ކޮވިޑްގެ ދެވަނަ ރާޅާއެކު އިންޑިއާގެ ހާލަތު ގޯހުންގޯހަށް ގޮސް މެޑިކަލް ސާމާނަށް ވަނީ ޖެހިފައެވެ. މިހާލަތުގައި ބޮލީވުޑުގެ އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރާއި އޭނާގެ އަންހެނުން ޓުވިންކަލް ކަންނާ ވަނީ ކަމާބެހޭ ފަރާތަށް އޮކްސިޖަން ހަދިޔާކޮށްފައެވެ. އެގޮތުން 100 އޮކްސިޖަން ކޮންސެންޓްރޭޓާޒް ވަނީ ހަދިޔާ ކޮށްފައެވެ. މި ހަދިޔާއަށް ފަހު ޓުވިންކަލް ކަންނާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ މިހާލަތު ގާތުން ބަލައި ކޮންމެ މީހަކުވެސް އެމީހަކަށް ވެވުނުވަރަކުން އެހީވުމަށް ވަނީ އެދިފައެވެ.
އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ "އުފާވެރި ޚަބަރެއް ލަންޑަން އެލައިޓް ހެލްތު ތުރޫ ޑައިވިކް ފައުންޑޭޝަންގެ ޑޮކްޓަރ ދްރަޝްމިކާ ޕަޓޭލް އަދި ޑޮކްޓަރ ގޮވިންދަން ބަންކަނީ 120 އޮކްސިޖަން ކޮންސެންޓްރޭޓާޒް ހަދިޔާ ކުރާނެ. އަދި އަހަންނާއި އަކްޝޭއަށް ވެސް 100 އޮކްސިޖަން ކޮންސެންޓޭޓަރ ލިބިއްޖެ. އެހެންކަމުން މުޅިއަކު 220 އޮކްސިޖަން ކޮންސެންޓޭޓަރ މިވަނީ ލިބިފައި. މި ލިބުނު ކުރިއެރުމަށް ޝުކުރިއްޔާ. ހިނގާ އަހަރެމެން އެންމެން ވެސް އަހަރެމެންނަށް ކުރެވުނު ވަރެއް ކުރަން،"
ގިނަ އަދަދެއްގެ ފޭނުންނާއި ތަރިންވަނީ އަކްޝޭއާއި ޓްވިންކަލް މި ކޮށްދިން ކަންތައް ބަލައިގަނެ ޝުކުރު އަދާކޮށްފައިއެވެ.
މީގެ ދުވަސްތަކެއް ކުރިން އަކްޝޭވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިއެވެ. އަދި މިހާރުވަނީ ބަލިން ޝިފާ ލިބިފައެވެ. އެ ދުވަސްކޮޅު ޓުވިންކަލް އަކްޝޭގެ ހާލަތާއި ބެހޭގޮތުން އަޕްޑޭޓްކޮށްފައިވަނި ތަފާތު ގޮތަކަށެވެ. އޭނާވަނީ އަކްޝޭއާ ދެމީހުންގެ ޗެރިކޭޗާ ހިއްސާކޮށްފައިއެވެ. އެ ޕޯސްޓުގެ ކެޕްޝަނަކަށް ޖަހާފައިވަނީ ސަލާމަތްތެރިކަމާއެކު އަކްޝޭ އަނބުރާ ލިބުމުން އުފާވާ ކަމަށެވެ. މީގެ އިތުރުން އޭނާވަނީ އޯލް އިޒް ވެލް ހޭޝްޓެގް ބޭނުކޮށްފައިއެވެ. އޭޕްރީލް 4 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި ފަހުން އަކްޝޭވަނީ ހޮސްޕިޓަލްގައި އެނދުމަތި ކުރެވިފައިއެވެ.
އަކްޝޭއާއި ޓުވިންކަލް ކައިވެނިކޮށްފައިވަނީ 2001 ވަނަ އަހަރުގައިއެވެ. އެމީހުންނަށް ދެ ކުދިން ލިބިފައިވެއެވެ. އެއީ އަންހެން ދަރިފުޅު ނިތާރާ އަދި ފިރިހެން ދަރިފުޅު އާރަވް އެވެ.
ޓުވިންކަލް ބޮލީވުޑަށް ނިކުމެފައިވަނީ 1995 އަހަރު ނިކުތް ފިލްމު ބަރުސާތު އިންނެވެ. މީގެ އިތުރުން ބާދްޝާ، އިންޓަރނޭޝޭނަލް ކިލާޅީގެ އިތުރުން ޔޭހެއި މޮމްބައި މެރީ ޖާން ފަދަ ފިލްމުތަކުން ޓުވިންކަލް ވަނީ ފެނިގެން ގޮސްފައެވެ. ޓުވިންކަލް އެކްޓިންއާއި ދުރުވި ނަމަވެސް އޭނާއަކީ މިހާރު ލިޔުންތެރިއެއް، އިންޓީރިއާ ޑިޒައިންރެއްގެ އިތުރުން މަޝްހޫރު ކޮލަމިސްޓެކެވެ. އަދި އޭނާ އަކީ ޕްރޮޑިއުސަރެއްވެސްމެއެވެ.