ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމަށް ވަދާކުރައްވާނެކަން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައި ރޭ ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވަނީ އެ ޕްރޮވިންސްގައި ހިމެނޭ އެމްޑީޕީގެ އެންމެހާ މެމްބަރުން ވެސް އޭނާ އެމަގާމަށް އިންތިހާބު ކޮށްދެވުމަށް ތާއީދު ކޮށްދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މެދު އުތުރު ޕްރޮވިންސްގެ ގޮތުގައި ހިމެނެނީ ކ. އއ. އދ. އަދި ވ. އަތޮޅުގެ ރަށްތަކެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އިންތިޚާބުގައި ވާދަކުރެވޭނެ މީހުންގެ ޝަރުތު ކަނޑައެޅުމާއި ގުޅޭގޮތުން ބޭއްވި އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައިވަނީ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެއް އަހަރު ވެފައިވާ މެމްބަރުންނަށް ކަމަށް ފާސްކޮށްފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ލިސްޓުގައި ނަން ހިމެނޭ މީހުންނަށްވެސް އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް ވަނީ ފާސްކޮށްފަ އެވެ. އަދި މަރު ކޮމިޝަން ތަހުގީގު ކުރި މައްސަލަތަކުގައި ތުހުމަތުވާ މީހުންނާއި ރޭޕް ކޭސްތަކުގައި ދައުވާ ކުރަން ފޮނުވާފައިވާ މީހުންނަށްވެސް ވާދަ ނުކުރެވޭ ގޮތަސް ވަނީ ނިންމާފަ އެވެ.ދާއިރާއެއްގެ ރައީސްކަމަށް ކުރިމަތިލާނާމަ އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ 50 މީހުންގެ ސޮއި ހަމަކުރަންޖެހެއެވެ. އަދި ޕްރޮވިންސް ނުވަތަ ސިޓީއެއްގެ ރައީސްކަމަށް ކުރިމަތިލާނަމަ 200 މެންބަރުންގެ ސޮއި ހޯދަން ޖެހެއެވެ.