މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން މާލޭގައި ރޭ ބޭއްވި އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާއިމެދު ހިޔުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗުއާރުސީއެމް) ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކޮމިޝަނުން ވިދާޅުވެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. "މި ހައްގުގެ ބޭނުން ކުރެވޭނެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހެއެވެ. ރޭގެ މި ހާދިސާއާއި ގުޅިގެން އެންޓި-ޓޯޗަރ ޤާނޫނުގެ ދަށުން މި މައްސަލަ ކޮމިޝަނުން ބަލަމުންދާނެވާހަކަ ދަންނަވަމެވެ." އެޗުއާރުސީއެމުން ވިދާޅުވެފައިވެއެވެ.

މި މުޒާހަރާ ރޫޅާލުމުގައި އާދަޔާ ޚިލާފަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާތީ އެކަން ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ބާރުގެ ބޭނުން ކުރަން ފުލުހުންނަށް ދީފައިވަ ބާރުގެ ބޭނުން ކުރެވޭނީ އެބާރު ބޭނުން ކުރުމަށް އޮންނަ މިންގަނޑުގެ ތެރެއިން ކަމަށެވެ. އެއާ ޚިލާފަށް ބާރުގެ ބޭނުން ކޮށްފައިވޭތޯ "އިރާދަ ކުރެއްވިއްޔާ" ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މި މައްސަލަ ބެލުމަށް މިހާރު އަމުރު ކުރައްވާފައިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވެސް ވަނީ ވިދާޅުވެފައެވެ. މުޒާހަރާ ރޫޅާ ލުމުގައި ފުލުހުންވަނީ ހަޑިހުތުރު ބަހުން މީހުންނާ މުޚާތަބުކޮށް ނޫސްވެރިންްނަށް ވެސް ހުރަސް އަޅާފައި ކަމަށް މުޒާހަރާ ކަވަރު ކުރަން އުޅުނު ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ.