ބޮލީވުޑްގެ އެކްޓަރ ރަންދީރު ކަޕޫރު ކޮވިޑަށް ޕޮޒިޓީވްވެ މުމްބާއިގެ ކޯކިލާބެން އަމްބާނީ ހޮސްޕިޓަލް ގެ އައިސީޔޫގައި އެޑުމިޓް ކޮށްފިއެވެ. އޭނާ ހޮސްޕިޓަަލަށް ބަދަލުކޮށް އައިސީޔޫގައި އެޑުމިޓް ކުރީ ކޮވިޑާ ގުޅުންހުރި ބައެއް ޓެސްޓްތައް ހެދުމަށްޓަކައެވެ.

މީގެ ކުރިން އޭނާ ބުނެފައިވަނީ އޭނާއަށް ނޭވާލުމުގައި އެއްވެސް ދަތިކަމެއް ދިމާ ނުވާކަމަށެވެ. އެހެން ކަމުން އޭނާއަށް އައިސީޔޫއިން ފަރުވާ ބޭނުން ނުވާނެ ކަމަށެވެ. އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން ރަންދީރު ބުނެފައިވަނީ ހޮސްޕިޓަލުގެ ސްޓާފުން އޭނާއަށް ރަނގަޅަށް އަޅާލާ ކަމަށެވެ. "ހޮސްޕިޓަލުން އަހަންނަށް ވަރަށްރަނގަޅަށް އަޅާލާ. އެކަމަށް ޝުކުރުވެރިވަން. ހުރިހާ ކަމެއްވެސް ހުރީ ކޮންޓްރޯލުގައި. ޑޮކްޓަރުން އަބަދުވެސް ގާތުގައި ތިބޭ،" އޭނާ ބުނެފައިވެއެވެ. ރަންދީރު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައި ވަނިކޮށްނެވެ. އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވެ ވެފައިވާ ކަމަށް ބުނެފައިވަނީ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް ބައްޔަށް ޕޮޒިޓިވީ ކޮންތާކުން ކިހިނެއްކަމެއް އޭނާއަށް ވެސް ނޭނގެއެވެ. ޕޮޒިޓިވްވުމުން އޭނާ ވެސް ހުރީ ވަރަށް ބޮޑަށް ހައިރާންވެފައެވެ. އޭނާގެ ފަސް މުވައްޒަފަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އެމީހުންނަށް ވެސް ގެންދަނީ ރަންދީރު ފަރުވާ ހޯދަމުންދާ ހޮސްޕިޓަލުން ވަރުދެމުންނެވެ. ރަންދީރު ޕޮޒިޓިވް ވިޔަސް އޭނާގެ ދަރިން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރުގެ އިތުރުން ބަބީތާ ކޮވިޑް 19 އަށް ނެގެޓިވް ކަމަށް ވެސް ރަންދީރު ކަޕޫރު ބުނެއެވެ.

ރަންދީރުގެ ކުރިން ރަންބީރު ކަޕޫރު, އާމިރު ޚާން, ކާތިކް އާރިޔަން އަދި މިނޫން ވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މުމްބާއިގައި ކޮވިޑްގެ ހާލަތު މިހާރު ދަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވަމުންނެވެ. ނަމަވެސް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުން އަދަދު އަދިވެސް މަދެއްނުވެއެވެ. ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވަމުން ދާތީ އިންޑިއާއަށްވަނީ ހޮސްޕިޓަލް ތަކުގައި ފަރުވާދޭން ބޭނުންކުރާ އޮކްސިޖަންއާއި މުހިއްމު ބޭސްތަކާއި އެނދުފަދަ މުހިންމު ތަކެތީގެ ޝޯޓޭޖެއް ކުރިމަތިވެފައެވެ.

ކޯކިލާބެން ހޮސްޕިޓާލުގެ ޑޮކްޓަރެއް އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި ރަންދީރު އެޑްމިޓްކުރެވުނީ ކޮވިޑަށް ޕޮޒިޓިވްވެ އިތުރު ފަރުވާ ދިނުމަށް ކަމަށެވެ. އަދި ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށާއި ރަންދީރުގެ ހާލު ރަނގަޅު ކަމަށެވެ.

ރަންދީރުގެ ދެ ކޮއްކޮ ކަމަށްވާ ރިޝީ ކަޕޫރު ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރާތާ ދެ އަަހަރު ފަހުން މިދިޔަ އަހަރު ވަނީ ނިޔާވެފައެވެ. މިއަހަރުގެ ފެބްރުއަރީ މަހުގައި ހާޓް އޭޓޭކް އެއް ޖެހިގެން ރަނދީރުގެ އަނެއް ކޮއްކު ރާޖިވް ކަޕޫރް ވެސް ވަނީ ނިޔާވެފައިއެވެ.

ރަންދީރު އަކީ ކުރީގެ އެކްޓަރު އަދި ފިލްމް މޭކަރ ރާޖް ކަޕޫރް ގެ ފަސް ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. އޭނާ ވަނީ ''ކަލް އާޖް އޯރު ކަލް, ޖީތު'', ''ހަމްރަހި'', ''ޖަވަނީ ދިވަނީ'', ''ޕޮންގާ ޕަންޑިތު'' އަދި ''ރާމްޕުރް ކާ ލަކްޝްމަން'' ފަދަ ފިލްމުތަކުގައި އޭނާގެ ހުނަރު ދައްކާ ގިނަ ބައެއްގެ ލޯބި ހޯދާފައިއެވެ. ރަނދީރު ކަޕޫރު އެންމެ ފަހުން ފިލްމަކުން ފެނިގެން ގޮސްފައިވަނީ 2014 ވަނައަހަރުގެ ފިލްމު ''ސުޕަރ ނާނީ'' އިންނެވެ.