"މެރިޓައިމް ޓްރާންސްޕޯޓް" އަކީ ކަނޑުގައި ދަތުރުކުރުމާއި ކަނޑުމަގުން މުދަލާއި މީހުން އުފުލުމުގެ ސިނާއަތެކެވެ. އެއީ "ކަނޑުދަތުރުކުރުން" ކަމުގައި މި ބަލަނީ އޭގެ މާނަހަނިކޮށް، ހަމައެކަނި ދަތުރުފަތުރުކުރުމުގެ ބައި ހިމެނުމުގެ މަގުސަދުގައެއް ނޫނެވެ. އެހެން ނަމަވެސް ކުރުކޮށް އެންމެ ފަސޭހައިން ބޭނުންކުރެވޭނީ އެ އިބާރާތެވެ.
ކަނޑުގައި ދަތުރުކުރުމަކީ ވަރަށް ޒަމާންވީ، އެހެންނަމަވެސް މިހާރުވެސް ވަރަށް ފުޅާކޮށް ބޭނުންކުރާ ދަތުރުކުރާ ގޮތެކެވެ. އެއީ ގަދީމީ އީޖިޕްޓް (މިސުރު) ގައިވެސް ބޭނުންކުރި ގޮތެކެވެ. ފުރޮޅު އީޖާދުކުރުމުގެ ކުރިން ބަރުތަކެތި ދުރުތަނަކަށް ގެންދެވޭނެ ހަމައެކަނި ގޮތެވެ. މިސުރުގައި ބިނާކޮށްފައި ޕިރަމިޑުތަކުގެ ގާ ތަކަކީ އޭގެ ބަރުދަނުގައި 4000 ކިލޯގުރާމު ހުންނަ ވަރުގެ ބޮޑެތި ހިލައިން ހަދާފައިވާ ގަލެވެ. ނަމަވެސް އެއިން ހިސާބެއްގައި އެފަދަ ހިލަ ކެނޑޭނެ ފަރުބަދައެއް ނެތުމުން، އެ ހިލަތައް އެ ސަރަހައްދަށް ގެނެސްފައިވަނީ ނީލަ ކޯރުންލާފައި، ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ކަމަށް ތާރީހު ދިރާސީން ލަފާކުރެއެވެ.
ފަލި ޖަހައިގެންނާއި، ކަބައިގެން ދުއްވި އުޅަނދުފަހަރު ބޮޑެތިވެ، ރިޔާ ނެގުމަށްފަހު، ރިޔަލާއި ފަތްޔާ ދެބައި ހަރުކޮށްފައި ހުންނަ އުޅަނދުފަހަރުވެސް ބަނދެފައިވެއެވެ. ވަކިން ހާއްސަކޮށް ޕޯޗުގީޒުންނާއި ސްޕެއިންގެ އިސްތިއުމާރީ ވާދަވެރިކަމުގެ ދުވަސްވަރު ބަނދެފައިވާ ހަނގުރާމަތީ އުޅަނދުތައް ފާހަގަ ކޮށްލަން ޖެހެއެވެ.
އެއަށްފަހު، ސްޓީމް އިންޖީނު އީޖާދުކުރުމާ ގުޅިގެން، ކަނޑުދަރުކުރާ އުޅަނދުފަހަރުގައިވެސް އިންޖީނު އަޅަން ފެށިއެވެ. އެއާއެކު އުޅަނދުފަހަރުގެ ސައިޒު އިތުރަށް ބޮޑުވިއެވެ. އަދި ލަކުޑިން ބަނދެވޭ ވަރަށް ވުރެ ބޮޑެތި އުޅަނދުބަނުމަށް ދަގަނޑުގެ އެހީ ހޯދިއެވެ. އެއަށްފަހު ލަކުޑީގެ ބަދަލުގައި ދަގަނޑުން އެކަނި ބޯޓުފަހަރު ބަނުމާއި އެހެނިހެން މައުދަނުގެ "އެލޯއި" ގެ އެހީއާއެކު، އުޅަނދުފަހަރުގެ ސައިޒު ބޮޑުކުރުމަށް މިހާރު ވަކި މިންވަރެއް ނެތެވެ.
ދުނިޔޭގެ ތިންބައިކުޅަ ދެބަޔަކީ ކަނޑުކަމުގައިވާތީ، ކަނޑުދަތުރުކުރުމަކީ މިހާރުވެސް އެންމެ ފުޅާކޮށް ދަތުރުކުރާ ގޮތެވެ. އެއީ ބައިނަލްއަގުވާމީގޮތުންވެސް އެންމެ ގިނައިން މުދާ އުފުލާ ގޮތެވެ. އަދި އޭގެމައްޗަށް ފަތުރުވެރިކަމުގެ ސިނާއަތެއް ބިނާވެފައިވާ ކުރޫޒް ޝިޕް އާއި ޕެސެންޖަރ ލައިނަރ ތަކަކީވެސް ވަރަށް ގިނައިން ދުއްވާ އުޅަނދުގެ ބާވަތެކެވެ. ތިޔޮ އުފުލުމަށާއި، ހަކަތަ އުފެއްދުމަށް ބޭނުންކުރާ އެހެނިހެން މާއްދާތައް އުފުލުމަށް ކަމަށްހާއްސަ އުޅަނދުފަހަރުވެސް ހުރެއެވެ. މިހާތަނަށް ބަނދެފައިފާ އެންމެ ބޮޑު ބޯޓަކީވެސް ތެޔޮ ޓޭންކަރެކެވެ. އެއީ ދިގުމިނުގައި 458 މީޓަރު ހުންނަ އުޅަނދު "ސީވައިސް ޖަޔަންޓް" އެވެ. އެބޯޓަށް ފަހުން ކީ އެއް ނަމަކީ "ނޮކް ނެވިސް" އެވެ. ގޮވާމާއި ސިމެންތި ފަދަ މާއްދާތައް އުފުލުމަށް "ބަލްކް ކެރިއަރ" އާއި، ކާރު އުފުލުމަށް "ކާ ކެރިއަރ" އާއި، ދޮންކެޔޮ އުފުލުމަށް "ބަނާނާ ކެރިއަރ" އަކީވެސް އާގުބޯޓުފަހަރުގެ ބާވަތްތަކެކެވެ.
ބޯޓުފަހަރުގެ ސައިޒު ބޮޑުވުމުން، އެކުސިޑެންޓެއް ވެއްޖެނަމަ ލިބޭ ގެއްލުމަކީ މުޅި ދުނިޔެއަށް އޭގެ އަސަރު ކޮންމެވެސް ގޮތަކަށް ކުރާނެ ވަރުގެ ބޮޑެތި ކާރިސާއަށެވެ. ދާދިފަހުން ސުއޭޒް ކެނާލް ގައި ތާށިވީ ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނަރ ބޯޓާ އެއް ދިގުމިނުގެ "އެވަރ ގިވަން" އެވެ. އޭގެ ސަބަބުން، ދުނިޔޭގެ މެރިޓައިމް ޓްރާންސްޕޯޓްގެ %90 އޮތީ ހުއްޓިފައެއެވެ. އަދި އެހާދިސާއަށް ނެގި ހަ ދުވަހަށްވުރެ އިތުރަށް ދިގުދެމިގެން ދިޔަނަމަ، އޭގެ އަސަރު ހުރިހާ ގައުމަކަށް ކުރީހެވެ.
ފަތުރުވެރިން ދުނިޔެވަށާ ދުއްވާ ކްރޫޒް ޝިޕްގެ ގޮތުގައި ބޭނުންކުރާ އެންމެ ބޮޑު ޕެސެންޖަރ ލައިނަރ އަކީ "ސިންފަނީ އޮފް ދަ ސީސް" އެވެ. އެއީ 2018ގައި ބަނދެގެން ބޭލި، 8800 މީހުންނައިގެން ދަތުރުކުރާ އުޅަނދެކެވެ. އޭގެ ދިގުމިނުގައި 1188 ފޫޓު ހުރެއެވެ.
ކަނޑުދަތުރުކުރުމުގެ ސިނާއަތަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި، ހުރިހާ ގައުމަކަށް އޭގެ ފައިދާ ކުރާ ސިނާއަތެކެވެ. ކަނޑުގެ އައްސޭރިފަށަލައިގާ ނުވާ ގައުތަކަށްވެސް އޭގެ ފައިދާ ކުރެއެވެ. ކަނޑުދަތުރުފަތުރު ކުރުމަކީ ހަނައެކަނީ ބިޔަ ބޮޑެތި ބޯޓުފަހަރު ބަނދެގެން ދުއްވުމެއް ނޫނެއެވެ. އެއީ އެއާ ގުޅިގެން ބަނދަރުތައް ހެދި، މުދާ ބޭލުމަށް ބިނާތައް ގާއިމުކުރެވި، ފަސިންޖަރުން އަރާފޭބުމަށް ބޭނުންވާ މަގަތުފާލަން ފަދަ ބިނާތައް އެކުލެވޭ ކަމެކެވެ.
އޭގެ އިތުރުން، ބޯޓުފަހަރުގައި އުޅޭ ފަޅުވެރިންނަކީ ވެސް އެ ސިނާއަތުގެ އެންމެ މުހިންމު އެއްބައެކެވެ. "ބޯޓު ދަތުރުކުރާ މީހުން" ނަކީ ރާއްޖޭގައިވެސް އުޅޭ ބައެކެވެ. ފިލިޕިންސަކީ ދުނިޔޭގެ އެންމެ ގިނަ ފަޅުވެރިން ފޮނުވާ ގައުމެވެ. "ސީފެއަރަރސް" ގެ ނަމުން ބައިނަލްއަގުވާމީ މުއާހަދާތަކުގައި ނަންދީފައިވާ ބޯޓުދަތުރުކުރާ ފަޅުވެރިންނަކީ، އެމީހުންގެ ގައުމުގެ ގާނޫނީ އިމުން ބޭރަށް ދާ ބަޔަކަށް ވެފައި، ކަނޑުދަތުރުކުރާ އިރު، އެ އުޅަނދު ދަތުރުކުރަމުން ދަނީ ބައިނަލްއަގުވާމީ ކަނޑުގައި ކަމަށް ވުމުން، އެއްވެސް ގައުމެއްގެ ގާނޫނުގެ ހިމާޔަތް ނުލިބޭ ބައެކެވެ. އެހެންކަމުން އެމީހުންގެ ރައްކާތެރިކަމާ ސަލާމަތަކީ ހަމައެކަނި ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ އެއްޗެކެވެ. ނަމަވެސް އެއްވެސް ކަހަލަ ލޯއެންފޯސްމެންޓްގެ އިދާރާއެއް ނެތުމުން، އެމީހުންނާ މެދު އިހާނެތިކޮށް ހިތުމަކީ މިހާރުވެސް ހިނގަމުންދާ ކަމެކެވެ.
އާގުބޯޓުފަހަރު އަންދަނީ ކަޅުތެލެވެ. އޭގެ ސަބަބުން އަރާ ދުމުން، ދުނިޔޭގެ ތިމާވެއްޓަށް ގެއްލުންވާތީ، މިހާރު އެފަދަ ދުންނާރާގޮތަށް އިންޖީނު ތަރައްގީ ކޮށްފައިވެއެވެ. އަދި ދުނިޔެއިން ތެޔޮ ހުސްވާ ދުވަސް ކައިރިވާތީ، ބޯޓުފަހަރުދުއްވުމަށް އެހެނިހެން މާއްދާތައް ބޭނުން ކުރުމަށް ދިރާސާކޮށް ތަހުލީލުކުރެވެމުން ދެއެވެ. އެގޮތުން މިހާރު ސޯލާ (އަވި) ހަކަތައިގެ އެހީއާއި، ވައިގެ އެހީ ބޭނުންކުރާ އިންޖީނު އުފައްދާފައިވެއެވެ. އަދި މުޅިން ސާފު މާއްދާއެއް ކަމަށްވާ ހައިޑްރިޖަން، ތެލެއްގެ ގޮތުގައި ބޭނުންކުރާ އިންޖީނުއަޅައިގެން ހާއްސަކޮށް ފެރީބޯޓު އުފައްދާފައިވެއެވެ. މުސްތަގުބަލުގައި މި ބާވަތުގެ ތެޔޮ (ފުއެލް) ވެގެން ދާނީ ހަކަތަ އުފެއްދުމަށް ބޯޓުފަހަރުގައި ބޭނުންކުރާ އެންމެ އާންމު މާއްދާއަށެވެ.
އެހެންކަމުން، ކަނޑުދަތުރުފަތުރުކުރުމަކީ ވަރަށް ގިނަ ދާއިރާތަކެއް އޭގައި ހިމެނޭ ސިނާއަތެކެވެ. އަދި އޭގެ އަސަރު ދުނިޔޭގެ ހުރިހާ ގައުމަކަށް ކުރާ ސިނާއަތެކެވެ. ވަކިން ހާއްސަކޮށް، ކަނޑުގެ އައްސޭރީގައި، ނުވަތަ ކަނޑުގެ މެދުގައި އޮންނަ ގައުމުތަކުން، ކަނޑުދަތުރުކުރުމަށް އިތުރު އަހަންމިއްޔަތެއް ދީގެން، އެކަމާގުޅޭ ބިނާތައް، ދުރާލާ ތައްޔާރުކުރުމަކީ ގައުމުގެ ތަރައްގީއާ ސީދީ ގުޅުންހުރި ކަމެކެވެ.