"ގްލޯބަލް ޕޮޒިޝަނިންގް ސިސްޓަމް" (ޖީޕީއެސް) އަކީ ފަޒާގައި، ދުނިޔެ ވަށާ ބުރުޖަހަން، "ބައިތިއްބާފައިވާ" ސެޓެލައިޓް ތަކެއްގެ އެހީގައި، ދުނިޔޭގައި ދުއްވާ އުޅަނދު ފަހަރު އޮތް ތަން ދެނެގަތުމަށް ބޭނުން ކުރާ ވަރަށް ފަހުގެ އާލާތެކެވެ. ޖީޕީއެސް އަކީ އެމެރިކާގެ އަސްކަރިއްޔާގެ މިލުކެކެވެ. އެ ނިޒާމު އީޖާދުކޮށް ބޭނުން ކުރަން ފެށީ ޖައްވަށް ރޮކެޓު ފޮނުވެން ފެށުމާއެކު، މިދަޔަ ގަރުނު ދެބައިވިފަހުންނެވެ. ނަމަވެސް، އެ ނިޒާމަކީ ދަތުރުފަތުރު ކުރުމަށް އެހީވެދޭ އެންމެ ބަރާބަރު ނިޒާމެވެ.

ޖީޕީއެސް ސިސްޓަމް

އެއްގަމު އުޅަނދެއްގައި ޖީޕީއެސް ޑިވައިސް އެއް، ނުވަތަ އާލާތެއް، ހަރުކުރީ، 2000 ވަނަ އަހަރު ޓޮޔޯޓާ އިން އުފެއްދި ފުރަތަމަ ހައިބްރިޑް ކާރު، "ޕްރިއަސް" ގައެވެ. ހަގީގަތުގައި، އޭގެ ކުރިން އެމެރިކާގެ އަސްކަރިއްޔާ އިން ހުންނަނީ ޖީޕީއެސް ސިގްނަލް "ތަގައްޔަރު" ކޮށްފައެވެ. އޭގެ ސަބަބުން ޖީޕީއެސް ގެ އެހީގައި އެއްވެސް އެއްޗެއްގެ ނުވަތަ ތަނެއްގެ އަރުލާއި ތޫލު ބަރާބަރަށް ދެނެގަނެވޭ ގޮތެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ބިލް ކްލިންޓަންގެ އަމުރުފުޅަކަށް، އެއްވެސް ގަޑުބަޑެއްނެތި، ޖީޕީއެސް ސިގްނަލަސް އާންމުކޮށް ލިބޭގޮތް، 2000 ވަނަ އަހަރުގައި ހެދިއެވެ. އެއާ ވިދިގެން އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގައި އެ އާލާތް ހަރުކުރުމަށް ވަރަށް ހަލުވިކޮށް ތަރައްގީ ކުރެވިގެންދިޔައެވެ. އޭގެ ކުރިން ޖީޕީއެސްގެ އެހީގައި ދުއްވީ ހަމައެކަނި ކަނޑުގައި ދުއްވާ އުޅަނދުފަހަރެވެ. ނަމަވެސް އެއީ ޖީޕީއެސްއިން ދައްކާ މައުލޫމާތުގައި 200 މީޓަރުގެ ފަރަގެއް ހުރެދާނެކަން ދެނެގެންނެވެ.

މިހާރު ޖީޕީއެސް އަކީ ކޮންމެ ސްމާޓުފޯނެއްގައިވެސް ހުންނަ ސިފައެކެވެ. އަދި ޖީޕީއެސްގެ އެހީގައި އެ ހުރެވޭ ތަން، ދެތިން ފޫޓަށް ކައިރިން ދެނެގަނެވެއެވެ. އެހެންކަމުން، އެފަދަ ފޯނެއް އަތަގުގައި އޮތުމުން، އެއްވެސްތަނަކަށް ދާން، މަގުއޮޅިގެން އުޅޭކަށް ނުޖެހޭނެއެވެ. އެއީ ބޭރުގައުމެއްގެ ނުދަންނަ ސަރަހައްދެއްކަމުގައި ވިޔަސް، އެހާލަތަށް ތައްޔާރުވެގެން ހުރެއްޖެނަމަ، ވަރަށް ފަސޭހަކަމާއެކު ހައްލުކުރެވޭނެ ކަމެކެވެ.

ޖީޕީއެސް ސިގްނަލް ފޮނުވާ ގޮތް

ޖީޕީއެސްގެ މާޒީއަށް ބަލާއިރު، ޖީޕީއެސްގެ އަސްލު ބިނާވެފައިވަނީ ރޫސީވިލާތުން ފަޒާއަށް ފޮނުވި "ސްޕުޓްނިކް" ސެޓެލައިޓްތަކުގެ ޒަމާނުގައި، އެ ސެޓެލައިޓް އެވަގުތެއްގައި "އޮތް" ތަން، "ޑްޕްލަރ އިފެކްޓް" ބޭނުންކޮށްގެން، ސައިންސްވެރިން ދެނެގަތުމުގެ ނިޒާމުގެ މައްޗަށެވެ. އެމެރިކާގެ ކަނޑުގެ ސިފައިން އެ ފަންނު ބޭނުންކުރަންފެށީ، 1960 ގެ އަހަރުތަކުގައި، ނިއުކްލިއަރ މިސައިލާއެކު ދަތުރުކުރާ، އެމީހުންގެ އަޑިންދާބޯޓު ފަހަރު އޮތްތަން ދެނެގަތުމަށެވެ. އެމީހުން ފަޒާއަށް ދޫކޮށްފައިވާ ހަ ސެޓެލައިޓެއްގެ އެހީގައި، "ޑްޕްލަރ އިފެކްޓް" ގެ އެހީގައި ކޮންމެ އަޑިންދާބޯޓެއްވެސް އޮތްތަން އެ އުޅަނދަށް ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެނެގަނެއެވެ.

އެއަށް ފަހު، 1970 ގެ އަހަރުތަކުގައި، އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސް އިން ބޭނުންވީ، ދަތުރުފަތުރުކުރުމަށް އެހީވެދޭނެ ހަރުދަނާ ނިޒާމެއް ދާއިމީގޮތެއްގައި ދުނިޔޭގެ ކޮންމެ ދިމާލެއްގައިވެސް ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރުމަށެވެ. އެއާ ވިދިގެން 1978 ވަނަ އަހަރު، އެ ޑިޕާޓްމެންޓުން "ނެވިގޭޝަން ސިސްޓަމް ވިތް ޓައިމިންގް އެންޑް ރޭންޖިންގް" ނުވަތަ "ނެވްސްޓާ" ގެ ފުރަތަމަ ސެޓެލައިޓް ފަޒާއަށް އުދުއްސާލިއެވެ. އެ ނިޒާމުގެ 24 ސެޓެލައިޓް ފޮނުވާ ހަމަކުރީ 1993 ގައެވެ.

ޖީޕީއެސް އަކީ މިހާރު ފަޒާގައި ބިނާކޮށްފައިވާ "ރޭޑިއޯނެވިގޭޝަން" ގެ ނިޒާމެކެވެ. އޭގެ މިލުކުވެރި ފަރާތަކީ އެމެރިކާ ސަރުކާރެވެ. އެ އޮޕަރޭޓުކުރަނީ ޔޫއެސް އެއާފޯސް އިންނެވެ. ޖީޕީއެސްގެ ދެ ދަރަޖައެއްގެ ހިދުމަތް އޮވެއެވެ. އެއް ދަރަޖައަކީ L1 ފުރިކުއެންސީގައި އޮޕަރޭޓުކުރާ "ސްޓޭންޑަޑް ޕޮޒިޝަނިންގް ސަރވިސް" (SPS) އެވެ. ދެވަނަ ދަރަޖައަކީ، ހަމައެކަނި އެމެރިކާގެ އަސްކަރީ ބޭނުމަށް، L1 އާއި L2 ޕުރިކުއެންސީގައި ހިދުމަތް ދޭ، "ޕްރިސައިސް ޕޮޒިޝަނިންގް ސަރވިސް" (PPS) އެވެ. SPS އަކީ އާންމުކޮށް އެންމެންގެ ބޭނުމަށް، މުޅިން ހިލޭ، ހުޅުވާލާފައިވާ ޖީޕީއެސް ހިދުމަތެކެވެ.

ދިވެހިރާއްޖޭގައި ޖީޕީއެސް ނިޒާމު ބޭނުންތެރިގޮތެއްގައި އާންމުކޮށް ހިފަނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރެވެ. އެއީ ރާއްޖޭގެ ފަރުތަކާއި ކަނޑުގެ ސަރަހައްދުގެ ތަފުސީލުހުރި ޗާޓު ތަރައްގީކޮށްގެން، އުޅަނދުގައި ހަރުކޮށްފައި ހުންނަ ޖީޕީއެސްއަށް އަޅައިގެންނެވެ. އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް ބޭނުންކުރެވޭ ފެންވަރަށް ރާއްޖެއަށް ހާއްސަ ޗާޓެއް ތަރައްގީކޮށްފައެއް ނެތެވެ. މައިގަނޑު އެއް ސަބަބަކީ "ގޫގްލް މެޕްސް" އިން ވަރަށް ތަފުސީލު ޗާޓެއް ތައްޔާރުކޮށްފައިވާތީއެވެ. އެހެންނަމަވެސް، ހަމައެކަނި މާލެއަށް ބަލައިލިއަސް، މާލެއަށް ހާއްސަ ޗާޓެއް ތަރައްގީކޮށް ބަލަހައްޓާނަމަ، މާލޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރަށް ވަރަށް ފަސޭހަވެ، މަގުމަތި ތޮއްޖެހުން ކުޑަވާނެއެވެ. މާލޭގެ މަގެއް ބަންދުކުރާނަމަ، އެފަދަ ޗާޓުން ފެންނާނެއެވެ. ޓުރެފިކު ބާރުބޮޑު ދިމަތަށް އެއިން ދައްކުވައިދޭނެއެވެ. އެހެންކަމުން، މިސާލަކަށް ޓެކްސީއެއް ވަކި މަންޒިލަކަށް ވާސިލުވުމަށް އެންމެ އަވަހަށް ދެވޭނެ ގޮތް ޖީޕީއެސް އިން ހިސާބުޖެހުމަށްފަހު، ދައްކާނެއެވެ. އަދި އޭގެ ސަބަބުން ޓެކްސީ ޑްރައިވަރަށް ވަގުތު ސަލާމަތްވެ، އިތުރު ދަތުރުތަކަށް ފުރުސަތުލިބޭނެއެވެ. ފަސިންޖަރުންވެސް މަންޒިލަށް އަވަހަށް ދެވޭނެއެވެ. މިހުރިހާ ކަމެއްގެ ޖުމުލަވެގެންދާނީ އިގުތިސޯދަށް ކުރާ ވަރަށް އެދެވޭ ފައިދާއަކަށެވެ.