ކޮންމެ ގައުމެއްގައިވެސް، މަސައްކަތްތެރިންނަކީ، އެ ގައުމެއްގެ ތަރައްގީގެ ތަސައްވުރުތައް ހަގީގަތަކަށް ހަދައިދޭ މީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ "ތަމައްދުންގެ ރީތި ކުލަތަކުން މުޖުތަމައު ޒީނަތްތެރިވެ، ނަމޫނާ ހަޟާރަތެއް ބިނާވެގެން ދަނީ، އެ މުޖުތަމައެއްގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ ސަބަބުން،" ކަމަށެވެ.

ޢިލްމީ ވިސްނުންތަކާއި އުފެއްދުންތެރި ފިކުރުތަކަށް، ޢަމަލީ ސިފަ ގެނެސްދޭ ބަޔަކީވެސް، އެ މުޖުތަމަޢެއްގެ މަސައްކަތްތެރިން ކަމަށް ވިދާޅުވިއެވެ. ދިވެހިރާއްޖޭގައިވެސް މަސައްކަތްތެރިން އަދާކުރަމުން އަންނަނީ، ޝުކުރާއި ތަޢުރީފު ޙައްޤު ދައުރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކީ، މަސައްކަތްތެރިއެއް ކަމަށެވެ. އެހެންކަމުން، މަސައްކަތްތެރިންނަކީ މުޖުތަމަޢުގެ ފުރިހަމަ އިޙްތިރާމާއި ގަދަރު ޙައްގުވާ ބައެއްކަން ފާހަގަ ކުރެއްވިއެވެ. މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކޮށްދީ، ޙައްގުތައް ލިބިދިނުމަށް، މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.