ތިން ފުރޮޅުލީ ބައިސްކަލެއްގެ ސިފައަށް ނެރުނު ކާރުން ފެށިގެން މިއަދާ ހަމައަށް ކާރުގެ ބައްޓަމަށާއި އެހެނިހެން ސިފަތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އިންޖީނެއް ހުރެފައި އަމިއްލަ މިނިވަންކަމާއެކު ދުވުމުގެ ގާބިލުކަމުގެ އިތުރުން އެހެން އެއްވެސް ސިފައެއް އެއްގޮތް ނުވާނެއޭ ވެސް ބުނެވިދާނެއެވެ. ކާރެއްގައި ހުންނަން ޖެހޭނެ ކަމަށް ޔަގީން ކަމާއެކު ބުނާ އެއްވެސް ސިފައަކީ ދާއިމީކޮށް ކާރުތަކުގައި ހުރެދާނެ ސިފައެއް ނޫންކަން މިހާރު ވަނީ ސާބިތު ވެފައެވެ. މިސާލަކަށް ދުންހޮޅިއަށް ބަލާލިޔަސް، ބެޓެރީގެ ބާރުގައި ދުއްވާ އިލެކްޓްރިކް ކާރުގައި ދުންހޮޅިއެއް ނުހުރެއެވެ. ހުންގާނުގެ ބޭނުން ނުޖެހޭ ކާރުވެސް އުފައްދައިފިއެވެ. ނަމަވެސް ގާނޫނާއި ގަވައިދު ބަދަލުނުކޮށް އެފަދަ ކާރެއްގެ ހުންގާނު ނައްޓާލައިގެން ދުއްވެން ނެތުމުގެ ސަބަބުން، އެފަދަ ކާރުތަކުގައި ހުންގާނު ހަރުކޮށްފައި ހުންނަނީ ހަމައެކަނި އެ ސަބަބަށްޓަކައެވެ.

އެންމެ ފުރަތަމަ ކާރު ވައްތަރީ ތިންފުރޮޅުލީ ބައިސްކަލަކާއެވެ.

ކާރުގެ ޑިޒަންއިންތަކަށް އެ ބަދަލުތައް އައީ އެއްފަހަރާއެއް ނޫނެވެ. ކޮންމެ ބަދަލަކީވެސް ކޮންމެވެސް މީހެއްގެ އީޖާދަކާ ގުޅިގެން ގެނެވުނު ބަދަލެކެވެ. އީޖާދުކުރުމުގައި މީހެއްގެ ކުޅަދާނަ ހުނަރާއި ވިސްނުން ނުވަތަ ގަވައިދެއް ނުކުތުން ފަދަ ހާލަތެއް ވެސް މެދުވެރިވެއެވެ.

ފަހުގެ ކާރުތަކާ ބެހޭގޮތުން އެއްޗެއް ލިޔާނަމަ ފަހަކީ ކޮބާކަން އެނގެންޖެހެއެވެ. ފަހުގެ ކާރުކަމުގައި މި ބަލަނީ 20 ވަނަ ގަރުނުގެ ފަހުބަޔާއި މިގަރުނުގައި އުފައްދާފައިވާ ކާރަށެވެ. ދިނުޔޭގައި މިހާރު ދުއްވާ ކާރުތަކުގައި ވަރަށް ގިނަ އާންމު ސިފަތަކެއް އެކުލިވިގެންވެއެވެ. ރޭޑިޔޯ އާއި ލަވަޖަހާ ސެޓު؛ އެއާކޮންޑިޝަނަރ؛ ސީޓްބެލްޓް؛ ވިންޑްސްކްރީން ވައިޕަރު؛ އަދި އެޖަސްޓުކުރެވޭ ގޮނޑި އަކީ ގިނަ ކާރުތަކުގައި ހުންނަ އާންމު އެއްޗެތިއެވެ.

ލަވަޖަހާ ސެޓުގެ ކުރިން ކާރުތަކުގައި ހުރީ ހަމައެކަނި ރޭޑިއޯއެކެވެ. އެއީ 1924 ވަނަ އަހަރުގެ އީޖާދެކެވެ. ނަމަވެސް ރޭޑިއޯއަކީ ކާރެއް ދުއްވުމާ ގުޅުން ހުރި އެއްޗެއް ނޫނެވެ. ކާރުރޭޑިއޯއަކީ ކާރުތަކުގައި ހުންނަ އިތުރު ސިފަތަކަށް ދެވޭ އަހައްމިއްޔަތު ފެށުމެވެ. ފަހަކަށް އައިސް ކާރެއް ގަންނައިރު ބަލާ ކަންތައްތަކީ އެފަދަ އިތުރު ސިފަ ގެނެސްދޭ އާލާތްތައް އިތުރު ވުމެވެ. ކޮންމެ ކާރެއްވެސް ފުރިހަމަ ވުމަށް އެކަށީގެން ދުވެއްޔެއް ހުރުމާއި، ވާރޭ ވެހޭއިރު ލިބެންޖެހޭ ނިވާކަމާއި ބިއްލޫރިން ފެން ފުހެވޭނެ ގޮތް ހުރުން ފަދަ ކަންތައްތަކަކީ ކޮންމެހެންވެސް ހުންނަން ޖެހޭނެ ސިފަތަކެކެވެ. ނަމަވެސް އޭގެ އިތުރު އެކިއެކި ފަންނީ އާލާތްތައް އިތުރުވުމަކީ އެ ކާރުގެ މަގުބޫލުކަން އިތުރުވާ ކަމެކެވެ. ފަހުގެ ހުރިހާ ކާރެއްގައިވެސް އެފަދަ ސިފަތައް ވަރަށް ގިނައެވެ. ގިނަވި ވަރަކަށް އެކާރު ވިކޭލެއް ގިނައެވެ.

މިހާރު ކާރުތަކުގައި އެންމެ ފަހުގެ ފަންނީ އާލާތްތައް ހުރެއެވެ. އޭގެ ތެރޭގައި ބްލޫޓުތު ޓެކްނޮލޮޖީ، ޖީޕީއެސް، އެންމެ ކުރިއަރާފައިވާ ސަލާމަތީ ސިސްޓަމްތައް، ހާޑްޑިސްކްތައް، ވައިފައި، އަދި ޑްރައިވަރުގެ އެހީއާ ނުލާ އަމިއްލައަށް ޕާކުކުރުމުގެ ގާބިލުކަން ހިމެނެއެވެ.

މިދިޔަ ގަރުނު ނިމުނުއިރު އުފައްދަމުން ދިޔަ ކާރުތަކާ، މިހާރު އުފައްދާ ކާރުތަކާ އަޅާ ބަލާއިރުވެސް ވަރަށް ބޮޑެތި ބަދަލު އައިސްފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލަންޖެހޭ ބަދަލަތަކަކީ ތިމާވެށީގެ ރައްކާތެރިކަމަށް ދީފައިވާ އަހަންމިއްޔަތާ ގުޅިގެން ގެނައި ބަދަލުތަކެވެ. 1980 ގެ އަހަރުތަކުގައި ދުނިޔޭގެ ތިމާވެށި ރައްކާތެރި ކުރަންޖެހޭކަން ގާއިމުވި ފަހުން، ކޮންމެ ސިނާއަތަކަށްވެސް އޭގެ އަސަރު ފޯރާފައިވެއެވެ. ކާރު އުފެއްދުމާއި ދުއްވުމުގެ ސިނާއަތަށްވެސް އޭގެ އަސަރުތައް ކުރުމަކީ އެ ބަދަލުތައް ގެނެވުމަށް ދިމާވި މައިގަނޑު ސަބަބެވެ.

ތިމާވެއްޓަށް ލިބޭ އެންމެ ބޮޑު އެއް ގެއްލުމަކީ ޖައްވު ނުތަނަވެސް ވުމެވެ. އެކި އެކި ސިނާއީ މަސައްކަތުގެ ސަބަބުން އުފެދޭ ދުމާއި ކެމިކަލް ގޭސް ތައް ބޭރެކޮށްލަނީ ޖައްވުގެ ތެރެއަށެވެ. ކާރުގެ ދުންހޮޅިން ބޭރުވާ ގޭހުގެ ތެރޭގައި ހިމެނޭ ކާބަންމޮނޮކްސައިޑް އަކީ "ގްރީންހައުސް ގޭސް" އެކެވެ. އެއީ ޖައްވު ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުފުލުމަށް މެދުވެރިވާ ގޭހެކެވެ. އަދި އޯޒޯންފަށަލައަށް ގެއްލުން ލިބުމުގައިވެސް ހިއްސާވާ ގޭހެކެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ މިލިއަން ކާރު ދުނިޔޭގެ މަގުތަކުގައި ދުއްވަމުން، ބޭރުކުރާ ދުމުގެ ސަބަބުން، ދުނިޔޭގެ ތިމާވެއްޓަށް ވަރަށް ބޮޑަށް އަސަރުކުރާކަންވަނީ ސާބިތުވެފައެވެ.

ތިމާވެއްޓަށް ގެއްލުން ލިބޭ ކަންކަމަކީ މިހާރުގެ މުޖުތަމައު ބަލައިގަންނަ ކަންކަމެއް ނޫނެވެ. އެހެންކަމުން ކާރު އުފައްދާ ފަރާތްތައްވެސް އެކަމަށް ސަމާލުކަމެއް ދީގެން، ކާރުގެ ދުންހޮޅިން ބޭރުވާ ގޭސްތައް، 1973 ގައި އީޖާދުކުރި، "ކެޓަލިޓިކް ކޮންވަރޓަރ" ފަދަ އާލާތެއް މެދުވެރިކޮށް ތިމާވެއްޓާ ރައްޓެހި އެއްޗެކަށް ހެދި ހެދުމަކީ، ވަރަށް އެދެވޭ، އަދި އެހާމެ މުހިންމު ބޮޑު ބަދަލެކެވެ. މިހާރު ރަނގަޅަށް މަސައްކަތްކުރާނަމަ، ކާރުގެ ދުންހޮޅިން "ކާބަން" ނުވަތަ ކަޅު ދުމުގެ އަސަރެއް ނުހުންނާނެއެވެ. އަދި ވިހަ ކާބަންމޮނޮކްސައިޑް ވެސް ނުހުންނަނެއެވެ. އޭގެ ބަދަލުގައި ބޭރުވާނީ ފެނާއި އާތްވާއި ކާބަންޑައިއޮކްސައިޑް ގޭހެވެ.

ކާރުގެ ދުންހޮޅިން ބޭރުވާ ގޭހުގެ އިތުރުންވެސް ތިމާވެއްޓަށް ރައްކާތެރި ވާނެ ބަދަލު ގެނެވިފައިވެއެވެ.

މިހާރުގެ ކާރުތަކަކީ އޭގެ ދުވެލި ބާރު ކާރުތަކެކެވެ. އަދި ދުވެލި އިތުރުކުރުމަށް އަންދާ ތެލުގެ ސަމަކާރަވެސް އިތުރުވުމުގެ ސަބަބުން، މަދު ތެޔޮ ފޮދަކަށް ބާރަށް ދުރަށް ދުއްވެއެވެ. ދުވެލި ބާރުވުމުން އެކްސިޑެންޓެއް ވާ ހިނދު ލިބޭ ގެއްލުންވެސް ބޮޑެވެ. އެހެން ކަމުން ސަލާމަތީ އާލާތްތައް ވެސް އިތުރުކުރެވިފައިވެއެވެ.

ސަލާމަތީ އާލާތްތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ ދުވަސްވީ އާލާތަކީ ސީޓު ބެލުޓެވެ. އެއީ 1959 ގެ އީޖާދެކެވެ. އެންޓިލޮކް ބުރަތްކަކީ 1971 ގައި އީޖާދުކުރި ސަލަމާތަށް މުހިންމު އާލާތެކެވެ. އެހެނިހެން ސަލާމަތީ އާލާތްތަކުގެ ތެރޭގައި ޕްރޮކްސިމިޓީ ސެންސަރ، އެއާ ބޭގް، ޖީޕީއެސް، އޮޓޮމެޓިކް ޕާކިންގް، ފަހަތްބަލާ ކެމެރާ، އިލެކްޓްރޯނިކް ސްޓެބިލިޓީ ކޮންޓްރޯލަރ، އަތްނުލާ ފޯނުކުރެވޭ ނިޒާމު، އޮޓޮމެޓިކް އިމަރޖެންސީ ކޯލް، އޮޓޮމެޓިކުން އެކްސިޑެންޓް ހުއްޓުވާ ނިޒާމު ހިމެނެއެވެ.

މިހާރު ހުރިހާ ކަމަކީ އިންޓަނެޓާ ގުޅިފައިވާ ކަންކަމަށް ވާތީ، ފަހުގެ ކާރުތަކުގައިވެސް ވައިފައި އާއި އިންޓަނެޓު ލިބެންހުރެއެވެ. އަދި ބުލޫޓުތު ވެސް ހުރެއެވެ.

އެންމެ ބާރަށް ކުރިއަރަމުން އަންނަ ކާރުގެ ބާވަތަކީ އިލެކްޓްރިކް ކާރެވެ. ހަމައެކަނި އިލެކްޓްރިކް ކާރަށް ބަދަލު ކުރުމަށް އެކި ގައުމުތަކުން އެކި މުއްދަތު ކަނޑައަޅާފައިވެއެވެ. އިލެޓްރިކް ކާރަކީ ބެޓެރީއެއްގެ އެހީގައި އެނބުރޭ މޯޓަރުތަކަކުން ދުއްވާ އުޅަނދަކަށް ވާތީ، އޭގައި މެކޭނިކަލް މައްސަލަ ޖެހި ހަލާކުވާން ހުން މެޝިނުގެ ބައިތައް މަދެވެ. އިންޖީނެއް ނެތުމުގެ ސަބަބުން ދުންހޮޅިއެއް ނުހުރެއެވެ. އެއްވެސް ދުމެއް، ގޭހެއް ބޭރެއް ނުވެއެވެ. އިންޖީނެއްގެ އަޑެއް ނުހުރެއެވެ. އިލެކްޓްރިކް ހަކަތައިން އޮޕަރޭޓް ކުރާތީ ކޮމްޕިއުޓަރުގެ އެހީގައި ކުރެވޭ ކަންތައްތަކުގެ ބޭނުން ވަރަށް ބޮޑަށް ހިފާފައިވެއެވެ. އެގޮތުން ސެލްފް ޑްރައިވް ކާރުތަކަކީ މިހާރު އާންމުކޮށް ހުންނަ އުޅަނދެކެވެ. އެކްސިޑެންޓެއް ވާން އުޅޭ ހާލަތުގައި، އިންސާނެއްގެ ހަރަކާތްތަކަށް ވުރެއް އެތައް ގުނައެއް ހަލުވިކަމާ އެކު، އެފަދަ ކާރުތައް އަމިއްލައަށް އެ ހާލަތުން ރެކެއެވެ. އެފަދަ ހާލަތުގައި ހިނދުކޮޅަކަށް ދުއްވަން އިންނަމީހާގެ އެއްވެސް ކޮންޓްރޯލެއް ނޯވެއެވެ. އަދި ދުއްވާ މީހާއަށް ކާރުގެ ކޮންޓްރޯލް ލިބެނީ އެކްސިޑެންޓްގެ ނުރައްކަލުން އުޅަނދު ފުރިހަމައަށް ސަލާމަތްވެއްޖެ ކަން ޔަގީންވުމުންނެވެ.

ސެލްފްޑްރައިވް ޓެކްނޮލޮޖީގެ ފަހުގެ ކުރިއެރުމަކީ އޮޓޯޕައިލަޓެވެ. މިއީ މީގެ ކުރިން މަތިންދާ ބޯޓާއި ކަނޑުގައި ދުއްވާ ބައެއް އުޅަނދުފަހަރުގައި އެކަނި ހުރި އާލާތެކެވެ. މަގުމައްޗަކީ ކާރުބާރު ބޮޑު ތަނަކަށް ވާތީ، ދިމާވެދާނެ ކަންކަން އެހާގިނަ ކަމުން، އޮޓޯޕައިލަޓް ބޭނުންކުރެވޭ ފެންވަރަށް ގެނައުންވީ ވަރަށް ބޮޑު ކާމިޔާބަކަށެވެ. އެހެންނަމަވެސް، އަދިވެސް ކާރެއް ދުވެފައިދާ ނަމަ، އޭގައި އިންސާނަކު ދުއްވަން އިނުން ގާނޫނާއި ގަވައިދު ލާޒިމު ކުރުވައެވެ.

މުސްތަގުބަލުގައި އޮޓޯޕައިލަޓް އާއި އަމިއްލައަށް ދުވާ ކާރުތައް ވެގެންދާނީ އާންމު އެއްޗަކަށެވެ. މި ސިނާއަތުގައި އުޅޭ އެންމެންގެ އުންމީދަކީ، ނުރައްކާތެރި އެކްސިޑެންޓުތައް މުޅިން ހުއްޓުވުން ކަމަށްވާތީ، އެފަދަ ފަންނީ ކުރިއެރުންތަކަކީ އެކަމަށް މަގުފަހި ވެގެންދާނެ އާލާތެއްކަން ޔަގީނެވެ.