް އޭނާގެ ދަރިފުޅުގެ ލީޑަރޝިޕްގައި މިމީހުން އިތުރަށް ކަރުކަށިކަން ދެއްކިއެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ތަހުރީކޭ ލައްބައިކަ ޕާޓީއަކީ ސިފައިންނާއި ޖާސޫސީ އިދާރާގެ މަދަދު ލިބިގެން އުޅޭ ބަޔެކެވެ.

ޕާކިސްތާން ސަރުކާރުން ވަނީ މިމީހުންގެ ޖަމުއިއްޔާ ޖަމާއަތްތަކުގެ މުދާތައްވެސް ހިފަހައްޓާށެވެ. އަދި ސަރުކާރުން ވަނީ މިމީހުންގެ އޮފީސްތައްވެސް ބަންދު ކޮށްފައެވެ.