އޭނާ ފަންކާއާ ދިމާއަށް މައްޗަށް ބަލައިލިއެވެ. އަދި ވާގަނޑަށް ދަމާލައި ރަނގަޅަށް ހަރުލާފައި ހުރިކަން ޔަގީން ކޮށްލިއެވެ. އެއަށް ފަހު މަޅިގަނޑު ހުރީ ރަނގަޅަށްތޯވެސް ބަލައިލިއެވެ.

އޭނާ މިހާރަކު މި ދުނިޔެއަކު އުޅޭ ހިތެއް ނުވެއެވެ. އޭނާގެ ކުރު ހަޔާތުގެ ފަސްމަންޒަރު އޮތީއަކީ ރަނގަޅަކަށް ނޫނެވެ. ކުރިމަތިލީ އެއްވެސް ކަމަކުން ކާމިޔާބީއެއް ނުލިބެއެވެ. އިސްކޫލުގައިވެސް އެދެވޭ ކާމިޔާބީއެއް ނުހޯދުނެވެ. ގޭތެރޭގެ މައްސަލަ އެހައި ބޮޑެވެ. ވަޒީފާއަކަށް އެދިގެން މަސައްކަތް ކުރާތާ ހައެއްކަ މަސް ދުވަސް ވެއްޖެއެވެ. ލިބޭ ގޮތެއް ނުވެއެވެ.

މި ހުރިހައި ކަމަށްވުރެވެސް ބޮޑު ކަމަކީ އޭނާގެ ލޯބީގެ ނާކާމިޔާބީއެވެ. އޭނާ ލޯބީގެ ގޮތުން ގުޅުނީ މުއްސަނދި ކުއްޖަކާއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބި ވެއެވެ. އެކަމަކު ދެ އާއިލާއިން ކުރެ އާއިލާއަކުން ދެމީހުންގެ ލޯބި ބަލައެއް ނުގަތެވެ. ދެމީހުންގެ ގުޅުން ގަބޫލެއް ނުކުރިއެވެ.

ދެ އާއިލާއިން ކުރިމަތި ކުރުވާ ހުރަހާއި، ދެމުން ދިޔަ އިންޒާރުގެ ސަބަބުން ދެ މީހުންގެ އުއްމީދުތަކުގައި އެދެވޭ ކުލައެއް ޖެހިދާނޭ ކަމުގެ ޔަގީންކަން ދިޔައީ ކުޑަ ވަމުންނެވެ. އެކަމަކުވެސް ތެދުވެރި ލޯތްބެއް ދޫކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟ އެހެންވީމާ ދެ މީހުން ނިންމީ ވަގަށް އިންނާށެވެ. ސްރީ ލަންކާއަށް ނުވަތަ އިންޑިއާއަށް ގޮސް އިނދެގެން އަންނާށެވެ. ދުވަސްކޮޅަކު އާއިލާއިން ދެކޮޅު ހެދި ނަމަވެސް ފަހުން ޖެހޭނީ ދީލައިލާންކަމަށް ޔަގީން ކޮށްފައެވެ.

ސްރީލަންކާގައި ދިރިއުޅޭ ރައްޓެހި ދިވެއްސަކާ ގުޅައިގެން ދެމީހުން ހުރިހައި ކަމެއް ރާވައި ނިންމައިފިއެވެ. ދާ ދުވަހު ކާވެނި ކުރެވޭނޭ ކަމުގެ ޔަގީންކަން ލިބިއްޖެއެވެ. ތިން ދުވަހަށް ބޭނުންވާ އަންނައުނު ކުޑަ ކޮނޑު ދަބަހަކަށް ލައިގެން ދެމީހުން ފުރައިގެން ސްރީ ލަންކާއަށް ހިނގައްޖެއެވެ.

އެންމެ ފުރަތަމަ ހޮޓަލަކަށް ގޮސް ކޮޓަރިއެއް ހިފީއެވެ. ކާވެނީގެ ކަންތައް އޮތީ މެންދުރު ފަހު ތިނެއް ޖަހާ އިރަށް ތައްޔާރު ކޮށްފައެވެ.

ސާރާ ކޮޓަރީގައި ބައިންދާފައި އޭނާ ނުކުތީ ފިހާރައަކުން ރަނގަޅު ހަދިޔާއެއް ގަންނާށެވެ. ހަދިޔާ ގަނެގެން އައިސް ކޮޓަރިއަށް ވަން އިރު ސާރާ އެނދުމަތީގައި އޮތެވެ. ހަރަކާތެއް ނެތެވެ. ދެތިން ފަހަރު ގޮވައިލީމާވެސް ޖަވާބެއް ނުދިނެވެ. ފައިގައި ހިފައި ތަޅުވައިލީމާވެސް އަޅައެއް ނުލިއެވެ.

ސާރާގެ ފުރާނައެއް ނެތެވެ. ވީ ގޮތެއް ނޭނގުނެވެ. ހަދާނެ ގޮތެއް ނޭނގި ހާސް ވެއްޖެއެވެ. އަވަހަށް ރަހުމަތްތެރިޔާއަށް ގުޅައިފިއެވެ.

ފުލުހުން އަތުވެއްޖެއެވެ. މައްސަލަ ވަރަށް ބޮޑު ވެއްޖެއެވެ. ބޮޑު ތަހުގީގެއް ފެށިއްޖެއެވެ.

އެންމެ ފަހުން ފުލުހުން ބުނި ގޮތުގައި ސާރާގެ ހަށިގަނޑުން މަސްތުވާ ތަކެތީގެ އަސަރު ފެނުނެވެ. އެކަމަކު އޭނާ އެ ވާހަކައެއް ގަބޫލެއް ނުކުރެއެވެ. ސާރާއަކީ އެކަހަލަ ކުއްޖެއް ނޫނެވެ. މަސްތުވާ ތަކެތިގެ ބޭނުން ކުރާ ކުއްޖެއް ނޫނެވެ.

* * *

އޭނާގެ މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީއެވެ. ހުވަފެންތައް ވިއްސިވިހާލި ވެގެން ދިޔައީއެވެ. އުއްމީދުތައް ފެނަށް ވީއެވެ. ދުނިޔޭގައި އުޅުމުގެ ބޭނުން ކެނޑުނީއެވެ. މިހާރު އޭނާ ބޭނުން ވަނީ ސާރާވެސް ދިޔަ މަގުން އެ ދުނިޔެއަށް ދާށެވެ. ދެ މީހުން ދެ ދުނިޔެއެއްގައި އުޅުމަކީ އޭނާއަކަށް ކެތް ކުރާން ކުޅަދާނަ ކަމަކަށް ނުވިއެވެ.

އޭނާ އަނެއްކާވެސް މަޅިގަނޑު ހުރީ ރަނގަޅަށްތޯ ބަލައިލިއެވެ. އެއަށް ފަހު ފަންކާގެ ދަށަށް ގޮނޑިއެއް ގެނެސް ގޮނޑި މައްޗަށް އަރައިފިއެވެ. އަދި ވާގަނޑުގެ މަޅި ރަނގަޅަށް ކަރަށް މަހައިލިއެވެ. ދެން ވާނީ ކުޑަ އިރުކޮޅެކެވެ. އެ ދުނިޔެއަށް ދެވިދާނެއެވެ.

ކުއްލިއަކަށް އިވެން ފެށީ ބަންގި ގޮވާ އަޑެވެ.

އޭނާގެ ވިސްނުން އެހެން ދިމާއަކަށް އެނބުރިއްޖެއެވެ.

ހިތަށް އެރިއެވެ.

ސާރާ އެ ދިޔައީ ކޮން ތަނަކަށް ބާވައެވެ؟ އަހަރެން މި ގޮތަށް އަމިއްލައަށް މަރު ވެގަތީމާ ދެވޭނީ އޭނާ އެ ދިޔަ ތަނަށް ބާވައެވެ؟ ދެ މީހުން ދެ ތަނަކަށް ދާން ޖެހިއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެހެން ވެއްޖެ ނަމަ އަހަރެންގެ ހުރިހައި މަސައްކަތެއް ބޭކާރު ވީއެވެ. ސާރާ ދިޔަ ތަނެއް ޔަގީން ނުވެ އަހަރެން އަމިއްލައަށް މަރުވެގަތީމާ ދެ މީހުން ބައްދަލު ނުވާ ގޮތްވެސް ވެދާނެއެވެ. މަރު ވެގެން ދާން އޮންނަނީ ދެ ތަނެކެވެ. އެހެންވީމާ ދެ މީހުން ދެތަނަކަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

އޭނާ މަޅިގަނޑު ބޮލުން ނައްޓައިލިއެވެ.

އިރުކޮޅެއް ފަހުން އޭނާ އޮތީ ސަޖިދައިގައެވެ.

(ނިމުނީ)