ފަލިޖެހުމަކީ އެންމެ އިހުގައި ކަނޑުދަތުރުފަތުރު ކުރުމަށް ބޭނުންކުރި ގޮތެވެ. މީގެ 6000 އަހަރުކުރިން ގަދީމީ އިޖިޕްޓް (މިސުރު) ގައި ފަލިޖެހި އުޅަނދު ޝާހީ ދަތުރުތަކުގައި ބޭނުންކުރިކަމުގެ ދަލީލު ފެނިފައިވެއެވެ. އަދި އެއަށް ފަހު ރޯމަނުންނާއި ގްރީކުން ވެސް ފަލިޖެހި އުޅަނދުފަހަރު ބަނދެފައިވެއެވެ. "ގެލީ" ފަދަ ހަނގުރާމަމަތީ އުޅަނދުފަހަރުގައި އެ މީހުން ފަލި ހަރުކޮށްފައި ހުއްޓެވެ. މިހާރު ފަލިޖެހުމަކީ މައިގަނޑު ގޮތެއްގައި ކުޅިވަރެކެވެ. ނުވަތަ ކަސްރަތު ކުރުމުގެ ހަރަކާތެކެވެ. އަދިވެސް ބޮއްކުރާ އާއި ޑިންގީ ފަދަ ކުދި އުޅަނދުފަހަރުގައި ފަލިޖަހައެވެ.

ގަދީމީ އިޖިޕްޓްގައި ރަށްތައް ބިނާކޮށްފައިވަނީ ނީލަ ކޯރުގެ އައްސޭރިގައެވެ. ނުވަތަ އެ ކޯރާ މާދުރުނޫން ހިސާބެއްގައެވެ. އޭގެ މައިގަނޑު ސަބަބަކީ ދަތުރުފަތުރުކުރުމަށް ނީލަ ކޯރު ބޭނުން ކުރުމެވެ. އެއްޗެއް އުފުލަންޏާ އުފުލެނީ ޖަނަވާރެއްގެ ބުރަކަށިމަތީގައި ނުވަތަ ކޯރުގައި ދުއްވާ އުޅަނދެއްގައެވެ. ބަރުއެއްޗެތި އުފުލެނީ ހަމައެކަނި އެފަދަ އުޅަނދެގައެވެ. މިސުރުގައި މިހާރު ވެސް ފެންނަން ހުރި ބޮޑެތި ބިނާތައް ހަދާފައިވަނީ ހިލަ ބުލޮކުން ނެވެ. އެއިން ހިލަގަނޑެއްގެ ބަރުދަނުގައި ހަތަރު ޓަނު ހުރެއެވެ. އަދި ބައެއް "އޮބެލިސްކް" ގައި 180 ޓަނު ހުރެއެވެ. އެހާ ބަރު ހިލަތައް އުފުލާފައިވަނީ ކޯރުގައި ދުއްވާ އުޅަނދުފަހަރުގައި ކަމަށް ޔަގީންކުރެވެއެވެ. ("އޮބެލިސްކް" އަކީ އޭގެ ފޫ ހަތަރެސްކަން ހަމަކޮށް، އަދި ދިގުމިނުގައި 70 ފޫޓު ހުންނަ ވަރުގެ ހިލަގަނޑެއް ކަނޑާނަގައިގެން އެކަތިގަނޑަކަށް ތައްޔާރުކުރާ ތަނބެކެވެ. އެމެރިކާގެ ނިއުޔޯކުގައާއި އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ "ކްލިއޮޕެޓްރާސް ނީޑްލް" އަކީ މިސުރުން އެ ދެ ގައުމަށް ހަދިޔާކުރި ދެ "އޮބެލިސްކް" އެވެ.)

ނީލަކޯރުގައި ދަތުރުކުރުމަށް ފަލިޖެހި އުޅަނދު ބޭނުންކުރި

ނީލަ ކޯރުގައި ދުއްވި އުޅަނދުފަހަރު ދުއްވީ އެންމެ ފުރަތަމަ ފަލިޖަހައިގެންނެވެ. އެއީ އުޅަނދެއްގައި 30 ފަލި ނުވަތަ 60 ފަލި ހަރުކޮށްގެންނެވެ. ބައެއް "އޮބެލިސްކް" އުފުލި އުޅަނދުފަހަރުގައި 500 ފަލި ހުރި ކަމުގައި ވެއެވެ. އެހާގިނަ ފަލި ހަރުކޮށްގެން އުޅަނދު ދުއްވުމުގައި ފަންނިއްޔާތާއި އުކުޅުތަކާއި ހުނަރުތަކެއް އެކުލެވިގެން ވެއެވެ. އޭގެ ތެރެއިން ބައެއް ވަނީ ތާރީހުގެ ތެރޭގައި އޮބާލާފައެވެ.

ގަދީމީ ގްރީކް މީހުން ބަތް "ޓްރައިރީމް" އަކީ ވަރަށް ހަލުވި، ހަނގުރާމަމަތީ އުޅަނދެކެވެ. އޭގައި ފަލި ހަރުކޮށްފައި ހުރީ، އެއް ބަރީގެ މަތީ އަނެއްބަރި ހުންނަ، ތިން ބަރިއަށެވެ. ފަލިޖެހުމަށް 170 މީހުން ބޭނުން ކުރިއެވެ. އޭގައި ރިޔާނަގާފައިވެސް ހުއްޓެވެ. މެޑިޓަރޭނިއަން ކަނޑުގެ އައްސޭރި ގައުމުތަކަށް ޓްރައިރީމު ވެގެން ދިޔައީ ވަރަށް ބިރުވެރި އުޅަނދަކަށެވެ.

ތިން ބަރިއަށް ފަލި ހަރުކުރި "ޓްރައިރީމް"

ޓްރައިރީމް ބޭނުންކޮށްގެން ގިނަ ހަނގުރާމަ ކޮށްފައިވަނީ ގްރީކުންގެ ދެމެދުގައި އޮތް ދާހިލީ ވާދަވެރިކަމުގައެވެ. އެއިން ހަނގުރާމައެއް ގިނަދުވަސްތަކަކަށް ދެމިގެން ދެއެވެ. އުޅަނދުފަހަރުން ދުނި އުކުމުގެ އިތުރުން، އެއް އުޅަނދު އަނެއް އުޅަނދަށް މުޑިއެރުވުމަކީ ވެސް ގެންގުޅުނު އުކުޅެކެވެ.

ރޯމަން ގެލީ އެއް

ރޯމަން އެމްޕަޔަރ ގައިވެސް ފަލިޖެހި އުޅަނދު ބޭނުންކުރިއެވެ. "ގެލީ" އަކީ އެމީހުން ބޭނުންކުރި ހަނގުރާމަމަތީ އުޅަނދެކެވެ. އެއީ ފަލިޖަހައިގެން ދުއްވި އުޅަނދެކެވެ. ނަމަވެސް، ރޯމަނުންނަކީ މައިގަނޑުގޮތެއްގައި އެއްގަމުގައި ހަނގުރާމަ ކުރި ބަޔަކަށްވެފައި، ގެލީ ފަދަ އުޅަނދުތަކުގެ ބޭނުން ހިފައިވަނީ ނިސްބަތުން ކުޑަކޮށެވެ.

"ލިބަރނާ" އަކީ ރޯމަނުންގެ އުޅަނދެއް

ނަމަވެސް ރޯމަނުންގެ ދިގު ވެރިކަމުގެ ފަހު ގަރުނުތަކުގައި އެހެނިހެން އުޅަނދުފަހަރު ބަނދެ، އޭގެ ބޭނުން ހަނގުރާމައިގައާއި މުދާއުފުލުމަށް ބޭނުންކޮށްފައިވެއެވެ. އެ އުޅަނދުފަހަރުގައި ރިޔާ ނަގާފައި ހުރިނަމަވެސް، ފަލީބޭނުން ކޮށްފައިވެއެވެ.

ގެލީއަކީ ސްޕެއިންގެ މަޝްހޫރު "ސްޕެނިޝް އާމަޑާ" ގައިވެސް ބޭނުންކުރި އުޅަނދުގެ ބާވަތެކެވެ. އެ ލަޝްކަރުގައި ފަލިޖެހުމަށް 2000 މީހުން ތިއްބެވެ. ފަލިޖަހައިގެން ދުއްވި ގެލީ ވެގެން ދިޔައީ 16 ވަނަ ގަރުނާ ހަމައަށް ހަނގުރާމައިގާ ބޭނުންކޮށްއުޅުނު ވަރަށް އާންމު އުޅަނދަކަށެވެ.

އެއަށްފަހު އުޅަނދުފަހަރުގައި ރިޔާނެގުން އިތުރުވިއެވެ. އަދި ދަތުރުތަކުގެ ދުރުމިން އިތުރުވެ، ކަނޑުމަތީގައި ހޭދަކުރާ ދުވަސް އިތުރުވެ، ފަލިޖެހުމުގެ ބޭނުން ކުޑަވިއެވެ. އުޅަނދުފަހަރުގައި އިންޖީނުއެޅުމުން، ފަލީގެ ބޭނުން އެކުގައި ކެނޑުނެވެ. ކުޅިވަރެއްގެ ގޮތުގައި ފަލިޖެހަންފެށީ 1828 ވަނަ އަހަރު އިނގިރޭސިވިލާތުގެ އޮކްސްފޯޑް ކޭމްބްރިޖް ޔުނިވަރސިޓީ ބޯޓް ރޭސް ގައި ކަމަށް ބެލެވެއެވެ.

ފަލިޖެހުމަކީ މިހާރު ވަރަށް މަގުބޫލު ކުޅިވަރެއް

މިހާރު ފަލި ޖެހުމަކީ ކުޅިވަރެކެވެ. އެއީ އޮލިމްޕިކްސްގައި އޮންނަ ކުޅިވަރެކެވެ. ތަރައްގީވަމުން އަންނަ ބައެއް ގައުމުތަކުގައި އަދިވެސް ފަލިޖެހި އުޅަނދު ކުރުދަތުރު ކުރުމަށް ބޭނުންކުރެއެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި މިހާރު ފަލިޖެހުން ވެފައިވަނީ ދަތުރުކުރުމުގެ ބޭނުމުގެ ބަދަލުގައި، މަސްބޭނުން ނުވަތަ މުނިފޫހިފިލުވުމަށް ކުރާ ހަރަކާތަކަށެވެ.