އެއްވެސް އެއްޗެއް ހަރަކާތް ކުރާނަމަ، ހަކަތައެއް ބޭނުންކުރަން ޖެހެއެވެ. ހަކަތަ އަކީ ކޮންމެވެސް ގޮތަކަށް ރައްކާކުރެވިފައި ހުންނަން ޖެހޭ އެއްޗެކެވެ. ހަރަކާތެއް ކުރެވޭނީ އެ ހަކަތަ ބޭނުންކުރެވިގެންނެވެ. އެކި ބާވަތުގެ ތެލަކީ އޭގައި ހަކަތަ ރައްކާ ކުރެވިފައިވާ މާއްދާތަކެކެވެ. ތެޔޮއަޅައިގެން ދުއްވާ ކާރަކީ ދުނިޔޭގައި އެންމެ އާންމު އުޅަނދެވެ. ކާރަށް އަޅާ ތެލުގެ ތެރޭގައި ޕެޓްރޯލު، ޑީސަލް އަދި ގޭސް ހިމެނެއެވެ. ކާރު ދުއްވުމަށް ބޭނުންވާ ހަކަތަ ލިބެނީ މި ތެޔޮ އަންދައިގެންނެވެ.

ކާރެއް ދުއްވުމަށް ބޭނުންވާ ހަކަތަ އަކީ ރައްކާ ކުރެވިފައި ހުރުން ލާޒިމު އެއްޗެއް ނޫނެވެ. ދުއްވަން ބޭނުންވާ ހިނދުގައި، ލިބެން ހުންނަނަމަ، ކާރު ދުވާނެއެވެ. ސޯލާ ޕެނަލް ބޭނުންކޮށްގެން، އަވިން ހަކަތަ ބާނައިގެން، އެ ހަކަތަ ބޭނުންކޮށްގެން ދުއްވޭ ގޮތަށް ކާރު ހަދާފައިވެއެވެ. އަތްވަކީ ހަކަތަ ސީދާ ލިބޭ ޒަރިއްޔާއެކެވެ. (އަވިން ހަކަތަ އުފައްދަނީ ކަމަށް ބުނުމަކީ ފަންނީގޮތުން ކުށެކެވެ.) ހަކަތަ ރައްކާކުރެވޭ ނުވަތަ ރައްކާކޮށްފައި ބެހެއްޓޭނެ މާއްދާއެއް ނޫނެވެ. އަވި ނުދޭ ނަމަ، ނުވަތަ ރޭގަނޑު ދުއްވަން ބޭނުންކުރަންޖެހެނީ ހަކަތަ ރައްކާކުރެވިފައިވާ އާލާތެކެވެ. ހަކަތަ ރައްކާކުރުމަށް އެންމެ އާންމު، ކާރަކަށް އެންމެ އެކަށީގެން ވާ އާލާތަކީ ބެޓެރީއެކެވެ.

އެއްބާވަތަށް ވުރެ ގިނަ ބާވަތުގެ ހަކަތަ، ނުވަތަ މަދުވެގެން ދެ ޒަރިއްޔާއަކުން ހަކަތަ ބޭނުންކުރާ ކާރުތަކަކީ ހައިބްރިޑް ކާރެވެ. ސޯލާ ހަކަތަ ބޭނުންކުރާ ކާރުގައި ހަކަތަ ރައްކާ ކުރުމަށް ބެޓެރީއެއް ބޭނުންކޮށްގެން، ފަހުން އެ ބެޓެރީގައިވާ ހަކަތައިގެ ބޭނުން ހިފާނަމަ، އެއީ ހައިބްރިޑް ކާރެއް ކަމުގައި ބެލެވިދާނެއެވެ. ހަގީގީ ސޯލާ ކާރަކީ އަވި ނިވާލުމުން ދުވެލި ހެއްޓޭނެ އުޅަނދެކެވެ.

ހައިބްރިޑް ކާރުތަކުގެ ތެރެއިން އެންމެ އާންމު ކާރަކީ އާދައިގެ "އިންޓަރނަލް ކޮމްބަޝަން އެންޖިން" އެއް އަޅާފައިވާ ކާރެއްގައި، އިތުރު ބެޓެރީ ސެޓެއްހަރުކޮށްފައި އަދި އެބެޓެރީ އިން ކާރު ދުއްވުމަށް ބޭނުންވާ މޯޓަރުތައް ހަރުކޮށްފައިވާ އުޅަނދެކެވެ. އެ ކާރުގެ އިންޖީނު ރޯކޮށްލުމަށްފަހު، އެހެން ކާރުތަކެކޭ އެއްފަދައިން ދުއްވޭނެއެވެ. ނަމަވެސް އެ އިންޖީނުގެ އެހީގައި އޭގައި އަޅުވާފައިވާ ބެޓެރީ ދާނީ ޗާޖު ވަމުންނެވެ. ބެޓެރީ ޗާޖު ވުމުން، އަމިއްލައަށް އިންޖީނު ނިވެއެވެ. އެކަމަކު ކާރުގެ ދުވެއްޔަށް ބަދަލު އަޔަނުދީ، ބެޓެރީގެ އެހީގައި އިލެކްޓްރިކް ކާރެއް ފަދައިން ދުއްވުން ކުރިޔަށް ދާނެއެވެ. އޭގައިވާ އިލެކްޓްރިކް މޯޓަރަކީ އެއްވެސް ދުމެއް ބޭރުނުވާ އަޑުމަޑު އެއްޗެކެވެ. އެހެންވެ، ކާރުގެ ދުވެލި ވަރަށް އޮމާންވާނެއެވެ.

މި ގޮތަށް އިންޖީނު ހިނގާ ވަގުތު ބެޓެރީ ޗާޖު ކުރުމުން، އެހެންޏާ ގެއްލިގެންދާ ހަކަތަ ބެޓެރީގައި ރައްކާކުރުމުން، މުޅި ކާރުގެ ހަކަތައިގެ ސަމަކާރަ ވަރަށް ބޮޑަށް އިތުރުވެއެވެ.

ވީމާ ހައިބްރިޑް ކާރަކީ އޭގެ އެއްބައި އިލެކްޓްރިކް ކާރެއްގެ ގޮތުގައި މަސައްކަތް ކުރާ ކާރުގެ ބާވަތެކެވެ. އިލެކްޓްރިކް ކާރަކީ އޭގެ ޗާޖު ދަށްވުމުން، ރިޗާޖު ކުރަން ޖެހޭ އުޅަނދެކެވެ. ރިޗާޖު ކުރުމަށް ޗާޖިން ސްޓޭޝަނެއް ނުވަތަ ކޮންމެވެސް ގޮތަކުން ކަރަންޓާ ގުޅެންޖެހެއެވެ. އެހެންވެ، ދިގު ދަތުރު ކުރުމަށް އިލެކްޓްރިކް ކާރު ބޭނުން ކުރެވޭނީ، އެ ފަދަ ކާރުތައް ޗާޖު ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރެވިފައިވާ ގައުމުތަކުގައި އެކަންޏެވެ. ނަމަވެސް ހައިބްރިޑް ކާރަކީ އަމިއްލައަށް ބެޓެރީ ޗާޖު ކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ ކާރެއްކަމުން، ވަރަށް ގިނަ ގައުމުތަކުގައި އެބާވަތުގެ ކާރު ދަނީ ބޭނުންކުރުން އިތުރުވަމުންނެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ހައިބްރިޑް ކާރެއް ކާމިޔާބު ކަމާއެކު ވިޔަފާރީގެ ގޮތުގައި އުފެއްދީ ޓޮޔޯޓާ ކުންފުނިންނެވެ. 1997 ގައި، "ޕްރިއަސް" ( Prius ) ގެ ނަމުގައި ނެރުނު މޮޑެލް ވެގެން ދިޔައީ އެންމެ ފުރަތަމަ ކާމިޔާބު ހައިބްރިޑް ކާރަށެވެ. އަދި އަދަށް ދާންދެންވެސް "ޕްރިއަސް" ކާރު އުފައްދާތީ އެއީ ދުނިޔޭގައި އެންމެ ދުވަސް ހައިބްރިޑް ކާރުގެ މޮޑެލް ވެސްމެއެވެ.

1997ގެ ފުރަތަމަ ޖީލުގެ "ޕްރިއަސް"

މިހާރު ދުނިޔޭގައި އުފައްދަމުން ދަނީ "ޕްރިއަސް" ގެ ހަތަރުވަނަ ޖީލުގެ ކާރެވެ. އެންމެ ފުރަތަމަ އުފެއްދި "ޕްރިއަސް" އަކީ ޕެޓްރޯލް ލިޓަރަކުން 28 ކިލޯމީޓަރަށް ދުއްވޭ ކާރެކެވެ. ކާރުގެ ކޮންމެ ޖީލެއްގައި އެކިއެކި ސިފަތައް ތަރައްގީ ކުރެވިފައި ހުރެއެވެ. މިހާރު އުފައްދާ ހަތަރުވަނަ ޖީލުގެ ކާރަކީ ޕެޓްރޯލް ލީޓަރަކުން 40.8 ކިލޯމީޓަރަށް ދުއްވޭ އުޅަނދެކެވެ. މިއީ ޓޮޔޯޓާ އަށް ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ހައިބްރިޑް ކާރުން ބޭނުންކުރާ ތެލުގެ މިންވަރު މަދުވުމުން، ތެލުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައްވެސް މަދެވެ. ތިމާވެށި ހިމާޔަތްކުރުމަށް އަޑުގަދަކޮށް ގޮވާލެވޭ ދުވަސްވަރެއްގައި، ހައިބްރިޑް ކާރަކީ އެހާ މަގުބޫލު އުޅަނދަކަށްވާ މައިގަނޑު ސަބަބަކީ އެއީ އެވެ.

ދިވެހިރާއްޖޭގައިވެސް ޓޮޔޯޓާ "ޕްރިއަސް" އަކީ ފުދޭވަރަކަށް އާންމު ކާރެކެވެ. ހާއްސަކޮށް މާލޭގައި ޓެކުސީގެ ގޮތުގައި ގެންގުޅޭ ވަރަށް އާންމު ކާރެކެވެ.

ރާއްޖޭގައި އާންމުކޮށް ގެންގުޅެނީ ތިންވަނަ ޖީލުގެ "ޕްރިއަސް"

"ޕްރިއަސް" ގެ ކާމިޔާބީގެ މައްޗަށް، ދުނިޔޭގައި ކާރު އުފައްދާ ކުދިބޮޑު އެންމެހާ ކުންފުނިތަކުން، ހައިބްރިޑް ކާރު އުފެއްދުމުގެ މަސައްކަތް ފަށާ، ވަރަށް ކާމިޔާބު ހައިބްރިޑް ކާރުތައް އުފައްދާފައިވެއެވެ. އަދި ކުރިން އެ ފަރާތްތަކުން އުފައްދަމުން ދިޔަ، ތެލުގެ ހަރަދު ބޮޑު، "ގޭސް ގަޒްލަރސް" ކާރުތައް އުފެއްދުން ހުއްޓާލާފައިވެސް ވެއެވެ. މިދިޔަ 2020 ގެ ނިޔަލަށް 17 މިލިއަން ހައިބްރިޑް ކާރު ވިކިފައިވެއެވެ. އަދި އަހަރަކަށް ފަހު އަހަރަކު، ހައިބްރިޑް ކާރު ވިކޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

އިލެކްޓްރިކް ކާރުތައް އާންމު ވަންދެން ހައިބްރިޑް ކާރު ވެގެންދާނީ އެންމެ ބާރަށް، އެންމެ ގިނައިން ވިކޭ ކާރުގެ ބާވަތް ކަމުގައެވެ.